ބިއުޓީ ޕޭޖެންޓުތަކުގެ ތެރެއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި މުބާރާތްކަމަށްވާ "މިސް ޔުނިވާސް"ގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފަލަސްތީން ބައިވެރިވާން ތައްޔާރުވެއްޖެއެވެ.
ދުނިޔޭގެ އެކި ގައުމުތައް ނިސްބަތްކޮށް ހުނަރުވެރި އަންހެނުން ބައިވެރިވާ މި މުބާރާތަކީ ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް ބަލާ މުބާރާތެކެވެ. މުބާރާތް އިންތިޒާމުކުރާ މިސް ޔުނިވާސް އޯގަނައިޒޭޝަން (އެމްޔޫއޯޯ)ގެ މެނޭޖްމެންޓު ބަދަލުވުމަށް ފަހު މިހާރު އަންނަނީ މިސް ޔުނިވާސްގެ ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދުނިޔޭގެ ބަދަލުވަމުން އަންނަ ޓްރެންޑުތަކަށް ސަމާލުކަން ދީ މުބާރާތްތައް ބަދަލުކުރަމުންނެވެ.
އެގޮތުން، އެމްޔޫއޯއިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި މުބާރާތުގައި ފުރަތަމަ ފަހަރަށް ފަލަސްތީނު ތަމުސީލު ކުރުމަށް ބައިވެރިޔަކު ގުޅިފައިވާތީ އެކަމާ ވަރަށް އުފާކުރާ ކަމުގައެވެ. މިއީ މުބާރާތަށް ލިބުނު ބޮޑު ޝަރަފެއް ކަމުގައި ވެސް އިންތިޒާމުކުރާ ޖަމިއްޔާއިން ބުނެއެވެ.
މުބާރާތުގައި ފަލަސްތީނު ތަމުސީލުކުރާނީ އުމުރުން 27 އަހަރުގެ ނަދީން އަޔޫބެވެ. މިސް ޔުނިވާސްއަށް ހޮވާ ބައިވެރިންނަކީ މިސް ވޯލްޑުގެ މަގާމު ޙޯދާފައިވާ ބައިވެރިންނަށެވެ. ނަދީންއަށް މިސް ވޯލްޑްގެ މަގާމު ލިބިފައިވަނީ ދުބާއީގައި 2022 ވަނަ އަހަރު ބޭއްވި މުބާރާތުންނެވެ.
މުބާރާތާ ގުޅޭގޮތުން ވާހަކަދައްކަމުން ނަދީން ބުނެފައިވަނީ ބައިނަލްއަގުވާމީ މުބާރާތެއްގައި ފަލަސްތީނު ތަމުސީލު ކުރުމަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި، ފަލަސްތީނަށް މި ވަގުތު އިސްރާއިލުން ދެމުންދާ ހަމަލާތަކާއެކު ފަލަސްތީނު ނެތި ދިޔުމުގެ ބިރު އޮތްއިރު މިފަދަ ދަނޑިވަޅެއްގައި އަމިއްލަ ގައުމު ތަމުސީލު ކުރުމަށް ފުރުސަތު ލިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ނަދީން ފާހަގަކޮށްފައިވެއެވެ.
ނަދީން ބައިވެރިވާނީ 133 ބައިވެރިން ހިމެނޭ މިސް ޔުނިވާސް މުބާރާތުގައެވެ. ތައިލެންޑުގެ ވެރި ރަށް ބެންކޮކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 21ގައެވެ.