އެސްޓީއޯއިން މޭވާ ގެންނަން ނިންމީ ހިސާބު ޖަހާފައި، އެއީ އާންމު ވިޔަފާރިއަށް ވަނުމެއް ނޫން: ރައީސް

ރައީސް މުއިއްޒާއި އިކޮނަމިކް މިނިސްޓަރު ސައީދު: ރައީސް ވިދާޅުވީ ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ކާނާ އެސްޓީއޯއިން އެތެރެކުރުމަކީ އާންމު ވިޔަފާޜިތަކަށް ވަނުން ނޫން ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

އެންމެ ގިނައިން ދިވެހީން ބޭނުންކުރާ މޭވާއާއި ތަރުކާރީ، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އެތެރެކުރުމަކީ އާންމުން ކުރާ ވިޔަފާރީގެ ތެރެއަށް ވަނުން ނޫން ކަމަށާއި އެފަދަ ނިންމުންތައް ނިންމަނީ ހިސާބު ޖަހައި، ދިރާސާކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގެ އެންމެ ފަހުގެ އެޕިސޯޑުގައި ރައީސް ވިދާޅުވީ، އެސްޓީއޯއިން އެތެރެކުރަން ޖެހޭނީ ކާޑުގެ ބާވަތް އެކަނި ނޫން ކަމަށާއި އެންމެ ފައިދާހުރި ގޮތަކީ ރައްޔިތުން ބޭނުންވާ އެހެނިހެން ކާބޯތަކެތި ވެސް އެތެރެކުރުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ، އެންމެ މުހިންމު އެންމެ ގިނައިން ބޭނުންކުރާ، މޭވާއާއި ތަރުކާރީގެ ބާވަތްތައް ވެސް އެތެރެކުރުން. މިއީކީއެއް އާންމުންކުރާ ވިޔަފާރިއަށް ވަނުމެއްނޫން. މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު އަގުގައި، މި ތަކެތި ލިބޭނެގޮތް ހެދުން،" ރައީސް ވިދާޅުވިއެވެ.

https://sun.mv/211176

ރައީސް ވިދާޅުވީ، ގައުމީ ބޭންކް ބީއެމްއެލުން ޑޮލަރުގެ ފުޅާ ފުރުސަތުތަކެއް ވިޔަފާރިވެރިންނަށް ދެމުން އަންނަ ކަމަށާއި، އެހެންކަމުން ހޯލްސޭލްކޮށް ކާބޯތަކެތި އެތެރެކުރާ ވިޔަފާރިތަކަށް އެ ފުރުސަތު މާ ބޮޑަށް އެބަ ފަހިވާ ކަމަށެވެ. މިފަދަ ނިންމުންތައް ސަރުކާރުން ނިންމާފައިވަނީ ރައީސް ވިދާޅުވިގޮތުގައި، ހިސާބު ޖަހައި ދިރާސާ ކޮށްގެންނެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެސްޓީއޯއިން އެކި ރަށްރަށުން ބިންތައް ނަގައި، އެ ބިންތަކުގައި ދާދި އަވަހަށް ކާބޯތަކެތި އުފައްދަން ފަށާނެއެވެ. ނަމަވެސް، އެ މަސައްކަތް ފަށާނެ ސީދާ ދުވަހެއް އެ މަނިކުފާނު ވިދާޅެއް ނުވެއެވެ.

"އެސްޓީއޯއިން ރާއްޖޭގެ އެކި ރަށްރަށުން ބިންތައް ނަގާނެ. ނަގައިގެން ކާބޯތަކެތި އުފައްދަން ފަށާނެ. ޕޯލްޓްރީ ފާމިންގެ ތެރެއަށް އެބޭފުޅުން ވަންނާނެ. ޕޯލްޓްރީ ފާމިންއަށް އިންވެސްޓްކުރައްވާނެ ވަރަށް އަވަހަށް. ސަރުކާރުގެ ނިންމުން މިއީ. އެހެންވީމާ، ފުޑް ސެކިއުރިޓީއަށް ފުޅާ ދާއިރާއެއްގައި އެސްޓީއޯއިން ވަންނާނެ އިނގޭތޯ،" ރައީސް ވިދާޅުވިއެވެ.

https://sun.mv/211140

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން ވަނީ ކާޑުގެ ބާވަތްތަކާއި އެންމެ ގިނައިން ރާއްޖެ އެތެރެކުރާ 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީއާއި މުގާއި ބިހާއި އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށަން ނިންމާފައިވާކަން މި މަހުގެ 10ވަނަ ދުވަހު ހާމަކޮށްފައެވެ.

އެ ނިންމުމާ އެކު އިދިކޮޅު ފަރާތްތަކުން ވަނީ އާންމުން ކުރާ ވިޔަފާރިތަކަށް ސަރުކާރުން ވަނުމުން ވިޔަފާރިތައް ފުނޑުފުނޑުވާނެ ކަމަށް ބުނެ ފާޑުކިޔައިފައެވެ.

https://sun.mv/211159

މިދިޔަ އަހަރުގެ މާރިޗު މަހުގެ ފަހުކޮޅު ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގައި އަމިއްލައަށް އުފެއްދޭ ފަދަ ކާބޯތަކެތި ރާއްޖޭން ބޭރުން އެތެރެކުރުމަށް މިހާރު ޚަރަދު ކުރަމުން އަންނަ ބޮޑު ހޭދަ ހުއްޓާލުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އެކަމަށް އުތުރުތިލަފަޅުން 200 ހެކްޓަރުގެ ބިމެއް ހިއްކައި، އޭގެ އިތުރުން ދަނޑުވެރިކަން ކުރާ ބައެއް ރަށްތައް ވެސް މި މަޝްރޫގައި ހިމަނުއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އޭރުން ގައުމުގެ އިގުތިސާދު ރަނގަޅުވެގެން އަންނާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ކާރިސާތަކާއި ކުރިމަތިވާ ހާލަތްތަކުގައި ކާނާގެ ޔަގީންކަން ކަށަވަރުކުމަށް އިސްކަންދީގެން މަސައްކަތް ކުރާނެ ކަމަށް، ސަރުކާރުން ވަނީ ބުނެފައެވެ. ދަނޑުވެރިކަމަށް ޚާއްސަ ވުޒާރާއެއް އުފެއްދީ ވެސް ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ސަރުކާރުން ބުންޏެވެ.

ނަމަވެސް، އަދި އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭތަން ނުފެންނަކަމަށް ދަނޑުވެރިން ބުނެއެވެ.

comment ކޮމެންޓް