ބިދޭސީން ލައްވާ ގާނޫނާ ޚިލާފަށް ވިޔަފާރިކުރުވާ ނުފޫޒުގަދަ ދިވެހީން އެބަތިބި، ފިޔަވަޅު އަޅާނެ: އިމިގްރޭޝަން

އިމިގްރޭޝަނުން މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަން ތެރެއިން: އޮަޕަރޭޝަންގެ ތެރެއިން ވަނީ މާލޭގެ ނުވަ ސަރަހައްދެއް ބަލާ ފާސްކޮށްފައި ---- ފޮޓޯ/ އިމިގްރޭޝަން

ރާއްޖޭގައި ބިދޭސީން ލައްވާ ގާނޫނާ ޚިލާފަށް މަސައްކަތް ކުރުވާ ނުފޫޒުގަދަ މީހުން ތިބި ކަމަށާއި، އެފަދަ ދިވެހީންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އަޙްމަދު ފަސީހު މިއަދު ވިދާޅުވެއްޖެއެވެ.

ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށްފަހު ވަގުތުން ޑީޕޯޓުކުރާ ގައުމީ އޮޕަރޭޝަނެއް މިއަދު ވަނީ ފަށައިފައެވެ.

https://sun.mv/211595

އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ވަނީ، އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ ނުވަ ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށެވެ. އޮޕަރޭޝަންގެ ތެރެއިން ހިފަހައްޓައި ޑީޕޯޓުކުރީ ކިހާ ބިދޭސީންނެއްތޯ 'ސަން'އިން ސުވާލުކުރި ނަމަވެސް، މިހާތަނަށް އިމިގްރޭޝަނުން ޖަވާބެއް ދީފައެއް ނުވެއެވެ.

އިމިގްރޭޝަނުން މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: އިމިގްރޭޝަން

މި އޮޕަރޭޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފަސީހު ބައިވެރިވެވަޑައިގެންނެވިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފަސީހު ވިދާޅުވީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް ހިންގާ ގިނަ ވިޔަފާރިތައް ހިންގަނީ ދިވެހީން އެކަމުގެ އަޑީގައި ތިބެގެންކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ، މި އޮޕަރޭޝަންގެ ތެރެއިން ނުގަވައިދުން ވިޔަފާރިތައް ހިންގާ ބިދޭސިންނާއި އެކަންކަން ކުރުވާ ދިވެހީންނަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފަސީހު ވިދާޅުވީ ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނަކީ ފަސޭހަ އޮޕަރޭޝަނަކަށް ނުވާނެ ކަމަށެވެ. އެގޮތުން، އެކަމުގެ އަޑީގައި ނުފޫޒުގަދަ މީހުންނާއި ވިޔަފާރިވެރިން ތިބި ކަމަށާއި، އެ މަސައްކަތް ކާމިޔާބުވާނީ ސީރިއަސް މަސައްކަތްތަކެއް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަނާ ގުޅޭ ގޮތުން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދު ޕީއެސްއެމްއަށް ވިދާޅުވީ، އޮޕަރޭޝަން ކުރިއަށް ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދު ބަލައި ފާސްކުރާނެ ކަމަށާއި ދެވަނަ ފިޔަވަހީގެ ތެރެއިން އާބާދީ ބޮޑެތި ރަށްތައް ބަލައި ފާސްކުރެވޭނެ ކަމަށް ދާއޫދު ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ބިދޭސީން ބަލާ ފާސްކުރަނީ: މިއަދު ވަނީ މާލޭގެ ނުވަ ސަރަހައްދެއް ބަލާ ފާސްކޮށްފައި --- ފޮޓޯ/ އިމިގްރޭޝަން

ތިން ވަނަ ފިޔަވަހީގައި ބަލާނީ އާބާދީ ކުދި ރަށްރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމް މިނިސްޓްރީން އަންނަނީ 'އޮޕަރޭޝަން ކުރަނގި' ހިންގަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް