އެޗްޑީސީ-އެފްޑީސީ އެއްކޮށްލުން މަޑުޖެހިފައި، ދަރަނީގެ ސަބަބުން ދެ ކުންފުނި އެއްކޮށްލަން ގޮންޖެހުން ބޮޑު: ޕީސީބީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް--

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އެއްކޮށްލައި އެފްޑީސީ އުވާލުމަށް ސަރުކާރުން ކުރިން ނިންމި ނަމަވެސް އެ މަސައްކަތް މަޑުޖައްސާލައިފިއެވެ.

އެޗްޑީސީއާއި އެފްޑީސީ އެއްކޮށްލުމުގެ އިތުރުން، ސަރުކާރު ހިއްސާވާ އިތުރު ބައެއް ކުންފުނިތައް އެއްކޮށްލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި އެކަން ހާމަކުރީ މީގެ އަހަރެއްކުރިން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ.

https://www.sun.mv/196223

އޭގެ ތެރެއިން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އެއްކޮށްލުމަށް ވެސް ނިންމައި، އެ މަސައްކަތުގެ ބޮޑު ބައެއް ވަނީ މިހާރު ނިންމާލައިފައެވެ. ދެން އޮތީ އާރްއޭސީއެލް ލިކުއިޑޭޓްކުރުމުގެ މަރުހަލާއެވެ.

ކުންފުނިތަކަށް ގެންނަ ބަދަލުތަކާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުހައްމަދު އަނަސް ވިދާޅުވީ، އެޗްޑީސީއާއި އެފްޑީސީ އެއްކޮށްލުމުގެ މަސައްކަތް މިވަގުތު މަޑުޖައްސާލައި، އެ މަސައްކަތުގެ އެސެސްމަންޓެއް ހެދުމަށް ފަހު ޕީސީބީން ރައީސް އޮފީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އަނަސް ވިދާޅުވީ، މިވަގުތު އެޗްޑީސީއާއި އެފްޑީސީ އެއްކޮށްލައިފިނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށާއި، ސަބަބަކީ އެޗްޑީސީގެ މައިގަނޑު ފޯކަސް މިވަގުތު އޮތީ އުމްރާނީ ތަރައްގީއަށް ވާތީ ކަމަށެވެ.

"އެޗްޑީސީގަ މިހާރުވެސް ބޮޑު ދަރަންޏެއް އެބައޮތް، އަދި އެފްޑީސީއާ އެއްކޮށްލައިފިނަމަ އެޗްޑީސީއަށް ލިބޭ ގެއްލުން ވާނީ އިތުރު، ނަތީޖާއަކަށް ވާނީ އެޗްޑީސީއަށް ފައިނޭންސިން ހޯދަން ދަތިތަކާ ކުރިމަތިވުން، އަދި ދެ ކުންފުނި އެއްކޮށްލުމުން އެޗްޑީސީގެ މައިގަނޑު އެއް ޒިންމާ ކަމަށްވާ އުމްރާނީ ތަރައްގީގެ ބަދަލުގައި، އެ ކުންފުނީގެ ފޯކަސް ގެއްލި ސޯޝަލް ހައުސިންއަށް ދިއުން އެކަށީގެންވޭ،" ލިއުމުން ހިއްސާކުރެއްވި ޖަވާބުގައި އަނަސް ވިދާޅުވިއެވެ.

އެފްޑީސީއަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް, ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އުފެއްދި ކުންފުންޏެވެ. އެ ކުންފުނި އުފެއްދުމާއެކު އޭރުވެސް ފާޑުކިޔުން އަމާޒުވިއެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެފަދަ މަޝްރޫއުތައް ހިންގަން އެޗްޑީސީ އުފައްދާފައި ވަނިކޮށް އިތުރު ކުންފުންޏެއް އެކަމަށް އުފެއްދީތީއެވެ.

އެފްޑީސީ އުވާލަން ދަތިކަމަށް, ޕީސީބީއިން ބުނާއިރު, އެފްޑީސީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ މަސައްކަތްތަކެއް މި ފަހުން ސަރުކާރުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. އެފްޑީސީއަކީ ރާއްޖެއަށް އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލަ ކަމަށްވާ, ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް އުފައްދާފައިވާ ކުންފުންޏަކަށްވާއިރު އެ ކުންފުންޏާ މިފަހުން މިހާރުގެ ސަރުކާރުން ވަނީ ރަށް ރަށުގައި ކްލާސްރޫމްތައް އެޅުންފަދަ މަޝްރޫއުތައް ހަވާލު ކޮށްފައެވެ.

https://www.sun.mv/209790

އެޗްޑީސީއަށް ބަލާއިރު އެ ކުންފުނި ވެސް އޮތީ މާލީ ގޮންޖެހުންތަކެއްގެ ތެރޭގައެވެ. އެ ހާލަތަށް ދިޔަ ސަބަބުތަކުގެ ތެރޭގައި, އެ ކުންފުނީގެ އެންމެ ބޮޑު އެސެޓްތައް ކަމަށްވާ, ހުޅުމާލޭގެ ބިންތައް, ނިމިދިޔަ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް, ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މާލޭގެ ރައްޔިތުންނަށް ބަހާލުން ހިމެނެއެވެ.

ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުން މީގެ އަހަރެއް ކުރިން ވަނީ ވަރަށް ބޮޑަށް ދަރާފައިވާ ފެނަކަ ކޯޕަރޭޝަން, ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށަށް ބަދަލުކުރަން ނިންމައިފައެވެ. އަދި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ފެނަކައިގެ ޗެއާމަނަށް ވެސް ހަމަޖެއްސެވިއެވެ. ނަމަވެސް ފަހުން ފެނަކަ އެސްޓީއޯގެ ދަށަށް ގެންނަން ނިންމި ނިންމުން ވަނީ އަނބުރާ ގެންގޮސްފައެވެ.

ދައުލަތަށް ބުރައަކަށް ވާގޮތަށް ހިންގަމުން އައި ސަރުކާރުގެ ބައެއް ކުންފުނިތައް ބޮޑެތި ކުންފުނިތަކުގެ ދަށަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ރަނގަޅަށް ނުހިންގާ ބައެއް ކުންފުނިތައް އުވާލަން ވެސް ނިންމިއެވެ. އެއީ، އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ޚަރަދު ކުޑަކުރަން ކަނޑައެޅި ސިޔާސަތެކެވެ.

ނަމަވެސް ސަރުކާރުގެ އެކި މަގާމުތަކަށާއި ކުންފުނިތަކުގެ އެކި މަގާމުތަކަށް ނަގާ މީހުންގެ އަދަދު މަދުނުވެ، ސަރުކާރުން ކުރާ ޚަރަދުތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

comment ކޮމެންޓް