އައިފޯން 17 ސީރީޒްގެ ބައެއް ފޯނުތަކަށް ވައިފައިގެ މައްސަލަތަކެއް

މިފަހަރުގެ އައިފޯން ސީރީޒްގައި ބޭނުންކޮށްފައިވަނީ އެޕަލްގެ އަމިއްލަ އެން1 ޗިޕް ---

އައިފޯން 17 ސީރީޒްގެ ފޯނުތައް މިދިޔަ ހުކުރު ދުވަހު ބާޒާރަށް ނެރުނު ފަހުން، އައިފޯން 17، އައިފޯން 17 ޕްރޯ، އައިފޯން 17 ޕްރޯ މެކްސް އަދި އައިފޯން އެއާ ބޭނުންކުރާ ބައެއް ފަރާތްތަކަށް ވައިފައި ކަނެކްޝަންގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިކަމުގެ މަޢުލޫމާތު މެކްރޫމާސް، ރެޑިޓް އަދި އެޕަލް ސަޕޯޓް ކޮމިއުނިޓީ ފޯރަމްތަކުގައި ވަނީ ޢާންމުވެފައެވެ.

ޚާއްސަކޮށް ފޯނު އަންލޮކްކުރާ ވަގުތު ވައިފައި ކަނެކްޝަން ކެނޑި އަލުން ގުޅޭ ކަމަށް ބައެއް ޔޫޒަރުންގެ ފަރާތުން ފާހަގަކުރެއެވެ. މީގެ ސަބަބުން ކާޕްލޭ އެޕްގެ ވެސް ކަނެކްޓިވިޓީގެ މައްސަލަތައް ދިމާވާ ކަމަށްވެއެވެ. އަދި އެޕަލް ވޮޗް އަޅައިގެން ހުންނަ އިރު މި މައްސަލަ އިތުރަށް ދިމާވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މައްސަލައިގެ އަސްލު ސަބަބު އަދި ސާފު ނޫން ނަމަވެސް، މިއީ ހާޑްވެއާގެ މައްސަލައެއްތޯ ނުވަތަ ސޮފްޓްވެއާގެ މައްސަލައެއްތޯ ބެލެމުންދާ ކަމަށް މެކްރޫމާސްގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.

މިފަހަރުގެ އައިފޯން މޮޑެލްތަކުގައި ވައިފައި 7، ބްލޫޓޫތު 6 އަދި ތްރެޑް ކަނެކްޓިވިޓީއަށް އެޕަލްގެ އަމިއްލަ އެން1 ޗިޕް ބޭނުންކޮށްފައިވާއިރު، ކުރީގެ މޮޑެލްތަކުގައި ބޭނުންކޮށްފައިވަނީ ބްރޯޑްކޮމް ޗިޕް ކަން ފާހަގަވެއެވެ. މިހެންކަމުން، މިއީ އެން1 ޗިޕްގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެޕަލްއިން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިފަދަ މައްސަލަތައް އާންމުކޮށް ހައްލުކުރަނީ ސޮފްޓްވެއާ އަޕްޑޭޓަކުންނެވެ. އައިއޯއެސް 26.0.1 ވަރަށް އަވަހަށް ނެރެން ހަމަޖެހިފައިވާއިރު، މި އަޕްޑޭޓުން މި މައްސަލަ ހައްލުވާނެ ކަމަށް އުންމީދުކުރެވެއެވެ.

މިފަދަ ވައިފައި ކަނެކްޓިވިޓީގެ މައްސަލަތައް އައިފޯންތަކަށް ކުރިމަތިވުމަކީ މީގެ ކުރިންވެސް ދިމާވެފައިވާ ކަމެކެވެ. ޕްރޮޑަކްޓްތައް ބާޒާރަށް ނެރުމުގެ ކުރިން ގިނަ ޓެސްޓުތައް ކުރެވުނު ނަމަވެސް، ޢާންމުކޮށް ބޭނުންކުރާ ހާލަތްތަކުގައި ބައެއް މައްސަލަތައް ފަހުން ފެންމަތިވުމަކީ ނާދިރު ކަމެއް ނޫނެވެ.

comment ކޮމެންޓް