ކުޑަކުދިންގެ ޒާތީ މައުލޫމާތުގެ މައްސަލައިގައި ޓިކްޓޮކުން އެމެރިކާ ސަރުކާރަށް 400 މިލިއަން ޑޮލަރު ދައްކަނީ

ކުޑަކުދިންތަކެއް: އުމުރުން 13 އަހަރުން ދަށުގެ ކުދިންގެ ޒާތީ މައުލޫމާތު ނެގުމުގެ ކުރިން މައިންބަފައިންގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އޮންނަ ގާނޫނާ ޓިކްޓޮކުން ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރޭ -- ފޮޓޯ/ ގެޓީ

ކުރު ވީޑިއޯ ހިއްސާކުރާ މަގުބޫލު އެޕްލިކޭޝަން ޓިކްޓޮކް އާއި އޭގެ ބެލެނިވެރި, ޗައިނާގެ ކުންފުނި ބައިޓްޑާންސުން ކުޑަކުދިންގެ އޮންލައިން ޕްރައިވަސީއާ ޚިލާފުވި ކަމަށް ބުނެ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކޮށްފައިވާ ދައުވާތައް ނިންމުމަކަށް ގެނައުމަށްޓަކައި 400 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް އެއްބަސްވެއްޖެއެވެ.

މި މައްސަލައަކީ ކުޑަކުދިންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގައި އިހުމާލުވެ، ގާނޫނާ ޚިލާފަށް މައުލޫމާތު އެއްކުރި ކަމަށް ބުނެ 2024 ވަނަ އަހަރު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޓިކްޓޮކާއި ބައިޓްޑާންސްއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. ދައުވާގައި ބުނެފައިވަނީ އުމުރުން 13 އަހަރުން ދަށުގެ ކުދިންގެ ޒާތީ މައުލޫމާތު ނެގުމުގެ ކުރިން މައިންބަފައިންގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އޮންނަ ގާނޫނާ ޓިކްޓޮކުން ޚިލާފުވެފައިވާ ކަމަށެވެ.

https://sun.mv/222842

އެމެރިކާގެ އެސޯސިއޭޓް އެޓާނީ ޖެނެރަލް ސްޓެންލީ ވުޑްވާޑް ވިދާޅުވީ، ޖަސްޓިސް ޑިޕާޓްމަންޓުގެ އެންމެ ބޮޑު އިސްކަމަކީ ކުޑަކުދިން އޮންލައިންކޮށް ރައްކާތެރިކުރުމާއި، ކުދިންގެ ޒާތީ މައުލޫމާތާ ހަވާލުވެ ތިބޭ ކުންފުނިތަކުން ގާނޫނީ ޒިންމާތައް އަދާކުރާކަން ކަށަވަރުކުރުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ކޯޓުގައި ދިގުދެމިގެންދާ މައްސަލައެއްގެ ތެރެއަށް ނުގޮސް، އެމެރިކާގެ އާއިލާތަކަށް ވަގުތުން ވަރުގަދަ ރައްކާތެރިކަމެއް ކަށަވަރުވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ވެވުނު އެއްބަސްވުމުގެ ދަށުން، ޓިކްޓޮކުން ވަގުތުން 300 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، ބާކީ 100 މިލިއަން ޑޮލަރު ދައްކާނީ 2019 ވަނަ އަހަރު ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ޓިކްޓޮކްގެ ކުރީގެ ވާޝަން ކަމަށްވާ "މިއުޒިކަލީ" އާ ދެކޮޅަށް ނެރުނު އަމުރު ބާތިލުކުރުމުންނެވެ. އޭރު މިއުޒިކަލީ ބޭނުންކުރާ ކުދިންގެ ނަމާއި އީމެއިލް ފަދަ ޒާތީ މައުލޫމާތު މައިންބަފައިންގެ ހުއްދައާ ނުލައި އެއްކުރި މައްސަލައިގައި 5.7 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހުނެވެ.

އެމެރިކާގެ 200 މިލިއަނަށް ވުރެ ގިނަ ރައްޔިތުން ބޭނުންކުރަމުންދާ މި އެޕް އެ ގައުމުގައި މަނާކުރުން ހުއްޓުވުމަށާއި ޑޭޓާ ރައްކާތެރިކުރުމަށްޓަކައި، އެމެރިކާގެ ހިއްސާ ބޮޑު ޖޮއިންޓް ވެންޗާއެއް ހެދުމަށް މި އަހަރުގެ ޖެނުއަރީ މަހު ބައިޓްޑާންސުން ވަނީ އެއްބަސްވެފައެވެ. އަދި ދައުވާ ކުރި ފަހުން ޓިކްޓޮކްގެ މިލްކުވެރިކަމަށާއި، މެނޭޖްމަންޓަށާއި، ގަވާއިދުތަކަށް އަމަލުކުރުމުގެ އިތުރުން ޕްރައިވަސީ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ޓިކްޓޮކްގެ އެމެރިކާ ޖޮއިންޓް ވެންޗާއިން ބުނެފައިވަނީ، އެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް އުފަންދުވަސް ޖަހަން މަޖުބޫރުކޮށްފައިވާ ކަމަށާއި، ދޮގު އުމުރު ޖަހައިގެން ވަންނަ 13 އަހަރުން ދަށުގެ ކުދިން ދެނެގަތުމަށް ޒަމާނީ ސިސްޓަމްތައް ތަރައްގީކޮށްފައިވާ ކަމަށެވެ. އަދި އުމުރުން ހަގު ކުދިން ފާހަގަކުރުމަށް ޚާއްސަ ތަމްރީނު ލިބިފައިވާ އެތައް ސަތޭކަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ގަވާއިދާ ޚިލާފަށް ހަދާފައިވާ އެތައް ހާސް އެކައުންޓެއް ޑިލީޓް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ކުޑަކުދިންގެ ޕްރައިވަސީއާ ޚިލާފުވި މައްސަލައިގައި ބޮޑު ޖޫރިމަނާއެއް ދައްކަން އެއްބަސްވި ނަމަވެސް، ޓިކްޓޮކަށް އެމެރިކާގައި ދިމާވެފައިވާ ގައުމީ ސަލާމަތާ ގުޅުންހުރި ގޮންޖެހުންތައް އަދިވެސް މުޅިން ނިމުމަކަށް ނާދެއެވެ. ޗައިނާގެ ސަރުކާރުން އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތުތަކަށް ޖާސޫސްކޮށް، ފާރަލުމަށް މި އެޕް ބޭނުންކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ، އެޕްގެ މިލްކުވެރިކަން އެމެރިކާގެ ކުންފުންޏަކަށް ބަދަލުނުކޮށްފިނަމަ މުޅި އެމެރިކާގައި ޓިކްޓޮކް މަނާކުރާނެ ކަމަށް އިންޒާރުދީ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ވަނީ މީގެ ކުރިން ޚާއްސަ ގާނޫނެއް ފާސްކޮށް، ސުޕްރީމް ކޯޓުން ވެސް އެ ނިންމުމަށް ތާއީދުކޮށްފައެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާގެ ހިއްސާ ބޮޑު ޖޮއިންޓް ވެންޗާއަކަށް ބަދަލުވާން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ ބޮޑު ޖޫރިމަނާއަކާ ކުރިމަތިލާން ޖެހުމަކީ އެމެރިކާގެ މާކެޓުގައި އެޕް ދެމިއޮތުމަށް އެޅިފައިވާ އިތުރު ހުރަހެކެވެ.

comment ކޮމެންޓް