ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކި ސްކޫލުތަކުގެ ނަމުގައި ހިންގައި، ދަރިވަރުންނާއި ޓީޗަރުންނަށް ފުރައްސާރަ ކުރުމަށް ބޭނުންކުރާ 'ކޮންފެޝަން' ޕޭޖުތައް ފުލުހުން ހުއްޓުވަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ގަނާ ކުރުމުގެ އަމަލުތައް އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން، މާލޭގެ ސްކޫލްތަކުގައި ނަމުގައި ހިންގި ދެ އިންސްޓަގްރާމް ކޮންފެޝަން ޕޭޖެއް މިދިޔަ ހަފުތާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާއި ސައިބާ ކްރައިމް ސެންޓަރުން ގުޅިގެން ބަލަމުން އަންނަ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ވަނީ އެ މައްސަލައަކީ ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާއިރު، މިފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުން،" ފުލުހުންގެ މެސެޖުގައިވެއެވެ.
އެ ޕޭޖްތައް ހިންގަނީ، ޕޭޖު އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށްގެންނެވެ. އަދި އެ ޕޭޖުތަކުގައި އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފުސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް ޝާއިއުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ގަނާ ކުރުމުގެ މައްސަލަ އޮތް މިންވަރާ ގުޅޭ ގޮތުން މިފަހުން ދިރާސާއެއް ހަދައިފައިނުވި ނަމަވެސް، 2014 ވަނަ އަހަރުގެ އާންމުކުރި ސާވޭއެއްގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގައި ކޮންމެ ހަތަރު ދަރިވަރަކުން އެއް ކުއްޖަކު ގަނާ ކުރުމާ ކުރިމަތިލާން ޖެހެއެވެ.
މިފަހުން އެފަދަ މައްސަލަތައް ފޮޓޯއާއި ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި ވެސް ދައުރުކޮށްފައި އެބަހުއްޓެވެ.