ބިދޭސީންގެ މެދުގައި ބަލި ފެތުރުން މަދުކޮށް، ހަމަހަމަކޮށް ފަރުވާ ދިނުމަށް ސިޔާސަތެއް

މާލޭ ބޭރުމަގުގައި ބިދޭސީއެއް: ބިދޭސީންގެ މެދުގައި ބަލި ފެތުރުން މަދުކޮށް، ހަމަހަމަކޮށް ފަރުވާ ދިނުމަށް ސިޔާސަތެއް ވަނީ އެކުލަވާލައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމަށާއި، އެ މީހުންނަށް ހަމަހަމަކޮށް ފަރުވާ ލިބޭކަން ކަށަވަރު ކުރުމަށް ބިދޭސީންގެ ސިއްހަތާ ބެހޭ ގައުމީ ސިޔާސަތެއް މިއަދު އިފުތިތާހުކޮށްފިއެވެ.

އެ ސިޔާސަތު އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ހެލްތު މިނިސްޓްރީން ބުނީ ބިދޭސީންގެ ސިއްހަތާ ބެހޭ ގައުމީ ސިޔާސަތުގެ މަގުސަދަކީ ބިދޭސީންނަށް ޒިންމާވާ ހުރިހާ ދާއިރާތަކެއް ޝާމިލުވާގޮތަށް، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމަށާއި، އެމީހުން ހިޖުރަކުރުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރުން ކަމަށެވެ.

ރާއްޖޭގެ އާބާދީގެ 25 ޕަސެންޓް ބިދޭސީން ހިއްސާކުރާއިރު، އެ މީހުންގެ ސިއްހީ ހާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަކީ ވެސް ސިޔާސަތުގެ މަގުސަދެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ސިޔާސަތު އެކުލަވައިލީ ހެލްތު މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި އދ.ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން ގުޅިގެންނެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ސިޔާސަތުގައި އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި، ސަރުކާރާއި މުޅި މުޖުތަމައު ޝާމިލްވެގެން ސިޔާސަތު ތަންފީޒުކުރުމާއި ކަމާ ގުޅުންހުރި ސައްހަ މައުލޫމާތު އެއްކުރުމާއި ބޭނުންކުރުން ހިމެނޭ ކަމަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް: ބިދޭސީންގެ މެދުގައި ބަލި ފެތުރުން މަދުކޮށް، ހަމަހަމަކޮށް ފަރުވާ ދިނުމަށް ސިޔާސަތެއް ވަނީ އިފުތިތާހުކޮށްފައި -- ފޮޓޯ/ ހެލްތު މިނިސްޓްރީ

އެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ބިދޭސީންގެ ސިއްހަތާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުމަކީ ރާއްޖެއަށް މުހިންމު އަދި އެކަމާ މެދު ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އެގޮތުން ސިއްހީ ފަރުވާއަކީ އިންސާނީ ހައްގައަކަށްވާއިރު، ކޮންމެ ގައުމަކަށް ނިސްބަތްވާ އަދި ކޮންމެ ސަބަބަކާ ހުރެވެސް މި ގައުމަށް އަންނަ މީހަކަށް އެ ހައްގު ލިބިދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ބިދޭސީންނަށް ސިއްހީ ފަރުވާ ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ނާޒިމް ފާހަގަކުރެއްވިއެވެ.

"ބިދޭސީންގެ ސިއްހަތާ ބެހޭ ގައުމީ ސިޔާސަތަކީ އެ ގޮންޖެހުންތަކަށް ހުށަހަޅާ ހައްލު. މި ސިޔާސަތަކީ އެކި މިނިސްޓްރީތަކާއި ފަންނީ މާހިރުންނާއި މަދަނީ މުޖުތަމައުއާއި އަދި ބައިނަލްއަގުވާމީ ބައިވެރީން އެކުވެގެން ކުރި މަސައްކަތުގެ ނަތީޖާ،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ ސިޔާސަތު ތައާރަފު ކުރުމުން މަސައްކަތް ނިންމާނުލާނެ ކަމަށާއި، ހެލްތު މިނިސްޓަރުގެ ހައިސިއްޔަތުން ސިޔާސަތު ތަންފީޒު ކުރުމަށް އިސްކަން ދެއްވާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފަހުން، 2022ގައި ކުރިއަށްގެންދިޔަ ބޯހިމެހުނުމުން ދައްކާ ގޮތުގައި އާބާދީ 515,122އަށް އަރާއިރު ބިދޭސީންގެ އަދަދު 132,371އަށް އަރައެވެ. އޭގެ ތެރެއިން 51,030 ބިދޭސީން ދިރިއުޅެނީ މާލޭގައެވެ.

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން އެތެރެވާއިރު ހެލްތު ސްކްރީނިން ހަދަން ޖެހޭ ނަމަވެސް، ރާއްޖެއިން އާންމުކޮށް ނުފެންނަ ބައެއް ބަލިތަކާއެކު ބިދޭސީން އެތެރެވުމުގެ މައްސަލަތައް މީގެ ކުރިން ފާހަގަކުރެވިފައިވެއެވެ.

https://sun.mv/186520

ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާ ޖެހިފައިވާ ބިދޭސީންތަކެއް 2023ވަނަ އަހަރުގެ ފަހުކޮޅު ފެނުމާ ގުޅިގެން، ރާއްޖެއަށް ދިގު މުއްދަތަކަށް އެތެރެވާ ބިދޭސީން، މެޑިކަލް ޗެކަޕް ހެދުން އޭރު އަލުން ވަނީ ލާޒިމުކޮށްފައެވެ.

އޭގެ ކުރިން ވެސް ބިދޭސީން ރާއްޖެ އެތެރެވާއިރު މެޑިކަލް ހެދުމާ ގުޅޭ ގޮތުން އުސޫލެއް އޮވެއެވެ. ނަމަވެސް މެޑިކަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީން އަންގައިފިނަމަ ނުވަތަ ބޭނުންވެއްޖެ ނަމައެވެ. އަދި ސައްހަ ނޫން މެޑިކަލް ހުށަހެޅުމުގެ މައްސަލަ ވެސް ކަމާ ބެހޭ އިދާރާތަކުން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް