ޗައިނާގެ ހޮންކޮންގައި އޮންނަ ހެކަތޯނެއްގައި ރާއްޖެ ތަމްސީލުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފެއް ހިމެނޭހެން ތިން މެންބަރުންގެ ޓީމަކުން ބައިވެރިވާން ނިންމައިފިއެވެ.
ޗައިނާގެ ހޮންކޮންގައި "ކޯޑިން4 އިންޓެގްރިޓީ" އޭޝިއަން ޔޫތު އެންޓި-ކޮރަޕްޝަން ހެކަތަން 2025ގެ ނަމުގައި މި މަހުގެ 15އިން 19އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ހެކަތަންގައި އެ ކޮމިޝަންގެ މުވައްޒަފެއްގެ އިތުރުން، ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންއައިސީޓީ)އާއި، ޓެކްނޮލޮޖީގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ، ވިމެން އިން ޓެކްގެ ފަރާތުން މެންބަރަކު ބައިވެރިވާނެއެވެ.
މި މުބާރާތުގައި ރާއްޖޭން ބައިވެރިވަނީ އޭސީސީގެ ފަރާތުން އުބައިދުالله އަލީއާއި، އެންސައިޓީގެ ފަރާތުން އަހްމަދު އަފްޒަލްގެ އިތުރުން ވިމެން އިން ޓެކްގެ ފަރާތުން އާމިނަތު ރަޔާނެވެ.
މި މުބާރާތުގެ ހުރިހާ ޚަރަދެއް ހޮންކޮން ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަންގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައިކެކް)އިން ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް، އޭސީސީން މައުލޫމާތު ދެއެވެ.
އެ ކޮމިޝަނުން ބުނީ، އައިއެކާއި އދ ގެ މަސްތުވާތަކެއްޗާއި ކުށާ ބެހޭ އިދާރާ (ޔޫއެންއޯޑީސީ)އާއި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެންޓި-ކޮރަޕްޝަން އޮތޯރިޓީސް (އައިއޭއޭސީއޭ) ގުޅިގެން އިންތިޒާމުކުރާ މި ސަރަހައްދީ ހެކަތަންގެ މައިގަނޑު މަގްސަދަކީ އޭޝިއާ ސަރަހައްދުގައި ކޮރަޕްޝަނާ ގުޅުންހުރި ގޮންޖެހުންތަކަށް ޓެކްނޮލޮޖީގެ ހައްލުތައް ފަރުމާކޮށް ތަރައްގީކުރުން ކަމަށެވެ.
"ކޯޑިންގ4އިންޓެގްރިޓީ" އޭޝިއަން ޔޫތު އެންޓި-ކޮރަޕްޝަން ހެކަތަން 2025 އިން އެއްވަނަ ހޯދާ ޓީމަށް ޤަތަރުގެ ވެރިރަށް ދޯހާގައި އަންނަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުން 19ވަނަ ދުވަހަށް އޮންނަ އދގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ސީއޯއެސްޕީ11)ގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަކީ ޒުވާން ޖީލު ބާރުވެރިކޮށް، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ އެއްބާރުލުން ހަރުދަނާކުރުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި އޭސީސީން ސިފަކުރެއެވެ.