ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާތައް 'ކޮންޓްރޯލް'ކުރާ ބިލު ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބާއްވާ ބައްދަލުވުން މިއަދު ވެސް ސިއްރުކޮށްފިއެވެ.
ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ވަނީ މީޑިއާ 'ކޮންޓްރޯލް' ބިލެއް ހުށަހަޅާފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލުގެ މަސައްކަތް ފަށާފައިވާއިރު، އޭގެ ކުރިން ވަނީ މީޑިއާތަކާ ބައްދަލުކޮށްފައެވެ.
އަދި ބިލުގެ ދިރާސާ މަސައްކަތް އެޖެންޑާކޮށް، އިއްޔެ ކޮމިޓީ ބައްދަލުވުމެއް ބޭއްވިއިރު، އިއްވެ ވެސް ވަނީ ކޮމިޓީ ސިއްރުކޮށްފައެވެ.
އިއްޔެ ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ އެ ބިލަށް ވަރަށް ގިނަ ބައެއްގެ ކޮމެންޓު ލިބިފައިވާތީ، އެ ފަދަ ކޮމެންޓުތައް ބަލައި ދިރާސާކުރާއިރު މީހުންގެ ޒާތީ މައުލޫމާތު ވެސް ހާމަވާނެތީ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ. އެހެންވެ މިވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ކޮމިޓީ ސިއްރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭރު، ކޮމިޓީ ބައްދަލުވުމުގެ އަޑުއަހަން ވަރަށް ގިނަ ނޫސްވެރިން ކޮމިޓީއަށް ގޮސް ތިއްބެވެ. ނަމަވެސް ސިއްރުކުރަން ނިންމުމުން އެކަމާ ނުރުހުން ފާޅުކޮށް، ނޫސްވެރިން ވަނީ މަޖިލިސް ދޮށުގައި އިހުތިޖާޖު ވެސް ކޮށްފައެވެ.
މި ބިލުގެ ދިރާސާ މަސައްކަތް ފެށުމުގެ ކުރިން އެ ކޮމިޓީއަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުން ހާޒިރުކޮށް ޚިޔާލު ހޯދައިފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ކޮމިޓީގައި ވާހަކަދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލަށް ދެކޮޅު ހަދާފައެވެ. އަދި ބްރޯޑްކޮމާއި، އެމްއެމްސީއިން ވެސް ވަނީ ބިލު އިތުރަށް ދިރާސާކޮށް، ރަނގަޅުކުރަން ޖެހޭކަމަށް ބުނެފައެވެ.
ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟
- މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން
- ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
- ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
- ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
- ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
- މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
- ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
- ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
- ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ