އައިފޯން 17 ޕްރޯގައި ކޫރުން އެޅޭތީ ޝަކުވާކުރަނީ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތައް ---

އެޕަލްގެ އައު އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް އާންމުންނަށް ނެރުނުތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި، އެ ފޯނުތަކުގެ ޑިސްޕްލޭ ޔުނިޓްތަކުގައި ފަސޭހަކަމާއެކު ކޫރުން އެޅި، "ސްކްރެޗް" ވާ ކަމުގެ ގިނަ ރިޕޯޓުތަކެއް އަންނަނީ ލިބެމުންނެވެ.

މި މައްސަލައަށް "ސްކްރެޗްގޭޓް" ގެ ނަމުގައި އޮންލައިންކޮށް ބަހުސެއް ވެސް ވަނީ ފެށިފައެވެ.

އާންމުކޮށް އައިފޯނެއް ނެރޭ ދުވަހު އުފާވެރި ވާހަކަތައް ދެކެވޭއިރު، މިފަހަރުގެ ހާލަތު ވަރަށް ތަފާތެވެ. އެމެރިކާގައި ފޯނު ނެރުނުތާ 24 ގަޑިއިރުގެ ތެރޭގައި އެ ފޯނުތަކުގެ ޑެމޯ ޔުނިޓުތައް ވީރާނާވެފައިވާ ކަމަށް އެތައްހާސް ކަސްޓަމަރުން ސޯޝަލް މީޑިއާގައި ބުނަމުންދިޔައެވެ. މިކަން އެންމެ ފުރަތަމަ ފާހަގަކުރީ ޗައިނާގެ ކަސްޓަމަރުންނަށް ކަމަށް ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވެއެވެ. ޗައިނާގެ ސޯޝަލް މީޑިއާ ސައިޓު ވެއިބޯގައި މިކަމާ ގުޅޭ ހޭޝްޓެގް އަދިވެސް ޓްރެންޑުވަމުންދެއެވެ.

ކޫރުންއެޅުމުގެ މި މައްސަލަ އަކީ ޚާއްސަ ގޮތަކަށް ބޭނުންކުރުމުގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. އެޕަލްގެ މެގްސޭފް ޗާޖަރަކު ވެސް ފަސޭހަކަމާއެކު ފޯނުގެ ފަހަތުގައި ރޮނގުއެޅި، ސާކިއުލާ މާކެއް ކުރެހިދާނެއެވެ. ޚާއްސަކޮށް ޑީޕް ބްލޫ ކުލައިގެ ފޯނުތަކުން މިފަދަ ގެއްލުންތައް އިތުރަށް ސާފުކޮށް ފެނެއެވެ. ހަމަ އެހެންމެ ތިން ކުލައިގެ ހުރިހާ ފޯނުތަކުން ވެސް މިފަދަ ގެއްލުންތައް ފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެޕަލް އިން ޓައިޓޭނިއަމް ބޭނުންކުރުމުގެ ބަދަލުގައި އެލްމިނިއަމް ބޭނުންކުރުމަށް ނިންމުމަކީ މި މައްސަލަ މެދުވެރިވި ސަބަބެއް ކަމަށް ބެލެވެއެވެ.

ޔޫޓިއުބަރުން ވަނީ އައިފޯން 17 ޕްރޯގެ ސްކްރެޗް ވާ މިންވަރު ދައްކުވައިދިނުމަށްޓަކައި އެކްސްޓްރީމް ޓެސްޓުތަކެއް ވެސް ހަދާފައެވެ. އެގޮތުން ޖެރީރިގްއެވްރީތިންގް އިން ހެދި ޓެސްޓެއްގައި، ބޮކްސް-ކަޓަރެއް ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއެކު ސްކްރެޗް ވެ، ކޫރުން އެޅޭކަން ދައްކާލާފައިވެއެވެ.

ފައިސާ ފޮއްޗަކުންވެސް ކެމެރާ ޕްލެޓޯގެ ކައިރީގައި ކޫރުން އެޅޭނެކަން ފާހަގަވެފައިވާއިރު، ޕްލާސްޓިކް ފްލެޝް ކަވަރުވެސް ފަސޭހަކަމާއެކު ސްކްރެޗް ވެ، ތަޅުދަނޑި ފަދަ ތަކެތިންވެސް ސްކްރެޗް ވާކަން ފެނިފައިވެއެވެ.

މިފަދަ ޓެސްޓުތަކުގެ ވީޑިއޯ ތަމްނެއިލްތައް ބައެއް ފަހަރު ވީޑިއޯގެ ހަގީގީ މަންޒަރު ނުދައްކާކަން ފާހަގަކުރެވެއެވެ. ތަމްނެއިލްގައި އައިފޯން 17 ޕްރޯ މެކްސް ގެ ފަހަތު ކަވަރަށް ބޮޑެތި ސްކްރެޗްތަކެއް ވެފައިވާކަން ދައްކާފައިވީނަމަވެސް، ހަގީގީ ގޮތުން ފެންނަ ގެއްލުމަކީ ކެމެރާ ޕްލެޓޯގެ ކައިރީގައި ހުންނަ ކުޑަ ގެއްލުމެކެވެ.

ކަސްޓަމަރުންގެ މިފަދަ ޝަކުވާތަކެއް ހުރި ނަމަވެސް އެޕަލް އިން ބުނެފައިވަނީ އައިފޯން 17 ޕްރޯ ސީރީޒް އަކީ ވެސް ކުރީގެ މޮޑެލްތަކެކޭ އެއްފަދައިން ގިނަދުވަހަށް ހަލާކުނުވެ ދެމިހުންނަފަދަ ފޯނެއް ކަމަށެވެ. އަދި އެލްމިނިއަމް ބޭނުންކުރީ އޭގެ ވަރުގަދަކަމާއި، ލުއިކަމާއި، ހޫނު ބޭރުކުރުމުގެ ގާބިލިއްޔަތުގެ ސަބަބުން ކަމަށްވެސް އެޕަލް އިން ބުނެއެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި ދައްކާފައިވާ ބައެއް ގެއްލުންތައް ހަމައެކަނި މަތީފަށަލައިގެ ސްކްރެޗްތަކަށްވުރެ ބޮޑެވެ. އެލްމިނިއަމް ޗެސިސްގެ ކަންތައް ބިނދި، ބަނޑިވެފައިވާ ފޮޓޯތައްވެސް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އެޕަލް އިން އަދި ރަސްމީ ބަހެއް ބުނެފައިނުވާއިރު، ގިނަ ކަސްޓަމަރުންތަކެއް އައިފޯން 17 ޕްރޯގެ ކޮލިޓީއާ މެދު ކަންބޮޑުވެ، އެޕަލްގެ ފަރާތުން ހައްލެއް ހޯދައިދިނުމަށް އަންނަނީ އެދެމުންނެވެ.

comment ކޮމެންޓް