ހުވާ ނުކުރާކަމަށް ބުނި ފުލުސް މީހާ: އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު، 10 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭ ދައުވާއެއް

ހައިކޯޓުގެ ޝަރީއަތުގައި، ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާކޮށްފިއެވެ.

ހުވައި ނުކުރާ ކަމަށް ފުލުހަކު ބުނީ، ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައެވެ. އެއީ، ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އޭނާއަށް ކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އުމުރަށް ޖަލަށްލުމާއެކު، އެއް ލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ސާޖިދަކީ މިއަހަރުގެ މެއި މަހު ހަތްވަނަ ދުވަހުން ފެށިގެން ޕޮލިސް ސްޕެޝަލް ކޮންސްޓަބަލްގެ މަގާމުގައި ހުރި މީހެކެވެ.

ސާޖިދު ފުރަތަމަ ހައްޔަރުކުރީ އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުންނެވެ. ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކުރި ސާޖިދު އެ މައްސަލައިގައި ސަސްޕެންޑްވެސް ކުރިއެވެ.

އެ މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ. ނަމަވެސް، އެ މައްސަލައިގައި ސާޖިދު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓު އަމުރު ސައްހަ ނޫން ކަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ވަނީ އަމުރުކޮށްފައެވެ.

ސާޖިދު ދޫކޮށްލި މައްސަަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ މަހުގެ ހަަތެއްގައި އަޑުއެހުމެއް ބޭއްވިއެވެ. އެ އަޑުއެހުމުގައި ސާޖިދުގެ ވަކީލު ވިދާޅުވީ އޭނާގެ މުވައްކިލަކީ ހުވައެއްގެ މަތީގައި ހުރި ފުލުހެއް ނޫން ކަމަށެވެ.

https://sun.mv/209640

އެހެންވެ، ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާއާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. އަދި، އެ މައްސަލައިގައި އޭނާ އަލުން ހައްޔަރުކުރިއެވެ.

ވިހި ދުވަހަށް އޭނާ ހައްޔަރުކޮށްފައިވަނިކޮށް، އޭނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. އެކަމަކު، އެ މައްސަލަ އޭނާ ފަހުން ވަނީ އަމިއްލައަށް ނަގާފައެވެ.

comment ކޮމެންޓް