ކެންސަރަށް ފަރުވާ ހޯދާ މަންމަގެ ބޭސް ނުލިބި، ކަންބޮޑުވުން

ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗް: ކެންސަރަށް ފަރުވާ ހޯދާ މަންމައަކަށް ބޭސް ނުލިބިގެން ދަރިއަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/ މާނިއު މުހައްމަދު

މިހާރަކަށް އައިސް ސޯޝަލްމީޑިއާ ހުޅުވާލާއިރަށް ގިނައިން ފެންނަނީ އެއް ވާހަކައެކެވެ. ކޮންމެ ވެސް ބޭހެއް ނުލިބޭ ވާހަކައެވެ. ނުވަތަ އާސަންދައިން ބޭސް ނުލިބި، އަމިއްލައަށް ޚަރަދުކުރަން ޖެހޭ ވާހަކައެވެ. މިއަދު ވެސް ފެނުނީ އެފަދަ މަންޒަރެކެވެ. ކެންސަރަކަށް ފަރުވާ ހޯދާ މަންމައަކަށް ކޮންމެހެން ބޭނުންވާ ބޭހެއް ލިބޭނެ ގޮތް ހުސްވެފައިވާ ދަރިއެއްގެ ކެކުޅުންތައް ތިލަކޮށްފައި ވަނިކޮށެވެ.

ސާއިމާ ޝަރީފްގެ މަންމަ ކެންސަރަށް ފަރުވާ ހޯދާތާ އަހަރުތަކެއް ވެއްޖެއެވެ. ކެންސަރުގެ އެންމެ ފަހު ނުވަތަ ހަތަރުވަނަ ސްޓޭޖު ތަހަންމަލުކުރާ ސާއިމާގެ މަންމަގެ ކީމޯ ތެރަޕީ ބޭސް ޖެހެނީ ރާއްޖޭން ބޭރުން ގެންނާށެވެ. އެކަން ކުރަމުން އައީ އެސްޓީއޯ މެދުވެރިކޮށެވެ.

އެ ބޭހަކީ ސާއިމާގެ މަންމައަށް ކޮންމެހެން ބޭނުންވާ ބޭހެކެވެ. ބޭސް ލަސްވާ ކޮންމެ ދުވަހަކީ ބަލި ހަށިގަނޑަށް ފެތުރި، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ސާއިމާގެ މަންމައަށް އޮންނަ ދުވަހެކެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މީހަކު ކެންސަރަށް ފަރުވާ ހޯދަނީ --- ފޮޓޯ/ ޕީއެސްއެމް

ސާއިމާ ބުނި ގޮތުގައި، އެސްޓީއޯ މެދުވެރިކޮށް އެ ބޭސް ގެނައުމަށް ވެސް އެތައް ކަމެއް ގިރާކުރަން ޖެހެއެވެ. އެކަން ކުރަން ކޮންމެ ފަހަރަކު ޖެހެނީ އެސްޓީއޯ ޕޯޓަލްއަށް ތަފުސީލުތައް އަޕްލޯޑުކޮށްގެނެއެވެ. އެކަމަކު، ބައެއް ފަހަރަށް އެ ބޭސް އަތަށް ނުލިބި ވެސް ދެމަހެއް ތިން މަހެއް މަޑުކުރަން ޖެހެއެވެ. އެތައް ޝަކުވާއަކާއި ގުޅުމެއް ގުޅަން ސާއިމާއަށް ޖެހެއެވެ. އެ ދިގު ރާސްތާ ކޮންމެ ފަހަރަކު އެ ބޭސް ހޯދަން ކަޑައްތުކުރަން ޖެހެއެވެ.

ބޭސް ހޯދުމަށް ހުށަހަޅަން ޖެހޭ ސިސްޓަމެއް އޮތަސް، މިހާރު ކުއްލިއަކަށް އެކަން ބަދަލުވެފައިވާ ކަމަށް ސާއިމާ ލިޔެފައިވެއެވެ.

"މީގެ ދެތިން ދުވަހެއް ކުރިން، މަންމަގެ ބޭސް ސިޓީ އަޕްލޯޑުކުރަން ބެލިއިރު، އެސްޓީއޯ ޕޯޓަލެއް ނެތް. އެސްޓީއޯއަށް ގުޅީމަ ބުނީ، ވިރަ ފޯމު އެންސްޕާއަށް އެޕްލައިކުރާށޭ" ސާއިމާ ލިޔެފައިވެއެވެ.

އެކަން އިތުރަށް ސާފުކުރުމަށް ސާއިމާ އެންސްޕާއަށް ގުޅިއެވެ. ބޭސްތައް ގެނައުމަށް ފާމަސީގެ ކޯޓޭޝަން ބޭނުންވާނެކަން އެންސްޕާއިން ސާއިމާއަށް އެންގިއެވެ. އެހެންވެ، އަނެއްކާ ވެސް އޭނާ އެސްޓީއޯއަށް ގުޅައި، ކޯޓޭޝަން ދިނުމަށް އެދުނެވެ. އެ ބޭހަކީ، އެސްޓީއޯގައި ސްޓޮކްގައި ހުންނަ ބޭހަކަށް ނުވާތީ ކޯޓޭޝަންއެއް ނުދޭ ކަމަށް އޭނާ ލިޔެފައިވެއެވެ. އެކަމަކު، މިދިޔަ އަހަރު އަހަރުތަކުގައި ބޭސް ހޯދަމުން އައީ އައުޓުސޯސްކޮށްގެން ކަމަށް ސާއިމާ ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭ ޔުނިޓު ---- ފޮޓޯ/ ޕީއެސްއެމް

"އެސްޓީއޯއިން ކޯޓޭޝަން ނުދޭ ވާހަކަ އެންސްޕާގައި ބުނުމުން، އެތަނުގެ މުވައްޒަފަކު ބުނީ ބޭސް އަމިއްލައަށް ގަތުމުން އެއަށް ހަރަދުވި ފައިސާ އެޕްރޫވްވުމުން ލިބޭނެ ކަމަށް. އެކަމަކު އާދައިގެ އާއިލާތަކަށް ކިހިނެއްތޯ އެނގޭނީ ކޮންޓްރޯލްޑް ކީމޯތެރަޕީ ބޭހެއް ރާއްޖެއަށް އަމިއްލައަށް ގެންނަން. އެއީ އަނެއްކޮޅުން އަގުހެޔޮ ބޭހަކަށް ވެސް ނުވާނެ،" ސާއިމާ ބުންޏެވެ.

އޭރު ވެސް ވިރަ ފޯމު މެދުވެރިކޮށް ބޭސް ހޯދަން ހުށަހަޅަން ޖެހޭ ގޮތް ސާއިމާއަށް ރަނގަޅަކަށް ސާފެއް ނުވެއެވެ. އެހެންވެ، މިއަދު އޭނާ އިތުރަށް ގުޅައި، މައުލޫމާތު ސާފުކުރިއެވެ. އެ ފޯމު އަސްލު ހުށަހަޅަން ޖެހެނީ އާސަންދައަށް ކަމަށް އޭނާ ބުންޏެވެ.

އެ ޕޯސްޓުކުރުމާ އެކު ބޮޑު ސަމާލުކަމެއް ލިބުނެވެ. ފަހުން އެ ޕޯސްޓަށް ސައިމާ ވަނީ ދެން ކަންހިނގި ގޮތް އިތުރުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެފަދައިން ދިމާވީ އޮޅުމެއް އަރައިގެންނެވެ. އެ ބޭސް ގެންނަން ވިރަ ފޯމު ފުރާކަށް ނުޖެހެއެވެ. ފާމަސީ މެދުވެރިކޮށް ބޭސް ގެނެވޭނެ ކަމަށް އޭނާ ޕޯސްޓުގައި ފަހުން ލިޔެފައިވެއެވެ.

އޭނާ ބުނީ، ޕޯސްޓާ އެކު އެންސްޕާއާއި އެސްޓީއޯއިން ވެސް އޭނާއަށް ގުޅި ކަމަށެވެ. އަދި، ކަންހިނގާފައި އޮތް ގޮތް މިހާރު ސާފުވެއްޖެ ކަމަށް އޭނާ ބުންޏެވެ.

ބޭސް ނުލިބިވާ ކޮންމެ ދުވަހަކީ ސާއިމާގެ މަންމަގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ދުވަހެއް ކަމަށް އަސަރާއެކު، އޭނާ ލިޔެފައިވެއެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި އޭނާގެ މަންމައަށް ނަފުސާނީ ގޮތުން އެތައް ކަމަކާ ކުރިމަތިވެއްޖެއެވެ.

ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ މީހަކު ބޭސް ލިބޭނެ ދުވަހެއް ނޭނގިގެން ކަންބޮޑުވާން ޖެހިފައި ހުންނަން ނުޖެހޭނެ ކަމަށް ސާއިމާ ބުންޏެވެ. މިއީ، ހަމައެކަނި އޭނާގެ އާއިލާއަށް ދިމާވެފައިވާ މައްސަލައަކަށް ނުވާނެކަން އޭނާ ފާހަގަކުރިއެވެ.

މި ފަހުން ބޭސް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ މައްސަލަ ހައްލުކުރަން ސަރުކާރުން އެކި ފަހަރު މަތިން އެކި ތާރީޚުތައް ދީފައިވެއެވެ. އެކަމަކު، އަދިވެސް ބޭސް ނުލިބޭކަމުގެ ޝަކުވާ މަދެއް ނުވެއެވެ.

comment ކޮމެންޓް