އާސަންދަ ނުލިބޭ ބޭހެއް ކަމަށް ބުނެ އޮޅުވާލައި، 3 ފާމަސީއަކުން ބޭހަކަށް 240އާ ހަމައަށް އަގު ކިޔައިފި

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: އާސަންދަ ނުލިބޭ ބޭހެއް ކަމަށް ބުނެ އޮޅުވާލައި، 3 ފާމަސީއަކުން ބޭހަކަށް 240އާ ހަމައަށް އަގު ކިޔައިފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައި --ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އާސަންދަ ނުލިބޭ ބޭހެއް ކަމަށް ބުނެ އޮޅުވާލައި، މާލޭގެ ތިން ފާމަސީއަކުން ބޭހަކަށް 240އާ ހަމައަށް އަގު ކިޔައިފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖޭގެ ބޭސް ފިހާރަތަކުން މުހިންމު ބައެއް ބޭސްތައް ނުލިބުމާއި، ބޭހުގެ އަގު ބޮޑުވުމަކީ ސޯޝަލް މީޑިއާގައި އާންމު ޝަކުވާއެކެވެ. އާންމު ބަލީގެ ޑޮކްޓަރެއް ކަމަށްވާ، ޑރ. އަބްދުލްއަަޒީޒް ހަމީދު ވެސް މިއަދު ވަނީ އެފަދަ މައްސަލައެއްގެ ތަޖުރިބާ ހިއްސާކުރައްވައިފައެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަޒީޒް ވިދާޅުވީ، ހަ އަހަރު ފުރެންއުޅޭ އޭނާގެ ދަރިފުޅަކީ ޑައުންސިންޑްރޯމްއާއި އޯޓިޒަމްއާއި ހައިޕޯތައިރޮއިޑިޒަމް ހުންނަ ކުއްޖެއް ކަމުން އެ ކުއްޖާ ގަވައިދުން ކާ ބޭހެއް ހޯދަން މަސައަކަތް ކުރި ކަމަށެވެ.

ތައިރަނޯމް ކިޔާ އެ ބޭސް އެސްޓީއޯގެ ހެންވޭރު ފާމަސީގައި ނެތުމުން އޭޑީކޭ ހޮސްޕިޓަލް ކައިރިން ދެތިން ފާމަސީއެއް ބެލުމުން، އެއީ އާސަންދައިގެ ދަށުން ލިބޭ ބޭހެއް ނޫން ކަމަށް ބުނި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ފާމަސީން އެ ބޭހަށް 90 ރުފިޔާ އަރާ ކަމަށް ބުނި ކަމަށް ޑރ. އަޒީޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ބޭހުގެ އެއް ފުޅި ތިން މަސް ދުވަހަށް ބޭނުންނުކުރެވޭތީ، އިތުރަށް ބޭސް ހޯދުމަށް އެހެން ފާމަސީތަކަށް ވަޑައިގަތް ކަމަށާއި އޭގެ ތެރެއިން ދެ ފާމަސީއަކުން ބޭސް ލިބެން ހުރި ކަމަށެވެ.

"ކޮންމެ ތަނަކުން ވެސް ބުނީ މި ބޭސް އާސަންދަ އިން ކަވަރ ނުކުރާކަމަށް! 120 ގުޅަ ހިމެނޭ ފުޅިއެއްގެ އަގު އަހާލުމުން އެއް ތަނުން ބުނީ 195 ރުފިޔާއަށް ކަމަށް! އަދި އަނެއް ތަނުން ބުނީ 240 ރުފިޔާއަށް ކަމަށް! މިއީ ވަރަށް ދެރަވަރު ކަންކަން!" ޑރ. އަޒީޒް ލިޔުއްވާފައިވެއެވެ.

އެ ޕޯސްޓަށް އެތައް ސަތޭކަ މީހުންގެ ސަމާލުކަން އެހެން މީހުން ވެސް ވަނީ ގަވައިދުން ބޭނުންކުރާ ޖެހޭ ބައެއް ބޭސްތައް ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިތުރު މީހުން ވަނީ، އެ ބޭސް އިންޑިއާއިން ގަންނައިރު 50 ރުފިޔާއާ އެއްވަރަށް ވެސް އަގު ނާރާކަން ފާހަގަކޮށްފައެވެ. އެގޮތުން، އިންޑިއާގެ އެޕޯލީ ފާމަސީން އެ ބޭސް ލިބެން ހުރީ 185 ރުޕީސް (32 ރުފިޔާ)އަށެވެ.

އެސްޓީއޯ ހުޅުމާލެ ފާމަސީން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، މިހާރު އެ ފާމަސީން ލިބެން ހުރި ތައިރަނޯމް 50ގެ ފުޅިއެއްގެ އަގަކީ 94.70 ރުފިޔާއެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އާސަންދަ ކުންފުނިން ވެސް ވަނީ ޖަވާބެއްދީފައެވެ.

އެ ކުންފުނީގެ ފޭސްބުކް ޕޯސްޓުގައި ވަނީ، "ތައިރަނޯމް 25 މައިކްރޯގްރާމް"އަކީ އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދޭ ބޭހެއް ކަމަށެވެ. އެގޮތުން އެ ބޭހަކީ މިއަދު ވެސް ސްކީމްގެ ތެރެއިން ގިނަ ބޭސް ފިހާރަތަކަކުން ދޫކޮށްފައިވާ ބޭހެއް ކަމަށް އާސަންދައިން ބުންޏެވެ.

"އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދެވޭ މިފަދަ ބޭސް ސްކީމްގެ ތެރެއިން ބޭސްފިހާރައިން ފޯރުކޮށްނުދޭނަމަ، އެކަން "ޝިކާވަތި" އަށް ބޭސްފިހާރައިގެ މަޢުލޫމާތާއި އެއްކޮށް ރިޕޯޓްކޮށްދެއްވުން އެދެމެވެ." ކުންފުނިން ބުންޏެވެ.

ރާއްޖެއަށް ހެޔޮ އަގުގައި މެދުނުކެނޑި ބޭސް ފޯރުކޮށްދިނުމަށް އެސްޓީއޯއިން މިދިޔަ މެއި މަހުގެ އަށެއްގައި ވަނީ، އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު ސޮއިކޮށްފައެވެ.

https://sun.mv/209059

އޭގެ ފަހުން ވެސް އަސާސީ ބޭސްތައް ނުލިބޭ މައްސަލަ ފެންމަތިވިއެވެ. ނަމަވެސް ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އަނެއްކާވެސް ދެ ގައުމުން ބޭހާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

އެ އެއްބަސްވުމާއެކު، އިންޑިއާއިން ފެންވަރު ރަނގަޅު ބޭސް ހެޔޮ އަގުގައި ލިބޭނެ ކަމަށް އޭރު ހެލްތު މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ބޭސް އަގުބޮޑު ކުރާ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ރާއްޖޭގައި 'މެޑިކަލް މާފިއާ'އެއް އޮންނަ ކަމަށް ވިދާޅުވެ، ބޭހުގެ އަގު ހަމަ އަގަށް ތިރިކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އާސަންދައަށް ބަދަލުތަކެއް ގެނައި ފަހުން، ރާއްޖޭގެ ބޭސް ފިހާރަތަކުން މުހިންމު ބޭސްތައް ލިބުން ދަތިވީ ބޭސް އެތެރެކުރާ ވިޔަފާރިވެރިން ގަސްތުގައި އެ ބޭސްތައް އެތެރެކުރުން ހުއްޓައިލުމުން ކަމަށާއި ނަމަވެސް، އެކަން ހައްލުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް