ކޮންސްޓްރަކްޝަން ކުންފުނި ފެޑޯއިން 48.9 މިލިއަން ރުފިޔާގެ ބޮންޑެއް ނެރެ ތާރީޚުގެ ތެރެއަށް

ފެޑޯ ކުންފުނިން ބޮންޑު ނެރުނުކަމުގެ ލިއުމާ ހަވާލުވަނީ --- ފޮޓޯ: ފެޑޯ ކޮންސްޓްރަކްޝަން

އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފެޑޯ ޕްރައިވެޓް ލިމިޓެޑުން ފުރަތަމަ ފަހަރަށް ބޮންޑެއް ނެރެ، ކާމިޔާބުކަމާއެކު ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ހޯދައިފިއެވެ.

ފެޑޯއިން ބުނީ، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކުން ދޫކުރި ފުރަތަމަ ބޮންޑް، އެ ކުންފުނިން ކާމިޔާބުކަމާއެކު ނެރެ 48.9 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

ވިޔަނަ ޕްލެޓްފޯމް މެދުވެރިކޮށް ޕްރައިވެޓް ޕްލޭސްމަންޓެއްގެ ގޮތުގައި ނެރެފައިވާ މި ބޮންޑަށް ރާއްޖޭގެ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި އިންޝުއަރެންސް ކުންފުނިތައް ހިމެނޭގޮތަށް އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނާއި ރީޓެއިލް އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ފެޑޯއިން ބުނެއެވެ.

މި ބޮންޑަށް 8.5 ޕަސެންޓުގެ އިންޓްރެސްޓް ލިބޭއިރު، މިއީ ފަސް އަހަރުގެ ބޮންޑެއް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ފެޑޯއިން އިތުރަށް ބުނީ މިއީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކުން ބޮންޑެއް ނެރުނު ފުރަތަމަ ފަހަރު ކަމަށާއި، މިކަމުން ދައްކައިދެނީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ކެޕިޓަލް މާކެޓު މެދުވެރިކޮށް ފައިނޭންސިން ހޯދުމުގެ ފުުރުސަތު ހުޅުވާލެވިފައި އޮންނަ ކަމަށެވެ.

އެ ކުންފުނިން މި ބޮންޑު ނެރުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެހެނިގެން ކުންފުނިތަކުން ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިނޭންސިން ހޯދުމުގެ މަގު ހުޅުވިގެންދާނެ ކަމަށް ބެލެވޭ ކަމަށާއި، މިއީ ވިޔަފާރި މަޝްރޫއުތަކަށް ފައިނޭންސިން ހޯދުމުގައި ރާއްޖޭގެ ކެޕިޓަލް މާކެޓްގެ ދައުރު އިތުރުވަމުން އަންނަކަން ހާމަކޮށްދޭ ކަމެއް ކަމަށް ފެޑޯއިން ބުންޏެވެ.

އަދި އަމިއްލަ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ ފަންޑިން ބޭސް ފުޅާކުރުމަށް ވެސް މިކަމުގެ ސަބަބުން ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފެޑޯއިން ބުނީ، މި ތާރީޚީ ބޮންޑު ނެގުމުގެ މަސައްކަތް ރާވައި ހިންގާފައިވަނީ ރާއްޖޭގެ ލައިސަންސް ލިބިފައިވާ އިންވެސްޓްމަންޓް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)އިންނެވެ. އެ ކުންފުނިން ވަނީ މި މުއާމަލާތް އެކުލަވާލުމުގައި ޑީއައިޕީގެ ދައުރު ބޮޑުކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް