ޑެބިޓް ކާޑުން ޑޮލަރުން ކުރެވޭ މުއާމަލާތް 3000 ޑޮލަރާ ހަމައަށް ބޮޑު ކުރަނީ

ބީއެމްއެލް މާސްޓާކާޑް: ޑެބިޓް ކާޑުން ޑޮލަރުން ކުރެވޭ މުއާމަލާތް 3000 ޑޮލަރާ ހަމައަށް ބޮޑު ކުރަން ވަނީ ނިންމައިފައި -- ފޮޓޯ/ ބީއެމްއެލް

ޑެބިޓް ކާޑުން ޑޮލަރުން ކުރެވޭ މުއާމަލާތް 3000 ޑޮލަރާ ހަމައަށް ބޮޑު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ މ. މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ބޭންކުގެ އަހަރީ ދުވަސް ކަމަށްވާ ނޮވެންބަރު 11އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުގައި ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުކުރާނެ ކަމަށެވެ.

އެ ތަރީޚުން ފެށިގެން އެއާލައިންތަކުން ޓިކެޓު ގަތުމަށާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓު ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް އިތުރުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެއިތުރަށް، ނޮވެންބަރު 11އިން ފެށިގެން ބޭރުގެ ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ބޭންކުގައި އެދުމުން ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތް ކުރެވުމުގެ އެންމެ ބޮޑު ފަސޭހައަކީ ރަސްމީ ރޭޓް ކަމަށްވާ 15.42 އަށް ޑޮލަރު ލިބުމެވެ.

އިތުރަށް ވާހަކަދައްކަވަމުން ރައީސް ވަނީ، ބީއެމްއެލްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ތައާރަފުކުރި ޗައިނީސް ޔުއާން އެކައުންޓުގެ ޚިދުމަތަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދިވެހި ވިޔަފާރިވެރިން ޗައިނާގެ ފައިސާއިން ގިނައިން ވިޔަފާރިކުރާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ، ޔުއާން އެކައުންޓު ހުޅުވޭތީ ދިވެހި ވިޔަފާރިވެރިންނަށް ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.

އަންނަ ޖަނަވަރީ އެކަކުން ފެށިގެން ޗައިނާ ފައިސާގެ އެކައުންޓުތަކަށް ޚާއްސަކޮށް، ޔޫނިއަން ޕޭގެ ޑެބިޓާއި ކްރެޑިޓް ކާޑު ތައާރަފުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އެކަން އިންޑިއަން ރުޕީސްއިން ހަމަޖެއްސުމަށް ބޭންކުން މަސައްކަތްކުރާކަން ފާހަގަކުރެއްވިއެވެ.

ޑޮލަރުން ކުރެވޭ މުއާމަލާތް ބޮޑުކުރަން ރައީސް ނިންމެވިއިރު، މިދިޔަ ޖޫން 30ގައި ވަނީ ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކޮށްފައެވެ.

https://sun.mv/207974

އޭގެކުރިން، ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ އަހަރުގެ އޮގަސްޓް, 25 ގައި އެއްކޮށް އުވައިލިއެވެ. އެކަމަކު، އެއީ ރައީސް މުއިއްޒުގެ އެންގެވުމާ ޚިލާފަށް ކުރިކަމެއް ކަމަށް ސަރުކާރުން ބުނި ފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދަށް ބީއެމްއެލުން ވަނީ ނިންމުން ބަދަލުކޮށްފައެވެ.

ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެކަމަކު، އަދިވެސް ބޭންކުން ޑޮލަރު ދޫކުރަނީ 15.42ގެ ރޭޓުންނެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ސަރުކާރުން ވަނީ، ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނާއި ގަވައިދެއް ހަދައިފައެވެ.

https://sun.mv/211603

އެ ގަވާއިދާ އެކު ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެކަމަކު، އެ ގަވާއިދުގެ ދަށުން އެތައް މިލިއަން ރުފިޔާއެއް މާރުކުރި ނަމަވެސް ޑޮލަރުގެ އަގަށް ބަދަލެއް ނާދެއެވެ. އަދި، އެމްއެމްއޭއިން ވަނީ ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެ ބޭންކަށް ނަގަން ނިންމާފައެވެ.

އެހެންވެ، ވިޔަފާރިތަކާއި އާންމުން ވެސް ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމުގެ ސަބަބުން ތަކެތީގެ އަގުތައް ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް