މައިކްރޮސޮފްޓުން 25 އަހަރަށްފަހު ޕާކިސްތާނުގައި ޚިދުމަތްދިނުން ހުއްޓާލަނީ

މައިކްރޯސޮފްޓްގެ ސީދާ އޮޕަރޭޝަންތައް ހުއްޓާލިޔަސް އޮފީސް ފަދަ އާއްމު ޚިދުމަތްތައް ލިބޭނެ -- ފޮޓޯ: ރޮއިޓާސް

ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ކުންފުނި މައިކްރޯސޮފްޓުން، ޕާކިސްތާނުގައި 25 އަހަރު ވަންދެން ޚިދުމަތް ދިނުމަށްފަހު، އެ ގައުމުގައި ސީދާކޮށް ހިންގަމުން އައި އޮޕަރޭޝަންތައް ހުއްޓާލަން ނިންމައިފިއެވެ.

މިއީ ސްޓްރެޓެޖިކް ގޮތުން "ޕާޓްނަރުންނަށް ބަރޯސާވާ" ވިޔަފާރީގެ މޮޑެލްއަކަށް ބަދަލުވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މައިކްރޯސޮފްޓްގެ ތަރުޖަމާނަކު ޓެކް ކްރަންޗަށް މައުލޫމާތު ދެމުން ބުނީ، މީގެ ފަހުން ޕާކިސްތާނުގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭނީ ރީސެލަރުން އަދި އެހެން ގައުމުތަކުގައި ހުންނަ މައިކްރޯސޮފްޓްގެ އޮފީސްތައް މެދުވެރިކޮށް ކަމަށެވެ.

"މިއީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކެއްގައި ވެސް އަޅުގަނޑުމެން ކާމިޔާބުކަމާއެކު ގެންގުޅޭ މޮޑެލެއް. އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމަކީ ކަސްޓަމަރުން. ކުރިއެކޭ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމުގެ ޔަގީންކަން އަރުވަން،" ތަރުޖަމާނު ވިދާޅުވިއެވެ.

ޕާކިސްތާނުގެ އައިޓީ އެންޑް ޓެލެކޮމް މިނިސްޓްރީން ބުނީ، މައިކްރޯސޮފްޓްގެ ސަރަހައްދީ އަދި ގްލޯބަލް ލީޑާޝިޕާ ގުޅިގެން މަސައްކަތްކޮށް، މި އޮނިގަނޑުގެ ބަދަލުތަކުގެ ސަބަބުން ޕާކިސްތާނުގެ ކަސްޓަމަރުންނާއި، ޑިވެލޮޕަރުންނާއި، ޕާޓްނަރުންނަށް ވެފައިވާ ވަޢުދުތައް ފުއްދުން އިތުރަށް ހަރުދަނާ ވާނެކަން ކަށަވަރު ކުރާނެ ކަމަށެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި، މައިކްރޯސޮފްޓްގެ މި ނިންމުމަކީ ދުނިޔޭގެ ފެންވަރުގައި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ހެޔޮވަރު ކުރުމަށް ހިންގާ ޕްރޮގްރާމެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. އަދި މިއީ ޕާކިސްތާނުގެ މާކެޓުން ފަހަތަށްޖެހުން ނޫން ކަމަށާއި، މިއީ ސީދާ މުވައްޒަފުން މަދުކޮށް، ޕާޓްނަރުންނާއި ކްލައުޑް ޓެކްނޮލޮޖީއަށް ބަރޯސާވުމަށް ކުރިއްސުރެން ވެސް ރާވާފައިވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

އެގޮތުން، ފާއިތުވި އަހަރުތަކުގައި ވެސް މައިކްރޯސޮފްޓުން ވަނީ ޕާކިސްތާނަށް ޚާއްސަ ލައިސަންސިން އަދި ކޮމާޝަލް އެއްބަސްވުންތަކުގެ ކަންކަން އެ ކުންފުނީގެ ޔޫރަޕް ހަބް ކަމަށްވާ އަޔަލެންޑަށް ބަދަލުކޮށްފައެވެ. ދުވަހުން ދުވަހަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އައީ އެ ގައުމުގައި ތިބި ސެޓިފައިޑް ޕާޓްނަރުންނެވެ.

މިކަމާ ގުޅިގެން ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ނިންމުމުގެ ސަބަބުން ޕާކިސްތާނުގައި ތިބި މައިކްރޯސޮފްޓްގެ މުވައްޒަފުންނަށް ވަޒީފާގެ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

މައިކްރޯސޮފްޓުން ޕާކިސްތާނުގައި ސީދާ އޮޕަރޭޝަންތައް ހުއްޓާލަން ނިންމާފައިވާއިރު، ފާއިތުވި އަހަރުތަކުގައި ގޫގުލް، މެޓާ، އަދި އެމޭޒަން ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން ވެސް ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ހާސް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން އޮނިގަނޑަށް ބަދަލުތައް ގެނެސްފައެވެ.

މިފަދަ ނިންމުންތަކުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ މައިގަނޑު ވިޔަފާރިއަށް އިތުރަށް ފޯކަސްކޮށް، "ޕާޓްނަރުންނަށް ބަރޯސާވާ މޮޑެލް"އަށް ބަދަލުވުމެވެ. މީގެ އިތުރުން، ޕާކިސްތާނަކީ މިވަގުތު އިގްތިސާދީ ގޮތުން ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާ ގައުމަކަށް ވުމާއި، ޑޮލަރާ އަޅާބަލާއިރު އެގައުމުގެ ފައިސާގެ އަގު ދަށްވުމަކީ ބައިނަލްއަގްވާމީ ކުންފުނިތަކަށް އެފަދަ ގައުމުތަކުގައި ސީދާ އޮޕަރޭޝަންތައް ހިންގުމަށް ހުރި ގޮންޖެހުމެއް ކަމަށް ބެލެވެއެވެ.

މި ބަދަލާއެކު ވެސް، މައިކްރޯސޮފްޓްގެ ވިންޑޯސް، އޮފީސް، އަދި އަޒޫރީ ކްލައުޑް ފަދަ ޕްރޮޑަކްޓްތަކަކީ ޕާކިސްތާނުގެ ސަރުކާރާއި، ވިޔަފާރިތަކާއި، އާންމުންގެ ދިރިއުޅުމުގެ މުހިންމު ބައެއްކަމުން، އެ ކުންފުނީގެ ޚިދުމަތްތައް އެ ގައުމުގައި ދެމިއޮންނާނެއެވެ.

comment ކޮމެންޓް