އިންޑޮނޭޝިއާގެ ބާލީގައި 65 މީހުން ތިބި ފެރީއެއް އަޑިއަށް ގޮސްފި

ބާލީން އަޑިއަށްދިޔަ ފެރީން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަނީ -- ފޮޓޯ/ އޭޕީ

އިންޑޮނޭޝިއާގެ ރިސޯޓް ޖަޒީރާ ބާލީ ކައިރިން 65 މީހުން ގޮވައިގެން ދަތުރުކުރި ފެރީއެއް އަޑިއަށް ގޮސް 43 މީހުން ގެއްލިއްޖެއެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަންނަނީ ކުރަމުންނެވެ.

ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ކޭއެމްޕީ ޓޫނޫ ޕްރަތަމާ ޖަޔާ ކިޔާ އެ ފެރީ އަޑިއަށް ދިޔައީ އީސްޓް ޖާވާގެ ކެޓަޕަންގް ބަނދަރުން ފުރިތާ ގާތްގަނޑަކަށް ބައިގަޑިއިރު ފަހުން ކަމަށެވެ.

އެ ފެރީ ދަތުރުކުރަމުން ދިޔައީ ބާލީގެ ގިލިމަނޫކް ބަނދަރަށް ކަމަށާއި އެއީ 50 ކިލޯމީޓަރުގެ ދަތުރެއް ކަމަށް ވެސް އޭ އެޖެންސީ ބުނެއެވެ.

އެ ފެރީގައި 53 ފަސިންޖަރުންނާއި 12 ފަޅުވެރިންނާއި 22 ވެހިކަލް ވެސް އުފުލާފައިވާ ކަމަށާއި އޭގެ ތެރޭގައި 14 ޓްރަކް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ހާދިސާގައި ހަތަރު މީހުން މަރުވެފައިވާކަމަށާއި، 23 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ރޭން ފެށިގެން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ދެ ޓަގް ބޯޓާއި އިންފްލެޓެބަލް ދެ ދޯނި ހިމެނޭ ގޮތަށް ނުވަ ދޯންޏަކުން ދަނީ ކުރަމުންނެވެ. އެ ސަރަހައްދުގެ ކަނޑު ވަރަށް ގަދަ ކަމަށާއި ރާޅުގެ އުސްމިން ދެ މީޓަރަށް އުފުލޭ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ސަތާރަ ހާހަށްވުރެ ގިނަ ޖަޒީރާ ހިމެނޭ އިންޑޮނޭޝިއާގައި ފެރީގެ ހިތާމަވެރި ހާދިސާތައް އާންމުވެފައިވާއިރު، ގިނައިން ފެރީ ބޭނުންކުރަނީ ދަތުރުފަތުރާއި ރައްކާތެރިކަމުގެ ގަވާއިދުތަކާ ޚިލާފަށެވެ.

އިންޑޮނޭޝިއާ އަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ގައުމަކަށް ވާއިރު، މިއީ ވަރަށް ގިނަ ދިވެހިން ވެސް ދަތުރުކުރާ ގައުމެކެވެ.

comment ކޮމެންޓް