އައިފޯނަކީ މުޅި އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނައި އެއްޗެއް: ޓިމް ކުކް

އެޕަލްގެ އަހަރީ ޝޯ ގައި ސީއީއޯ ޓިމްކުކް ވާހަކަ ދައްކަވަނީ --

އައިފޯނަކީ މުޅި އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނައި އެއްޗެއް ކަމަށް އެޕަލްގެ ސީއީއޯ ޓިމްކުކް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެޕަލްގެ އަހަރީ އިވެންޓްގައި ވާހަކަ ދައްކަވަމުން ސީއީއޯ ޓިމް ކުކް ވަނީ އައިފޯނުގެ މުހިންމުކަމާއި، ޓެކްނޮލޮޖީ ދުނިޔެއަށް އައިފޯނުގެ ސަބަބުން ލިބިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްކަވައިފައެވެ.

އައިފޯން ސީރީޒްގެ އެންމެ ފަހުގެ މޮޑެލްތައް ކަމަށްވާ އައިފޯން 17 ސީރީޒް ތައާރަފުކުރެވުނު މި އިވެންޓުގައި ޓިމް ކުކް ވިދާޅުވީ އެޕަލްގެ މައިގަނޑު އަސާސަކީ އައިފޯނުގެ ކުރިއެރުންތަކާއި، ޑިޒައިން އަދި ޕާފޯމަންސަށް ދެވޭ އިސްކަން ކަމަށެވެ.

އެޕަލް އިވެންޓުގައި އެންމެ ބޮޑު ސަމާލުކަމެއް ދެވުނީ އައިފޯން 17 ސީރީޒަށެވެ. މި ސީރީޒްގައި ތިން މޮޑެލް ތައާރަފްކުރެވުނެވެ. އެއީ އައިފޯން އެއާ، އައިފޯން 17 އަދި އައިފޯން 17 ޕްރޯއެވެ. މި ތިން މޮޑެލް ވެސް ވަނީ ގިނަ އާ ކަންތައްތަކަކާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

"އޯ ޑްރޮޕިން" ގެ ނަމުގައި ބޭއްވި މި އިވެންޓްގައި، އައިފޯން 17 އެއާ އާއި އެޕަލްގެ މިހާތަނަށް އުފެއްދި އެންމެ ތުނި ފޯނު ވެސް ހިމެނޭހެން ހަތަރު މޮޑެލް ވަނީ ތައާރަފްކޮށްފައެވެ. ކުކް ވިދާޅުވީ އައިފޯން 17 އެއާ އަކީ އޭގެ ތުނި ޑިޒައިނާއެކު "ގޭމް ޗޭންޖަރެއް" ކަމަށެވެ.

މީގެ އިތުރުން، އެޕަލްގެ އެންޓްރީ ލެވެލް އައިފޯން 17، އައިފޯން ޕްރޯ، އަދި އައިފޯން ޕްރޯ މެކްސް އައިސްފައިވަނީ ކުރީގެ މޮޑެލްތަކަށްވުރެ ދިގު ބެޓެރީ ލައިފާއި، އިތުރަށް ސްކްރެޗް ނުވާ މެޓީރިއަލްތަކާއި، އަދި ރަނގަޅު ކެމެރާތަކާއެކުއެވެ.

ރޭގެ އިވެންޓްގައި އެޕަލްއިން ވަނީ އަލަށް ނެރުނު ފޯނުތަކުގެ އަގުތައްވެސް ހާމަކޮށްފައެވެ. އެގޮތުން އައިފޯން 17 ގެ އަގު ފަށާނީ 799 ޑޮލަރުން ކަމަށްވާއިރު، މިއީ އައިފޯން 16 ތައާރަފްކުރިއިރު އޮތް އަގެވެ. އައިފޯން 17 އެއާ 999 ޑޮލަރަށް، ޕްރޯ 1,099 ޑޮލަރަށް، އަދި ޕްރޯ މެކްސް 1,199 ޑޮލަރަށް ލިބޭނެއެވެ.

އައިފޯން 17 ލައިންއަށް ޕްރީ-އޯޑަރު ދިނުމަށް ހުޅުވާލާނީ ހުކުރު ދުވަހުއެވެ. އަދި ވިއްކަން ފަށާނީ އަންނަ ހުކުރު ދުވަހު، ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ.

އެޕަލް އިން އެ ކުންފުނީގެ ދެވަނަ ޖެނެރޭޝަންގެ އެއާޕޮޑްސް ވެސް އިއުލާނުކުރިއިރު، ލައިވް ޓްރާންސްލޭޝަން އަދި ހިއަރިން އެއިޑްގެ ފަންކްޝަންތަކަށް ވެސް ސީއީއޯ ޓިމްކުކް ވަނީ އަލިއަޅުވާލާފައެވެ.

އެޕަލް ވޮޗް ޕޯޓްފޯލިއޯއަށް ގެނެވުނު އަޕްޑޭޓްތަކުގެ ތެރޭގައި "ސްލީޕް ސްކޯ" އަދި ބްލަޑް ޕްރެޝާ މޮނިޓަރެއް ވެސް ހިމެނެއެވެ. މިއީ ހައިޕަޓެންޝަން ހުންނަ މީހުންނަށް އަންގާނެ ފީޗާއެކެވެ.

އާ ޑިވައިސްތަކަށް އެހީތެރިވުމުގެ ގޮތުން، މި ޖޫން މަހު ތައާރަފްކުރި އައިއޯއެސް 26 ސޮފްޓްވެއާގައި ބައެއް އޭއައި އިމްޕްރޫވްމަންޓްތަކާއި، އާ ޖެންމޯޖީ ކެޕެބިލިޓީޒް، އަދި އެޕަލްގެ "ލިކުއިޑް ގްލާސް" ޑިޒައިން ވެސް ހިމެނެއެވެ. މިއީ އަންނަ ހޯމަ ދުވަހު ހިލޭ އަޕްޑޭޓެއްގެ ގޮތުގައި ރިލީޒް ކުރާނެ އެއްޗެކެވެ.

ސީއީއޯ ޓިމް ކުކް އިތުރަށް ދެއްކެވި ވާހަކަތަކުން ދޭހަވަނީ، އޭނާގެ ޓީމުން އޭއައިގެ ގާބިލިއްޔަތު އިތުރު ކުރުމަށްޓަކައި އެހެން ކުންފުނިތައް ގަންނަން ވެސް ވިސްނާނެ ކަމަށެވެ. މިއީ އެޕަލްއިން އޭއައި ސްޓާޓަޕެއް ގަތުމަށް ނުވަތަ އަލްފަބެޓްގެ ގޫގުލްއާ އެކު އާ ޕާޓްނަޝިޕެއް ފަށަން ނުކުމެދާނެ ކަމަށް ބުނެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކަމެކެވެ.

މި އިވެންޓަށްފަހު އެޕަލްގެ ހިއްސާ 1.5 ޕަސެންޓު ދަށަށް ގޮސްފައިވެއެވެ. މި އަހަރު މިހާތަނަށް ގާތްގަނޑަކަށް ހަ ޕަސެންޓު ދަށަށް ގޮސްފައިވާއިރު، މެގްނިފިސެންޓް ސެވެންގެ ތެރެއިން ޓެސްލާ ފިޔަވައި މިއަހަރު ރެޑްގައި އޮތް ހަމައެކަނި މެންބަރަކީ އެޕަލްއެވެ.

އެޕަލްގެ މި އިވެންޓަކީ އާ އުފެއްދުންތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ފުރިފައިވާ އިވެންޓެކެވެ. ޓިމް ކުކްގެ ވާހަކަފުޅުން އެޕަލްގެ މުސްތަގުބަލަށް އޮތް އުންމީދާއި، އާ އީޖާދީ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެވުނެވެ.

އައިފޯން 17 ސީރީޒްއާއި އެޕަލް ވޮޗްގެ އާ މޮޑެލްތަކާއެކު އެޕަލް ވަނީ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކާއި އާ ތަޖުރިބާތަކެއް ގެނެސްދީފައެވެ.

comment ކޮމެންޓް