ސައުދީ އަރަބިއްޔާ އާއި ނިއުކްލިއާ ހަތިޔާރު އެޅި ޕާކިސްތާނުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.
ދެ ގައުމުގެ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމަކީ ދެގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމާއި، ވަރުގަދަ ދިފާއީ ގުޅުމާއި، ދެ ގައުމުންވެސް ހިއްސާކުރާ ދުރު ރާސްތާ މަގުސަދުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލި އެއްބަސްވުމެކެވެ.
"ދެގައުމުގެ ސަލާމަތީ ކަންކަން އިތުރުކޮށް، ސަރަހައްދާއި ދުނިޔޭގައި ސަލާމަތާއި ސުލްހަ ގާއިމްކުރުމަށް ދެގައުމުގެ ހިއްސާވާ މަގުސަދުތައް ދައްކުވައިދޭ މި އެއްބަސްވުމުގެ މަގުސަދަކީ ދެގައުމުގެ ދިފާއީ އެއްބާރުލުމުގެ ކަންކަން ތަރައްގީކޮށް، އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރުން." އެ ބަޔާނުގައި ބުނެފައިވެއެވެ.
ބުދަ ދުވަހު ރިޔާދުގައި ބޭއްވި ބައްދަލުވުމުގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެކި ދާއިރާތަކުން ދެ ގައުމުގެ ސްޓްރެޓެޖިކް ޕާޓްނަޝިޕް އިތުރުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
ސަރަހައްދީ އަދި ބައިނަލްއަގުވާމީ ތަރައްގީއާއި، ސަލާމަތާއި ހަމަޖެހުން ހޯދުމަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ވެސް ޚިޔާލު ބަދަލުކުރެއްވިއެވެ.
ޝެހެބާޒް ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއާގައެވެ.
ދެ ގައުމުގެ ދެމެދުގައި މި އެއްބަސްވުން ވެފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން އަރަބި ލީގާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ ދެމެދު ބޭއްވި ބައްދަލުމަށްފަހުއެވެ.
އެމެރިކާއިން ހުށަހެޅި ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ދޯހާގައި ތިބި ހަމާސްގެ ސިޔާސީ ލީޑަޝިޕްގެ މެމްބަރުންނަށް އަމާޒުކޮށްގެން އިސްރާއީލުން ދިން ހަމަލާ އަރަބި ގައުމުތަކާއި އިސްލާމީ ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ޕާކިސްތާނާއި ސައުދީ އަރަބިއްޔާއާއި ދެމެދު ވިޔަފާރި އަދި އަސްކަރީ ގުޅުން އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ.
ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރުން ފެށިގެން ޕާކިސްތާނުން ވަނީ ސައުދީ ހަތިޔާރު އެޅި ސިފައިންގެ 8،200 އަށް ވުރެ ގިނަ މީހުން ތަމްރީނުކޮށް، ދެ ފަރާތުން ވެސް ޖޮއިންޓް އަސްކަރީ ތަމްރީނުތަކެއް ވެސް ބާއްވާފައެވެ.