ހިލޭ އައިނު ހައްދަން ކިޔޫގައި 1267 މީހުން، މިހާތަނަށް 131 އައިނު ހައްދަދީފި

ސަރުކާރު އައިނު ފިހާރައިން ޚިދުމަތް ދިނުން: އިއްޔެގެ ނިޔަލަށް 1،267 މީހުން އައިނު ހައްދަން އެދިފައިވޭ -- ސަން ފޮޓޯ: މޫސާ ނަދީމް

މިދިޔަ ޖުލައި މަހުގެ 27ވަނަ ދުވަހު އައިޖީއެމްއެޗްގައި ހުޅުވި ސަރުކާރުގެ އައިނު ފިހާރައިން ހިލޭ އައިނު ހައްދަން 1،267 މީހަކު އެދިފައި ވާކަމަށާއި މިހާތަނަށް ދޫކުރީ 131 އައިނު ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

"އެމްސީޖީއެޗް އޮޕްޓިކަލްސް"ގެ ނަމުގައި އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވީ އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށެވެ. މި ފިހާރައިގެ ޚިދުމަތް ފެށި ފުރަތަމަ ތިންދުވަހުގެ ތެރޭގައި ވެސް 361 މީހަކު އައިނު ހައްދަން އެދި ނަން ނޯޓުކުރި ކަމަށާއި، ނަންބަރު ދޫކުރަން ފެށި ފުރަތަމަ ދުވަހު 80 މީހުން އައިނު ހައްދަން އެދުނު ކަމަށް، އައިޖީއެމްއެޗުން މީގެ ކުރިން ބުންޏެވެ.

"ސަން"އިން ސުވާލުކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައިނު ފިހާރަ ހުޅުވި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް 131 މީހަކާ އައިނު ހަވާލުކޮށްފައި ވާކަމަށެވެ. އޮފިޝަލް ވިދާޅުވިގޮތުގައި ދުވާލަކު 20 އައިނާއި 30 އައިނާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރެއެވެ.

ސަރުކާރު އައިނު ފިހާރައިން ޚިދުމަތް ދިނުން: މި ފިހާރައިން އާއްމުންގެ އަތުން އިތުރު އަގެއް ނުނަގައި އާސަންދައިގެ ދަށުން އައިނު ހައްދައިދޭ-- ސަން ފޮޓޯ: މޫސާ ނަދީމް

އިއްޔެ މެންދުރުފަހުގެ ނިޔަލަށް 1،267 މީހަކު އައިނު ހެއްދުމަށް އެދިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ދުވާލެއްގެ މައްޗަށް ކިތައް މީހުންގެ ޗެކަޕް ހެދޭތޯ ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ، އެވަރެޖްކޮށް ދުވާލަކު 45 މީހުންގެ ޗެކަޕް ހެދޭ ކަމަށެވެ.

އެހެންކަމުގައިވާ ނަމަ، 1،267 މީހުން ލޮލުގެ ޗެކަޕް ހަދަން 28 އެއްހާ ދުވަސް ނަގާނެއެވެ.

ފާހަގަކުރެވޭ ގޮތުގައި އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ފަހިވުމުން، ސަރުކާރުގެ އައިނު ފިހާރައަށް އޮތް ޑިމާންޑު ވަނީ ބޮޑުވެފައެވެ.

ސަރުކާރު އައިނު ފިހާރައިން ޚިދުމަތް ދިނުން: މި ފިހާރައިން އާއްމުންގެ އަތުން އިތުރު އަގެއް ނުނަގައި އާސަންދައިގެ ދަށުން އައިނު ހައްދައިދޭ-- ސަން ފޮޓޯ: މޫސާ ނަދީމް

އައިނު ހެއްދުމަށް އައިނު ފިހާރައިގެ ނަންބަރު 3335150އަށް ގުޅައިގެން، ނުވަތަ ފިހާރައަށް ޒިޔާރަތްކުރުމުން ނަން ނޯޓުކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ކިޔޫގައި މަޑުނުކޮށް ކުރިއަށް ދެވޭނެ އިންތިޒާމު ވެސް އެ ތަނުގައި ހަމަޖެހިފައިވެއެވެ.

އައިޖީއެމްއެޗްގައި ގާއިމްކުރި އައިނު ފިހާރަ ހުޅުވައިދެއްވައި މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ހަވީރު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ސަރުކާރު އައިނު ފިހާރައިން ޚިދުމަތް ދިނުން: މި ފިހާރައިން އާއްމުންގެ އަތުން އިތުރު އަގެއް ނުނަގައި އާސަންދައިގެ ދަށުން އައިނު ހައްދައިދޭ-- ސަން ފޮޓޯ: މޫސާ ނަދީމް

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، މި އައިނު ފިހާރައިގައި ހުންނާނީ އެންމެ ޒަމާނީ މެޝިނަރީ ކަމަށާއި، މިތަނުން ނަންބަރު ނެގުމާއި ލެންސް ހެއްދުމުގެ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށެވެ.

"އަދި އާސަންދައިން މި ހޭދަކުރާ 2،000 ރުފިޔާގެ އަދަދުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް އައިނު ހިލޭ ހެއްދުމުގެ ފުރުސަތު މިއަދު ފަހިވެގެން މި ދިޔައީ،" އޭނާ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގައި މިމަހު މި ޚިދުމަތް ފަށާނެ ކަމަށާއި، ކުރިއަށް ހުރި ދުވަސްތަކުގައި ރީޖަނަލް ހޮސްޕިޓަލްތަކަށް ވެސް މި ޚިދުމަތް ފުޅާކުރާނެ ކަމަށެވެ.

ސަރުކާރުގެ ހޮސްޕިޓަލުތަކުން ލޮލުގެ އެކި ބަލިބައްޔަށް ބޭސް ކުރެވޭއިރު، އައިނު ހައްދައިދިނުމުގެ ޚިދުމަތް މި ފެށީ އަލަށެވެ. ރާއްޖޭގައި މި ޚިދުމަތް އަބަދު ވެސް ދެމުން އައީ ޕްރައިވެޓް ސެކްޓަރުންނެވެ. އައިނު ހެއްދުމަކީ ބޮޑު ޚަރަދު ހިނގާ ކަމަކަށްވާއިރު، އެ ކަމުގައި އާސަންދައިން އައީ 1،000 ރުފިޔާ ކަވަރުކޮށްދެމުންނެވެ.

ނަމަވެސް، ފަހުން ސަރުކާރުން ވަނީ މި އަދަދު 2000އަށް ބޮޑުކޮށްދީފައެވެ.

މި ފައިސާ އާސަންދައަށް ކެނޑުމަށްފަހު ވެސް އާންމުންގެ އަތުން އެ ޚިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ އޭރު އޮތީ ޝަކުވާ ބޮޑުވެފައެވެ.

comment ކޮމެންޓް