ފަލަސްތީނު މީހުން ނައްތާލަންޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަގެ ގާތް މީހުންގެ ތެރޭގައި ހިމެނޭ ރެންޑީ ފައިން, އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްގައި ގޮވާލައިފިއެވެ.
އަންގާރަ ދުވަހު ކޮންގްރެސްގައި ބޭއްވި ބައްދަލުވުމެއްގައި ފައިން ބުނީ، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިސްރާއީލުގެ ރައްޔިތުންނަށް އެ ސަރަހައްދަށް ނުވަދެވޭ ކަމަށެވެ.
ފަަލަސްތީނުގެ ރައްޔިތުން ކުށްވެރި ކުރުމުގެ ބޭނުމުގައި ފައިން އެހެން ބުނި ނަމަވެސް ހަގީގަތަކީ، އެއީ އިސްރާއީލުން ކޮންޓްރޯލް ކުރާ ސަރަހައްދެއް ކަމަށްވާއިރު، އިސްރާއީލު ވަޒަންވެރިން ތަކުރާރުކޮށް ފަލަސްތީނުގެ ރައްޔިތުންގެ ގެތަކަށް ވަދެ، ފުރައްސާރަ ކުރާ ކަމެވެ.
"އިސްރާއީލުގެ ދައުލަތް ނައްތާލުމަށް މެދުނުކެނޑި ގޮވާލާ ބަޔަކާ މުއާމަލާތް ކުރާއިރު، 'ޔަހޫދީން މި ސަރަހައްދުތަކަށް ނުވަދެވޭނެ' ކަމަށާއި ޔަހޫދީންގެ ކިބައިން މިނިވަންވާނެ ބޭނުންވާ ކަމަށް ބުނާ ބަޔަކާ ސުލްހަ ވާނީ ކިހިނެއް؟" ފައިން ބުންޏެވެ.
އޭނާގެ ސުވާލު އަމާޒުކުރީ، ޔަހޫދީންނަކީ އެހެން މީހުންނަށް ވުރެ މާތް ބަޔެއް ކަމަށް ދެކޭ ޒަޔަނިސްޓް އޯގަނައިޒޭޝަންގެ ރައީސް ރައީސް މޯޓަން ކްލޭއިންއަށެވެ.
ފައިން ބުނީ އިސްލާމްދީން އިސްލާހުކޮށް، އިސްރާއީލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

ގެދޮރު ގެއްލި ޓެންޓުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާއެއް. ފޮޓޯ/އަލް ޖަޒީރާ
"ތިބާގެ ހަލާކު ހޯދަން މަސައްކަތްކުރާ މީހުންނާ ސުލްހަ ވާނީ ކިހިނެއް ކަމެއް ނޭނގެ. އަޅުގަނޑަށް ހީވަނީ ފުރަތަމަ އެމީހުން ނައްތާލަން ވީހެން." ފަލަސްތީނާ ގުޅޭ ގޮތުން ފައިން ބުންޏެވެ.
މިއީ ޓްރަމްޕާއި އެމެރިކަން އިސްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީ (އޭއައިޕީއޭސީ) ގެ އެންޑޯސްމަންޓާއެކު މި އަހަރުގެ ކުރީކޮޅު ކޮންގްރެސްއަށް އިންތިޚާބުވި ފައިން، ފަލަސްތީނު މީހުންނާ ބެހޭ ގޮތުން އެގޮތަށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ.
މީގެ ކުރިން އޭނާ ވަނީ، ފަލަސްތީނުގެ ކުޑަކުއްޖަކު މަރުވެފައި އޮތް މަންޒަރު ފެންނަ ފޮޓޯއަކަށް ސޯޝަލް މީޑިއާގައި ކޮމެންޓުކޮށް، ކުއްޖާއަށް މަލާމާތް ކުރާ ޒާތަށް ވާހަކަ ދައްކައި އެއީ ހިތްގައިމު ފޮޓޯއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މީގެ އިތުރުން، އިސްރާއީލުން ޣައްޒާއަށް އެހީ ވެއްދުން މަނާކޮށްފައި އޮތުމުން ބަނޑުހައިހޫނުކަން އާންމުވެފައިވާ ކަމަށް ބުނެ ލިޔެފައިވާ ރިޕޯޓަކަށް ރައްދު ދެމުން މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ، އެ މީހުން ބަނޑަށް މަރުވާން ދޫކޮށްލަން ޖެހޭ ކަމަށް ދޭހަވާފަދަ މޭރުމަކުން ވެސް ވާހަކަ ދައްކާފައެވެ.
އެކަމާ ގުޅިގެން އެމެރިކަން-އަރަބް އެންޓި ޑިސްކްރިމިނޭޝަން ކޮމިޓީ (އޭޑީސީ)ގެ އެގްޒެކެޓިވް ޑިރެކްޓަރު އަބޭދު އަޔޫބް ވިދާޅުވީ އޭނާ އަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ''ޓެމޫ ވާޝަން'' ކަމަށެވެ.