މިދިޔަ ހަފުތާ, މާލޭގައި 44 އެކްސިޑެންޓް, 3 މީހުންނަށް އަނިޔާވި

އެކްސިޑެންޓްތަކަށް ހޭލުންތެރި ކުރަން ފުލުހުން މަގުމަތީގައި: ފުލުހުން ދެނީ އާއްމުންނަށް މުހިންމު މެސެޖެއް-- ފޮޓޯ: ފުލުހުން

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ވެރިރަށް މާލޭގައި 44 އެކްސިޑެންޓް ހިނގިއިރު ތިން މީހުންނަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު ވަނީ މިދިޔަ އާދިއްތަ ދުވަހުން, ހޮނިހިރު ދުވަހަށް މާލެ އާއި ސިނަމާލެ ބްރިޖުގެ އިތުރުން ހައިވޭގައި ހިނގި އެކްސިޑެންޓްތަކުގެ ހިސާބުތައް ހާމަކޮށްފައެވެ.

އެ ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާ އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހުއެވެ. އެ ދުވަހު އެކަނި ވަނީ ނުވަ އެކްސިޑެންޓް ހިނގައިފައެވެ. އަދި ބުރާސްފަތި ދުވަހު އަށް އެކްސިޑެޓް ހިނގިއިރު ހޯމަ ދުވަހާއި ބުދަ ދުވަހު, ކޮންމެ ދުވަހަކު ވަނީ ހަތް އެކްސިޑެންޓް ހިނގައިފައެވެ. މިދިޔަ ހަފުތާ އާދިއްތަ ދުވަހާއި ހޮނިހިރު ދުވަހު ހިނގީ ފަސް އެކްސިޑެންޓެވެ. އެންމެ މަދުން އެކްސިޑެންޓް ހިނގި ހުކުރު ދުވަހު ހިނގީ ތިން އެކްސިޑެންޓެވެ.

މި އެކްސިޑެންޓްތަކުގައި ތިން މީހަކަށް އަނިޔާވިއިރު 35 އުޅަނދަކަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ ހަފުތާގައި ހިނގި 44 އެކްސިޑެންޓްގެ ތެރެއިން 36 އެކްސިޑެންޓް ހިނގީ ދުވާލު ވަގުތުތަކުގައެވެ. ރޭގަނޑު ހިނގީ އަށް އެކްސިޑެންޓެވެ.

އެކްސިޑެންޓްތައް ހިނގިގޮތަށް ބަލާއިރު އެންމެ ގިނައިން އެކްސިޑެންޓް ވެފައިވަނީ ސައިކަލަކާއި ސައިކަލެއް ޖެހިގެންނެވެ. އެފަދަ 15 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި ސައިކަލަކާއި ކާރެއް ޖެހިގެން 13 އެކްސިޑެންޓް ހިނގިއެވެ. ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހަ އެކްސިޑެންޓް, އަދި ސައިކަލަކާއި ބަހެއް ޖެހިގެން ހަ އެކްސިޑެންޓް ވަނީ ހިނގައިފައެވެ.

ފުލުހުން ބުނީ މީގެ ތެރެއިން ގިނަ އެކްސިޑެންޓުތަކަކީ ކުދިކުދި އެކްސިޑެންޓުތަކެއް ކަމުގައިވީ ނަމަވެސް، ކުދިކުދި އެކްސިޑެންޓުތައް ހިނގުމަކީ ވެސް އޭގެ ސަބަބުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ދުއްވާ މީހުންނާއި މަގުތައް ބޭނުން ކުރާ މީހުން އުސޫލުތަކަށް ޖަބާވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް