މިދިޔަ މަހު 45،000 ތަން ޗެކުކޮށް، ކުށުގެ ރެކޯޑު އޮތް 4،800 މީހުންނާ ސުވާލުކުރި

މާޗް 5، 2021: ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ ތެރޭގައި ކުށުގެ ރެކޯޑު އޮތް 4،000 އަށްވުރެ ގިނަ މީހުން ހުއްޓުވައި ސުވާލުކުރި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ މަހުގެ އެކަކުން 30ގެ ނިޔަލަށް މާލެ ފްރަންޓްލައިން ޕޮލިސިން ޑިޕާޓުމަންޓުތަކުން ކުރި މަސައްކަތުގެ ތަފާސްހިސާބުތައް މިއަދު ފުލުހުން ވަނީ އާންމުކޮށްފައެވެ.

އެއިން ދައްކާ ގޮތުގައި، މިދިޔަ މަހު ފުލުހުން ވަނީ 1،037 ގަޑިއިރާއި 48 މިނެޓު ފައިމަގުގައި ޕެޓްރޯލުކޮށްފައެވެ. އަދި 45،380 ތަނެއް ފުލުހުން ވަނީ ޗެކުކޮށްފައެވެ.

އެ މަސައްކަތުގެ ތެރެއިން މީހުން ހުއްޓުވައިގެން ފުލުހުން ސުވާލުކޮށްފައިވެއެވެ. ޖުމުލަ 5،015 މީހުންނާ ސުވާލުކުރިއިރު، އޭގެތެރޭގައި ގިނައީ ކުށުގެ ރެކޯޑު އޮތް މީހުންނެވެ. އެ ބާވަތުގެ 4،833 މީހުންނާ ސުވާލުކުރިއިރު، ކުށުގެ ރެކޯޑު ނެތް 182 މީހުންނާ މިދިޔަ މަހު ފުލުހުން ސުވާލުކުރިއެވެ.

މާލޭގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން، އެކި ސަރަަހައްދުތަކަށް ގިނަ ފުލުހުންތަކެއް ޕެޓްރޯލު ކުރުމަށް ހަރަކާތްތެރިވެއެވެ. އަދި، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ސިޔާސަތު ބަދަލު ކުރުން ހިމެނެއެވެ.

އޭގެފަހުން ފުލުހުން ވަނީ، މަގުމަތީގެ ރައްކާތެރިކަން މިހާރަށް ވުރެ އިތުރު ކުރުމަށް ޕްރޮގުރާމުތަކެއް ހިންގުމަށް ތިން ކުންފުންޏަކާ އެއްކޮށް ސޮއިކޮށްފައެވެ.

comment ކޮމެންޓް