ނާސާއިން 6،000 އަށްވުރެ ގިނަ އެގްޒޯޕްލެނެޓް ހޯދައިފި

އެގްޒޯޕްލެނެޓް -- ފޮޓޯ: ނާސާ

އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މިހާތަނަށް ޖުމުލަ 6،000 އެގްޒޯޕްލެނެޓް (އިރުގެ ނިޒާމުން ބޭރުގައިވާ ޕްލެނެޓް) ހޯދިފައިވާކަން ކަށަވަރުކޮށްދީފިއެވެ.

މިއީ 1995 ވަނަ އަހަރު ފުރަތަމަ އެގްޒޯޕްލެނެޓް ހޯދި ފަހުން، މިދިޔަ ތިން ދަހަރުގެ ތެރޭގައި އިތުރު ޕްލެނެޓްތައް ހޯދުމަށް ފުޅާ ދާއިރާއެއްގައި ނާސާއިން ކުރިއަށް ގެންދިޔަ ޚާއްސަ ދިރާސާތަކެއްގެ ނަތީޖާއެވެ.

ނާސާގެ 'ނެކްސައި'އިން ބަލަހައްޓާ ރަސްމީ ލިސްޓަށް ކޮންމެ އާ ހޯދުމަކާ އެކު މައުލޫމާތު އިތުރުކުރެއެވެ. މިހާރު ވެސް އިތުރު 8،000 އަށްވުރެ ގިނަ 'ކެންޑިޑޭޓް' ޕްލެނެޓްތައް، އެއީ ހަގީގަތުގައި ވެސް ޕްލެނެޓްތަކެއްތޯ ކަށަވަރުކުރުމަށް ދިރާސާ ކުރަމުން އެބަދެއެވެ.

މި ކާމިޔާބީއާ އެކު، ބިމުން ބޭރުގައި ދިރުން ހުރިތޯ ބެލުމަށް ނާސާއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިފައިވެއެވެ. ގެލެކްސީ، މިލްކީ ވޭގައި ބިލިއަނުން ޕްލެނެޓްތައް ހުންނާނެކަމަށް އަންދާޒާކުރެވުނަސް، އޭގެ ތެރެއިން ގިނަ ޕްލެނެޓްތައް އަދިވެސް ހޯދިފައެއް ނުވެއެވެ.

https://sun.mv/209646

ނާސާއިން ބުނާ ގޮތުގައި، މިހާތަނަށް ހޯދިފައިވާ އެގްޒޯޕްލެނެޓްތަކުގެ ތެރޭގައި ވަރަށް ތަފާތު އަދި އާދަޔާޚިލާފު ވައްތަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި، އިރުގެ ނިޒާމުގައިވާ މާސްއަށްވުރެ އަވަހަށް އޭގެ އިރަށް ބުރުޖަހާ 'ހޮޓް ޖުޕިޓާ'ތަކާއި، ދެ އިރުގެ ވަށައިގެން ބުރުޖަހާ ޕްލެނެޓްތަކާއި، އަދި އެއްވެސް އިރެއްގެ ވަށައިގެން ބުރުނުޖަހާ ޕްލެނެޓްތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން، ލާވާއިން ފުރިފައިވާ ހޫނުގަދަ ދުނިޔެތަކާއި، ޖަވާހިރު ފަދަ ވިލާތައް ހުންނަ ޕްލެނެޓްތައް ވެސް ފާހަގަކުރެވިފައިވެއެވެ.

މިހާރު ނާސާއިން އެންމެ ބޮޑު ސަމާލުކަމެއް ދެމުން އަންނަނީ، ބިމާ އެއްގޮތް ހަރު ޕްލެނެޓްތައް ހޯދައި، އެ ޕްލެނެޓްތަކުގެ ޖައްވުގައި ދިރުމުގެ ނިޝާންތައް (ބަޔޯސިގްނެޗާސް) ހުރިތޯ ދެނެގަތުމަށެވެ. މި މަސައްކަތުގައި ޖޭމްސް ވެބް ޖައްވީ ޓެލެސްކޯޕްގެ އެހީގައި މިހާތަނަށް 100 އަށްވުރެ ގިނަ އެގްޒޯޕްލެނެޓްގެ ޖައްވު ދިރާސާކޮށްފައިވެއެވެ.

ކުރިމަގުގައި، 'ނޭންސީ ގްރޭސް ރޯމަން ޓެލެސްކޯޕް' އަދި 'ހެބިޓަބަލް ވޯލްޑްސް އޮބްޒަވޭޓަރީ' ފަދަ ޕްރޮޖެކްޓްތަކުގެ އެހީގައި، ބިމާ އެއްގޮތް ޕްލެނެޓްތައް ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާވާނެއެވެ.

comment ކޮމެންޓް