ލ. ގަމުގައި ފެންފޯއް ރުކަކަށް އަރައި ފެންފޯއް ކަނޑަން އުޅުނު މީހަކު ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ގަމުން 'ސަން'އަށް މައުލޫމާތު ދިން މީހަކު ބުނީ، މި ކަން ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގެ މަތިމަރަދޫ އަވަށުގައި ހުރިި 60ހަކަށް ފޫޓުގެ ފެންފޯއް ރުކަކަށް އަރައި އުޅެނިކޮށް ކަމަށެވެ.
މި ހާދިސާގައި އަނިޔާވީ 28 އަހަރުގެ ޒުވާނަކަށް ކަމަށް އެ މީހާ ބުންޏެވެ.
މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ ވިދާޅުވީ، އެ މީހާ ވެއްޓުނީ ގާފުންޏެއް މައްޗަށް އުއްޑުން ކަމަށާއި، ވެއްޓުނު މީހާގެ އަރިމަތީގެ ފަސް ވަރަކަށް ކަށި ބިންދައިގެން ދިޔަ ކަމަށެވެ.
"ޚަބަރު ލިބޭ ގޮތުގައި ފެންފޯއް ރުކަކަށް އަރައި ފެންފޯއް ކަނޑަން އުޅެނިކޮށް ރުއް ބިންދައިގެން ގޮސް އެ މީހާ ވެއްޓުނީ،" ޒަކީ ވިދާޅުވިއެވެ.
އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ދަންވަރު މާލެ ގެނެސްފައިވާ ކަމަށް އެ މީހާ ބުންޏެވެ.
އެ ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދިންއިރު، މޭގެ އެއްފަރާތުގެ ކަށިތައް ވަރަށް ބޮޑަށް ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ.
ހާދިސާއާ ގުޅިގެން އައިޖީއެމްއެޗުން ބުނީ، ގަމުން ގެނައި 28 އަހަރުގެ ފިރިހެނަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާއަށް މިހާރު ފަރުވާދެމުން އަންނަނީ ވާޑްގައި އެޑްމިޓްކޮށްގެން ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. އެކަމަކު، އިތުރު އެއްވެސް ތަފުސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.