ތަކެތީގެ އަގުބޮޑުކުރީ ސިޔާސީ ބޭނުމުގައި، ގަސްތުގައި އޯގަނައިޒްޑްކޮށް: ރައީސް

ރައީސް މުއިއްޒު ވ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފެލިދޫގައި ވާހަކަަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ބާޒާރުގައި ބައެއް ބާވަތުގެ ތަކެތި، އަމިއްލަ ވިޔަފާރިވެރިން އަގުބޮޑުކޮށް ވިއްކީ ގަސްތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ވ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި، ފެލިދޫގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ފަހުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް ތަރުކާރީއާއި މޭވާގެ ޖުމްލަ 20 ބާވަތެއް އެތެރެކުރަން ނިންމެވީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި އެ ކަން ކުރަން މަޖުބޫރުވީ ބައެއް ވިޔަފާރިތަކުން ސިޔާސީ ބޭނުމުގައި ތަކެތީގެ އަގު ގަސްދުގައި ބޮޑުކުރުމުން ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުުވީ ޑޮލަރުން އާމްދަނީ ލިބޭ ޓޫރިސްޓު ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އާމްދަނީގެ ވަކި އިންސައްތައެއްގެ ޑޮލަރު ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހާއެކު ޑޮލަރު ބޭންކުތަކަށް ވަދެ ވިޔަފާރިތަކަށް ވެސް އޭގެ ފައިދާ ކުރި ކަމަށެވެ.

އެގޮތުން ވިޔަފާރިތަކަށް، ބޭރުން މުދާ އިމްޕޯޓުކުރުމަށް ޓީޓީ ހެދުމަށް، ކުރިން ނުލިބޭ މިންވަރަށް ބޭންކު ރޭޓުގައި ޑޮލަރު ދެމުން ދިޔަ ކަމަށާއި، އެހެންވެ ތަކެތީގެ އަގުތައް ހެޔޮވަމުން ދިޔަކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެއާއެކު ތަކެތީގެ އަގުހެޔޮވާން ފެށުމާއެކު ބައެއް ވިޔަފާރިވެރިން ސިޔާސީ ބޭނުމުގައި ރައްޔިތުންނަށް އުނދަގޫ ކުރަން ބައެއް ކަންކަން ކުރަމުން އަންނަކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ. ނަމަވެސް ސަރުކާރުން އެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ ކުރިން ވެސް އަޅުގަނޑުމެން ނުދެން އެ ފުރުސަތެއް،" އެސްޓީއޯ މެދުވެރިކޮށް 10 ބާވަތުގެ މޭވާއާއި 10 ބާވަތުގެ ތަރުކާރީ ގެންނަން ނިންމެވީ އެ ފުރުސަތު ނުދޭންކަން ހާމަކުރައްވައި ވިދާޅުވިއެވެ.

"ނަތީޖާއަކީ ކޮބައިތޯ. އިހަށް ދުވަހު ޑޮލަރު ނުލިބޭ، ބޭންކުން ޑޮލަރު ނުލިބިގެން ހަމަ އެއްވެސް ގޮތެއް ނެތިގެން އަގުބޮޑުކުރި އޮރެންޖާއި އާފަލު މިހާރު ތިރިވެގެން ހިނގައްޖެ އަގު .... ހަމަ އޭރުގައި ވެސް ލިބެއޭ ރަނގަޅަށް [ބޭންކު ރޭޓުގައި ޓީޓީ ހަދަން] އެ ވާހަކަ މި ދަންނަވަނީ. ސިޔާސީ ބޭނުމެއްގައި އޯގަނައިޒް ގޮތެއްގައި ގަސްތުގައި ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށް ޓަކައި ބައެއް ކަންތައްތައް އެބަކުރެޔޭ،" ރައީސް ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު، ގެނައި ރައީސްގެ ޕޮޑްކާސްޓުގައި ވެސް އެ މަނިކުފާނު ވަނީ އެސްޓީއޯއިން މޭވާއާއި ތަރުކާރި އެތެރެކުރަން ފެށުން ދިފާއުކުރައްވައިފައެވެ.

https://sun.mv/211470

އެގޮތުން ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، މޭވާއާއި ތަރުކާރީ، އެސްޓީއޯއިން އެތެރެކުރުމަކީ އާންމުން ކުރާ ވިޔަފާރީގެ ތެރެއަށް ވަނުން ނޫން ކަމަށާއި އެފަދަ ނިންމުންތައް ނިންމަނީ ހިސާބު ޖަހައި، ދިރާސާކޮށްފައި ކަމަށް ވިދާޅުވެފައެވެ.

އެސްޓީއޯއަށް މި މަސައްކަތް ހަވާލުކުރުމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ އާންމުން ކުރާ ވިޔަފާރިތަކަށް ސަރުކާރުން ވަނުމުން ވިޔަފާރިތައް ފުނޑުފުނޑުވާނެ ކަމަށް ބުނެ ފާޑުކިޔައިފައެވެ.

މީގެ ކުރިން، މި އަހަރުގެ މޭ މަހުގެ ތިންވަނަ ދުވަހު ރައީސް ބޭއްވެވި 15 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އޭރު ބައެއް ބާވަތުގެ ބޭސް ލިބުން ދަތިވެ، އަގުބޮޑުވުމުން ވެސް، ރައީސް ވަނީ އެއީ ބޭސް އެތެރެކުރާ ބައެއް ވިޔަފާރިވެރިން ސަރުކާރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ގަސްތުގައި ބޭސް އެތެރެކުރުން ހުއްޓައި ދަތިކުރުމުން މެދުވެރިވި ކަމެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް