އދ. ގެ "އުންރުވާ" އެޖެންސީއަކީ ޓެރަރިސްޓް ޖަމާއަތަކަށް ހަދަން އެމެރިކާއިން މަސައްކަތް ކުރަނީ

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ އުންރުވާގެ އޮފީސް

ވޮޝިންޓަން (11 ޑިސެންބަރު 2025) : ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އދ. ން އުފައްދާފައިވާ އެޖެންސީ ކަމަށްވާ. ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އުންރުވާ) އަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ހެދުމަށް އެމެރިކާ ސަކާރުން މަސައްކަތް ކުރާކަން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިތުބާރުހުރި މަސްދަރަކާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި "އުންރުވާ" ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ހެދުމުގެ މަޝްވަރާތައް އެމެރިކާގެ ޚާރިޖީ ވުޒާރާގައި ދަނީ ހިނގަމުންނެވެ. ނަމަވެސް އެމެރިކާއަކީ އދ. ގެ މެންބަރަކަށް ވެފައި ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމަކަށްވާތީ މިއީ ކުރަން ފަސޭހަކަމެއްނޫނެވެ.

އދ. ގެ ގުނަވަނެއް ޓެރަރިސްޓް ޖަމާއަތެއްކަމަށް ހެދުމަކީ ގާނޫނީ ގޮތުން ގިނަ މައްސަލަތަކެއް އުފެދޭނެކަމެއްކަމަށާ މިކަމުގެ އާގިއުމެންޓެއް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ގާނޫނީ ޓީމާއި އެވުޒާރާގެ ސިޔާސީ ވެރިންނާ ދެމެދުދަނީ ހިނގަމުން ކަމަށްވެސް އިތުބާރުހުރި މަސްދަރަކާ ހަވާލާދީ ރޮއިޓާސް ބުނެއެވެ.

"އުންރުވާ" އަކީ ޓެރަރިސްޓް ޖަމާއަތަކަށް ހަދައި އެމެރިކާ ގެންގުޅޭ ޓެރަރިސްޓް ޖަމާއަތުގެ ލިސްޓުގައި އެޖަމާއަތް ހިމަނައިފިނަމަ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް "އުންރުވާ" ވެގެންދާނެއެވެ. ނަތީޖާއަކީ ފަލަސްތީނުގެ ރެފިއުޖީންނަށް އދ. ން ދޭ އިންސާނީ އެހީގެކަންކަން މެނޭޖް ކުރުމަށް އެއެޖެންސީއަށް ބޯޑެތި ދަތިތަކެއް ކުރިމަތިވެގެންދިޔުމެވެ.

ޣައްޒާގައި ހުންނަ އުންރުވާ ގެ އޮފީހުގައި އިސްރާއީލުން ހުޅުޖަހައި އަންދާލަނީ

އދ. ން އުފައްދާފައިވާ އެޖެންސީއެއް ނޫނީ އދ. ގެ ގުނަވަނެއް ޓެރަރިސްޓް ޖަމާއަތެއްކަމަށް ހެދުމަކީ ދުނިޔޭގެ އެއްވެސް ގައުމަކުން މިހާތަނަށް ކޮށްފައިވާ ކަމެއްނޫނެވެ. އެމެރިކާގެ މިއަމަލަކީ ގާނޫނާއި ގަވައިދުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގްވާމީ ނިޒާމު ހަލާކުކޮށްލުމުގެ އަމަލެއްގެ ގޮތުގައި ގާނޫނީ ތަޖުރިބާކާރުން ވަނީ ސިފަކުރައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިއީ ފަލަސްތީނުގެ ރެފިއުޖީން އިތުރަށް ނިކަމެތި ކޮށްލުމަށްޓަކައި އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާގެ ޔަހޫދީ މަހުޖަނުން އެކުލެވޭ ލޮބީ ގްރޫޕްތަކުގެ ޕްރެޝަރަށް އެމެރިކާ ސަރުކާރުން ކުރާ ކަމެކެވެ.

އުންރުވާ އުވާލުމަށްވެސް ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި އެމެރިކާވަނީ އިސްރާއީލާ ގުޅިގެން އދ.ގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އދ. ގެ ގުނަވަނެއް އުވާލުމުގެ ބާރަކީ އެމެރިކާއަށްވެސް އަދި އެނޫން ގައުމަކަށްވެސް ލިބިދޭ ބާރެއް ނޫނެވެ.

"ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް" (އުންރުވާ) އުފައްދާފައިވަނީ 1949 ވަނަ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީން ފާސްކުރި ޚާއްސަ ގަރާރަކުންނެވެ. އެހެންކަމުން "އުންރުވާ" އުވާލުމުގެ ބާރުވެސް ލިބިފައިވަނީ ޖެނެރަލް އެސެމްބްލީން ގަރާރެއް ފާސްކޮށްގެންނެވެ.

އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން ގާތްގަނޑަކަށް ފަސްބައިކުޅަ ހަތަރުބައި މެންބަރުންނަކީ ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ އަދި ފަލަސްތީނަށް ހަމްދަރުދީވާ ގައުމުތަކެވެ. އެހެންކަމުން އުންރުވާ އުވާލުމުގެ ގަރާރެއް އދ. ގެ ތެރެއިން ފާސްކުރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫނެވެ.

އުންރުވާގެ މަސައްކަތަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ އިސްތިއުމާރު ކުރުމުގެ ސަބަބުންނާއި ވަޒަނުން ބޭރުކޮށްލުމުގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި ފަލަސްތީނުގައި މަގުމަތިވެ އަދި އަވަށްޓެރި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ގޮސްފައިވާ އެތަށް މިލިޔަން ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އަދި އިޖްތިމާއީ އެހީތައް ފޯރުކޮށްދިނުމެވެ. ފަލަސްތީނު ރެފިއުޖީންހެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމުގެ މެންޑޭޓް އދ. ން ހަވާލުކޮށްފައިވަނީ އުންރުވާ އާއެވެ.

މީގެތެރޭގައި ފަލަސްތީނުގެ އެތެރެއާއި ބޭރުގައިވާ 8 މިލިޔަން ރެފިއުޖީންނަށް ބޭނުންވާ ސިއްހީ ޚިދުމަތާއި ތައުލީމާއި އެނޫންވެސް ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރެއްގެ ހައިސިއްޔަތުން ޒިންމާ ނަގައިގެން މަސައްކަތް ކުރާ އދ. ގެ އެޖެންސީއެވެ.

އިސްރާއީލުން ވަނީ ޣައްޒާގައިވާ އުންރުވާގެ 500 އަށް ވުރެގިނަ ސްކޫލް ތަޅައި ބިމާ ހަމަކޮށްލާފައެވެ. އިސްރާއީލުންވަނީ ޣައްޒާގައި ފަލަސްތީނު ގެ ރެފިއުޖީންނަށް ކާބޯތަކެއްޗާއި ބޭސް ފަދަ އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އުންރުވާގެ 350 އަށް ވުރެގިނަ މުވައްޒަފުން މަރާލައި އެއެެޖެންސީގެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައެވެ. އިސްރާއީލުން ފަލަސްތީނުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ސްޕޮންސާ ކުރާ މައިގަނޑު ގައުމަކީ އެމެރިކާއެވެ. ދެން ޔޫރަޕްގެ ގައުމުތަކެވެ.

comment ކޮމެންޓް