މުޒާހަރާތަކުގެ ޑޭޓާ ނުދިނުމުން، އިންޑޮނޭޝިއާގައި ޓިކްޓޮކް ސަސްޕެންޑުކޮށްފި

އިންޑޮނޭޝިއާގައި ވަނީ ޓިކްޓޮކް ހިންގުން ސަސަޕެންޑުކޮށްފައި، ފޮޓޯ/ރޮއިޓާސް

އިންޑޮނޭޝިއާގައި ސަރުކާރާ ދެކޮޅަށް ދާދި ފަހުން ކުރި މުޒާހަރާތަކުގެ ޑޭޓާ ހިއްސާކުރަން ދެކޮޅު ހެދުމުން، މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ އޮޕަރޭޓިން ލައިސަންސް ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ގައުމުގެ ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، އޮގަސްޓް މަހު ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ޓިކްޓޮކް ލައިވް ފީޗާގެ ހަރަކާތްތަކުގެ އެކަށީގެންވާ ޑޭޓާ ނުދިނުމުން އެޕްގެ އޮޕަރޭޓިން ލައިސަންސް "ވަގުތީ ގޮތުން ސަސްޕެންޑް" ކުރި ކަމަށެވެ.

"މި ފިޔަވަޅަކީ ޓިކްޓޮކުން ހަމައެކަނި ޕާޝިއަލް ޑޭޓާ ފޯރުކޮށްދިނުމުން ސަރުކާރުން އެޅި ފިޔަވަޅެއް،" ޑިޖިޓަލް ސްޕޭސް ސުޕަވިޝަންގެ ޑިރެކްޓަރު ޖެނެރަލް އެލެގްޒެންޑާ ސަބާރު ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

އެ މިނިސްޓްރީން ބުނީ ޓިކްޓޮކަށް ޑޭޓާ ހުށަހެޅުމަށް ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ދީފައި އޮތް ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށެވެ.

އިންޑިނޭޝިއާގައި އޮގަސްޓް މަހު ކުރިއަށްދިޔަ މުޒާހަރާ. ފޮޓޯ/ރޮއިޓާސް

އެކަމާ ގުޅިގެން ޓިކްޓޮކުން ބުނީ އެ ކުންފުނިން ހިންގާ މާކެޓްތަކުގެ ގާނޫނުތަކަށް އިހުތިރާމުކުރާ ކަމަށެވެ.

އަދި، ޓިކްޓޮކުން މިނިސްޓްރީއާ ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ޕްލެޓްފޯމު ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ ރައްކާތެރިކުރުމާއި ޕްލެޓްފޯމުން އިންޑޮނޭޝިއާގެ މުޖުތަމައަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ޕްލެޓްފޯމުގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިންޑޮނޭޝިއާގައި ޓިކްޓޮކް ހިންގުމުގައި ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

އޮގަސްޓްމަހު ކުރި މުޒާހަރާތަކާ ގުޅިގެން ޓިކްޓޮކުން އިންޑޮނޭޝިއާއަށް ޚާއްސަކޮށް 'ޓިކްޓޮކް ލައިވް'ގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލިއެވެ.

މިދިޔަ ހަފުތާގައި އިންޑޮނޭޝިއާގެ އެންޓިޓްރަސްޓް އެޖެންސީން ވަނީ އީ-ކޮމާސް ޕްލެޓްފޯމް ޓޮކޯޕީޑިއާ ގަތްކަން ރެގިއުލޭޓަރުންނަށް ވަގުތުން އަންގާފައިނުވާތީ ޓިކްޓޮކް 900،000 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ.

އިންޑޮނޭޝިއާގައި އޮގަސްޓް މަހު މުޒާހާރާކުރީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ދޭ ބޮޑެތި އިނާޔަތްތަކާ ދެކޮޅަށް އަޑު އުފުލުމަށެވެ.

އިންޑޮނޭޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޖިލިސް މެންބަރުންނަށް މަހަކު 100 މިލިއަން ރުޕީއާ (6،150 އެމެރިކާ ޑޮލަރު) އަށް ވުރެ ބޮޑު މުސާރައެއް ދީފައިވާއިރު، އޭގެ ތެރޭގައި ބޮޑު ބޯހިޔާވަހިކަމުގެ އެލަވަންސެއް ވެސް ހިމެނެއެވެ.

comment ކޮމެންޓް