އެޕަލް ކުންފުނީގެ އާ އައިފޯން ލައިންއަޕް، އައިފޯން 17 މިރޭ ތައާރަފްކޮށްފިއެވެ.
މި ފޯނަކީ އެޕަލް އުފެއްދި އެހެން ފޯނުތަކާ ތަފާތު، އަދި ވަރަށް ހައިރާންކުރުވަނިވި ފޯނެއް ކަމަށް އެޕަލްއިން ބުނެއެވެ. އައިފޯން 17 ގެ ޖުމްލަ ހަތަރު މޮޑެލް މިރޭ ނެރެފައިވެއެވެ.
އައިފޯން 17 ގެ ފަރުމާއަކީ ވަރަށް ރީތި އަދި މާ ބޮޑަށް ދެމިހުންނާނެ ފަރުމާއެކެވެ. މި ފޯނު ނެރެފައިވަނީ ފަސް ކުލައިންނެވެ. އެއީ ލެވެންޑާ، މިސްޓް ބްލޫ، ބްލެކް، ވައިޓް، އަދި ސޭޖް ކުލައިގައެވެ.
އެޕަލްގެ އެހެން ފޯނުތަކާ އަޅާ ބަލާއިރު ސީރީސް 17ގެ ފޯނުތަކުގެ އަގު ބޮޑެވެ.

އައިފޯން 17 ސީރީޒްގެ އަގުތައް ---
ރިޕޯޓްތަކަށް ބަލާއިރު، އައިފޯން 17 ސީރީސްގެ އަގުތައް ފެށިގެންދަނީ 799 ޑޮލަރުގައެވެ. އައިފޯން އެއާގެ އަގު ފެށިގެންދަނީ 999 ޑޮލަރުގައެވެ. އައިފޯން 17 ޕްރޯގެ އަގު ފެށިގެންދަނީ 1099 ޑޮލަރުގައި ކަމަށްވާއިރު، 17 ޕްރޯ މެކްސްގެ އަގު ފެށިގެންދަނީ 1199 ޑޮލަރުގައެވެ. އައިފޯން 17 ޕްރޯ މެކްސް ގައި 2ޓީބީގެ ކޮންފިގަރޭޝަން ވެސް ލިބެން ހުންނާނެއެވެ.
އައިފޯން 17 ގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ކެމެރާއަށް ގެނެސްފައިވާއިރު، މި ފޯނުގައި 48 މެގާޕިކްސެލްގެ ފިއުޝަން އަލްޓްރާ ވައިޑް ކެމެރާއެއް ހިމެނެއެވެ. މީގެ އިތުރުން 12 މެގާޕިކްސެލްގެ 1އެކްސް މެކްރޯ ކެމެރާއަކާއި، 48 މެގާޕިކްސެލްގެ ފިއުޝަން މެއިން ކެމެރާއެއްވެސް ހިމެނެއެވެ.
ޓެލެފޯޓޯ ކެމެރާއަށް ބަލާއިރު، 12 މެގާޕިކްސެލްގެ 2x ޓެލެފޯޓޯ ކެމެރާއެއް ހިމެނެއެވެ. 48 މެގާޕިކްސެލްގެ ޑުއަލް-ފިއުޝަން ކެމެރާ ސިސްޓަމެއް (1x އަދި 2x) ވެސް މި ފޯނުގައި ހުރެއެވެ.

އައިފޯން އެއާ: މިއީ އެޕަލްއިން ނެރުނު އެންމެ ތުނި ފޯނު --
އައިފޯން 17 އަކީ 3nm އޭ19 އެޕަލް ސިލިކަން ޗިޕް ބޭނުންކޮށްގެން ހަދާފައިވާ ފޯނެކެވެ. އޭ19 ޗިޕްގައި ހަ ކޯރުގެ ސީޕީޔޫއެއް (2 ޕާފޯމަންސް ކޯރު، 4 އެފިޝިއެންސީ ކޯރު) އަދި ފަސް ކޯގެ ޖީޕީޔޫއެއް ހިމެނެއެވެ. ކުރީގެ އައިފޯންތަކުން އަޕްގްރޭޑް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ސްޕީޑް ބޫސްޓެއް ލިބިގެންދާނެއެވެ.
އައިފޯން 17 ގައި "މުޅިދުވަހު ބެޓެރީ ލައިފް" ހުރެއެވެ. މީގެ އިތުރުން، އައިފޯން 16އާ އަޅާބަލާއިރު އަށް ގަޑިއިރު އިތުރަށް ވީޑިއޯ ޕްލޭބެކް ކުރެވޭނެއެވެ. 10 މިނެޓުގެ ޗާޖަކުން 8 ގަޑިއިރު ވީޑިއޯ ޕްލޭބެކް ކުރެވޭނެ ކަމަށްވެސް އެޕަލްއިން ބުނެއެވެ.
އައިފޯން 17 ގައި 6.3 އިންޗީގެ ސުޕަ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭއެއް ހިމެނެއެވެ. މި ޑިސްޕްލޭގައި ޕްރޮމޯޝަން ޓެކްނޮލޮޖީ ބޭނުންކޮށްފައިވާތީ 120ހާޓްޒްއާ ހަމައަށް ރިފްރެޝް ރޭޓް އަޕް ކުރެވޭނެއެވެ. އަދި 1ހާޓްޒް އަށް ޑައުންވެ، އަބަދުވެސް އޮންކޮށް ހުންނަ ޑިސްޕްލޭއެއް (އޯލް ވޭސް އޮން ޑިސްޕްލޭ) ވެސް ހިމެނެއެވެ. ބޭރުގެ އަލީގައި 3،000 ނިޓްސްގެ ޕީކް ބްރައިޓްނެސްއެއް ހުންނައިރު، ކުރީގެ މޮޑެލްތަކަށްވުރެ ބޯޑަރުތައް ހިމަވެފައިވެއެވެ. އަދި 7 ލޭޔަރުގެ އެންޓިރިފްލެކްޓިވް ކޯޓިންގއެއް ހުރުމުން އަލިކަން ކުޑަކޮށް، ފެންނަ މަންޒަރު ރަނގަޅުކޮށްދެއެވެ.
އައިފޯން 17 ގައި ސެރެމިކް ޝީލްޑް 2 ހިމެނެއެވެ. މިއީ ކުރީގެ މޮޑެލްތަކަށްވުރެ ތިން ގުނަ ބޮޑަށް ސްކްރެޗްތަކުން ދިފާއުވާނެ އެއްޗެކެވެ. އަދި އެޕަލްއިން އާ ކޯޓިންއެއް ބޭނުންކޮށްފައިވާތީ، ދުވަހީ ބޭނުންތަކުގައި ލިބޭ ސްކްރެޗްތަކުން ފޯނު ރައްކާތެރިކޮށްދެއެވެ.
އައިފޯން 17 ގައި 16 ކޯގެ ނިއުރަލް އިންޖީނެއް ހިމެނެއެވެ. މިއީ އޭއައި އަށް ބޭނުންވާ ޕްރޮސެސިންގ ހަކަތަ ދިނުމަށް ވަރަށް މުހިންމު އެއްޗެކެވެ. މީގެ ސަބަބުން މެމޮރީ ބޭންޑްވިޑް އިތުރުވެ، ޕާފޯމަންސް ރަނގަޅުވެއެވެ.