ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު ނޭޅުން ހިމެނޭ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލަށް ހުށަހަޅާ އިސްލާހުތައް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކޮށްފިއެވެ.
ސަރުކާރާ ގުޅުން ބޮޑު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލުގައި ނޫސްވެރިން ކޮންޓްރޯލް ކުރެވޭ ގޮތަށް އޮތް ކަމަށް ބުނެ، ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ބިލުގެ ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރަމުން އަންނައިރު، ކޮމިޓީ ސިއްރުކުރަން ނިންމި ސަބަބު ސާފުކުރަން އުޅުނު ނޫސްވެރިންތަކެއް ވަނީ ގަދަކަމުން ނެރެފައެވެ.
އޭގެފަހުން، ރައީސް އޮފީސް ކުރިމަތީ ނޫސްވެރިން މުޒާހަރާ ކުރަނިކޮށް، ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އެ އޮފީހުން ހުށަހަޅާ އިސްލާހުތައް އާންމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެ ބިލަށް އޭޖީ އޮފީހުން 13 އިސްލާހެއް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ އޮފީހުން މިއަދު ވަނީ ބުނެފައެވެ.

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން: ބަންޑާރަނައިބުގެ އޮފީހުން ވަނީ ބިލަށް އިސްލާހު ހުށަހަޅަން ނިންމައިފައި --- ސަން ފޮޓޯ/ އަހުމަދު އިޔާދު
ހުށަހަޅާ އިސްލާހުތަކަށް ބަލާއިރު، ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށާއި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއް ކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް ހުށަހަޅަން އެ އޮފީހުން ވަނީ ނިންމާފައެވެ.
އިތުރަށް ހުށަހަޅާ އިސްލާހުތައް:
- ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި ގައުމީ ސަލާމަތާއި އިލްކެޓްރޯނިކް މިޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކޮށް ހިމެހުން
- ކޮމިޝަންގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، އެކޮމިޝަނުގެ ލަފަޔާއެއްކޮށް ބަޖެޓުން ކޮންމެ އަހަރަކު ވެސް ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަން ވާނެ ކަމަށް ބަޔާންކޮށް މާއްދާއެއް ހިމެނުން
- ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލައެއް ބަލަން ނިންމައިފިނަމަ، އެ މައްސަލައިގެ ތަހުގީގު ކޮމިޝަނުން ގާއިމުކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީން ކުރާ ގޮތަށް ހަމަޖައްސައި، އެ ކޮމިޓީއާ ގުޅޭ އުސޫލުތައް ބިލުގައި ހިމެނުން
- ބިލުގެ 44ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުން
- 42 ވަނަ މާއްދާގައިވާ 'ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މައުލޫމާތު ހާކުރުމުގެ މިންގަނޑު' އުނިކޮށް، 'އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު' ބިލުގައި ހިމަނައި، ތަފްސީލުކުރުން
- ބިލުގެ 39 ވަނަ މާއްދާގައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގަުއ ތެދު މައުލޫމާތު ހާމަކުރުމުގެ އިތުރަށް އިންސާފުވެރިކަމާއި ހާމަކަންބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން ހިމެނުން
- 41 ވަނަ މާއްދާގައިވާ މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުހައްގުން ވަދެގެން ނުވާނެ ކަމަށް އޮތްއޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމު ކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ބެލުން
ހަމައެހެންމެ، ކޮމިޝަނަށް މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައާއި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނުހިމެނޭ ގޮތަށް ބިލުގެ ތިން މާއްދާއެއް ހުށަހަޅަން އޭޖީން ވަނީ ނިންމާފައެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ އުނިކުރުމަށް ވެސް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވިއެވެ.
މީޑިއާ 'ކޮންޓްރޯލް' ބިލާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުގެ އިތުރުން ރާއްޖޭގެ އެޗްއާރުސީއެމްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ ހިލާފު މާއްދާތަކެއް މި ބިލުގައި ހިމެނޭ ކަމަށް ބުނެއެވެ. މި ބިލަކީ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ބިލެއް ކަމަށް ފުރަތަމަ ސަރުކާރުން ބުނި ނަމަވެސް ޕީއެންސީގެ މަޖިލިސް މެންބަރުން ވެސް ވަނީ މި ބިލުގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ.
އެ ފާޑުކިޔުންތައް އަމާޒުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއީ ޕްރޯ މީޑިއާ ސަރުކާރެއް ކަމަށް ވިދާޅުވެ، ބިލް އިސްލާހުކުރާނެ ކަމަށް ވިދާޅުވެފައެވެ.