ގެއްލުނު ފުވައްމުލަކުގެ ޒުވާނާ ފެނުނީ ހޯދަން އިއުލާނުކުރި ދުވަހު

މިދިޔަ ޖޫން މަހުގެ 25 ގައި ގެއްލުނު ސާމީ، ހަފްތާއެއް ފަހުން އޭނާ ވަނީ ގެއަށް ގޮސްފައި --- ފޮޓޯ: ފުލުހުން

މާލޭން ގެއްލުނު ފުވައްމުލަކުގެ ޒުވާނާ ހޯދަން އިއުލާނުކުރި ދުވަހު ފެނިފައިވާ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 32 އަހަރުގެ, ޏ. ފުވައްމުލައް، ހޯދަޑު، ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދެވެ.

މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ގެއްލުނު ސާމީ ހޯދަން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ ދެވަނަ ދުވަހު އިރުއޮއްސި 18:16 ހާއިރުގައެވެ. ޖެހިގެން އައި ބުރާސްފަތި ދުވަހު އޭނާ ހޯދަން ފުލުހުން އިއުލާނުކުރިއެވެ.

"ސަން" އިން ސުވާލުކުރުމުން ސާމީގެ އާއިލާ އާ ހަވާލާދީ ފުލުހުން ބުނީ، ސާމީ ހޯދަން އިއުލާނުކުރި ދުވަސްކަމަށްވާ ބުރާސްފަތި ދުވަހު އޭނާ ގެއަށް އައިސްފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އާއިލާއަށް ހަބަރު ނުވެގެން މީހުން ހޯދަން ދޭތެރެއަކުން ފުލުހުން އިއުލާނުކުރެއެވެ. އަދި އިއުލާނުކުރާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ މީހުން އާންމުކޮށް ފެނެއެވެ.

comment ކޮމެންޓް