ހ. ފެންޓެނޯއީ ގެއިން ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު މައްސަލައިގެ ތަހުގީގަށް އަހުމަދު ދާއޫދު ދޮގު ބަޔާނެއް ދިނުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުން އޭނާ ވަކިކޮށްފިއެވެ.
ދާއޫދަކީ މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މި މައްސަލައިގެ ތަހުގީގަށް ދާއޫދު ދޮގު ބަޔާނެއް ދިން ކަމަށް އޮތީ އެ މައްސަލަ ތަހުގީގުކުރަން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުގައެވެ.
މިކަމާ ގުޅިގެން އޭނާ މަގާމުން ވަކިކޮށްފައި ވާކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދާއޫދު ވަނީ ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާދޭ ކޮމިޓީގެ ރައީސްކަން ވެސް އަދާކުރައްވާފައެވެ. ނަމަވެސް، ޔުމްނު ވެއްޓުނު މައްސަލަ ފެންމަތިވެ ފާޑުކިޔުން އަމާޒުވުމުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިއެވެ.
އަދި، އެޕްރިލް މަހުގެ 24ވަނަ ދުވަހު މުސާރަ ނުލިބޭ ގޮތަށް އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން އޭނާ ސަސްޕެންޑު ކުރިއެވެ.
މި މައްސަލައިގައި ދާއޫދު ތަހުގީގަށް ދިން ބަޔާނުގައި ބުނީ، މި މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތު ކޮށްފައިނުވާނެ ކަމަށެވެ.
ކޮމިޝަންގެ ރިޕޯޓުގައި ވަނީ، ހާދިސާއަށް ފަހު އެރޭ ރައުދާއި ދާއޫދު ބައްދަލުވެފައިވާ ކަމަށާއި ޔުމްނުގެ ވާހަކަ ދެމީހުންގެ މެދުގައި ދައްކާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް، އިންސާނިއްޔަތުގެ ނަޒަރުން ބަލާއިރު، ޔުމްނުއަށް ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބި ފުރާޅުމަތީގައި އޮންނަން ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ހާދިސާ ހިނގި ދުވަހު އެކި ފަހަރުމަތިން ދާއޫދު މިނިސްޓަރު އިހުސާނާ ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. އަދި، ހާދިސާގެ ފަހުން ރައުދު ގެއަށް ގެންދިޔުމުން އޭނާ ބަލައި ފޭބީ ދާއޫދު ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
މި ރިޕޯޓުގައި މިނިސްޓަރު އިހުސާނާއި ދާއޫދާ ދެމެދު ދެކެވުނު ވާހަކަތަކުގެ ތަފުސީލު ހިއްސާކޮށްފައި ވެއެވެ.
މި މައްސަލަގައި ދާއޫދު ފުލުހުންނާއި ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ދާއޫދު ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ފާހަގަކުރެވޭކަމަށް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން މި ރިޕޯޓުގައި ވަނީ، ހާދިސާ ހިނގި ރޭ ރައުދާއި ޔުމްނު ފިޔަވައި އިތުރު މީހަކު ނުފެންނަ ކަމަށް ސީސީޓީވީ ފުޓޭޖުން ދައްކާ ކަމަށެވެ.
އަދި ހެކިންގެ ހެކިބަހާއި ފޮރެންސިކް ރިޕޯޓުތަކަށް ބަލާއިރު ވެސް ތިންވަނަ ފަރާތެއް ހާދިސާ ހިނގި ތަނުގައި އެ ވަގުތު ހަރަކާތްތެރިވިކަން އެނގެން ނެތުމުން، ފެންޓޯނިއާގެ ނުވަ ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަ ދޮރުން ޔުމްނު ވައްޓާލުމުގައި ނުވަތަ ފުންމާލުމުގައި ނުވަތަ ވެއްޓުމުގައި ރައުދު ފިޔަވައި އެހެން ފަރާތެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް އެ ރިޕޯޓުގައި ވެއެވެ.