މިއީ އެހީ ހޯދަން ދިޔަ ތަނުން އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލި ދުވަސް

ރަފަޙްގައި ހުރި އެހީ ފޯރުކޮށްދޭ މަރުކަޒެއްގެ ކައިރިން ޝަހީދުކޮށްލާފައި މީހެއްގެ ހަށިގަނޑު. ފޮޓޯ/ރޮެއިޓާސް

ޣައްޒާގެ އެހީ ބަހާ ސަރަހައްދުގައި މަޑުކޮށްގެން ތިބި މީހުންގެ ތެރެއިން 45 މީހުން އިއްޔެ ޝަހީދުކޮށްލައިފި ކަމަށް ޕަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ސަރަހައްދުގައިތިބި ފަލަސްތީނުގެ އާންމުންނާ ހަވާލާދީ އެސޯސިއޭޓް ޕްރެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަހީދުކޮށްލާފައި ވަނީ އިސްރާއީލުގެ ތާއީދު އޮންނަ އެމެރިކާގެ އެހީ ދޭ ޖަމިއްޔާ ނުވަތަ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ހިންގާ ސަރަހައްދަކަށް ދިއުމަށް މަސައްކަތްކުރަމުން ދިޔަ ބައެކެވެ.

އެ މީހުންނަށް އަމާޒުކޮށް އިސްރާއީލު ސިފައިން ތަކުރާރުކޮށް ބަޑި ޖަހާފައިވެއެވެ.

މިއީ މިދިޔަ މަހު ޖީއެޗްއެފްއިން އެހީ ފޯރުކޮށްދޭން ފެށިފަހުން އެންމެ ގިނަ އަދަދަކަށް މީހުން ޝަހީދުކޮށްލި ދުވަސް ކަމަށް އަލް ޖަޒީރާއިން ބުނެއެވެ.

އިސްރާއީލުގެ ތާއީދު އޮންނަ އެމެރިކާގެ ކުންފުނިން އެހީ ފޯރުކޮށްދޭން ފެށި ފަހުން ކޮންމެ ދުވަހަކު ހެން އެހީ ހޯދަންދާ އެތައް ބަޔަކު އިސްރާއީލުން ވަނީ ބަޑިޖަހައި ޝަހީދުކޮށްލާފައެވެ. އަދި އެއީ ހަމަލާއެއް ދޭން އުޅޭ ކަމަށް ޝައްކު ކުރެވިގެން މެރި މީހުން ކަމަށް އިސްރާއީލުން ވަނީ އެއްބަސްވެސްވެފައެވެ.

މެއި މަހުގެ ފަހުކޮޅު ހިންގަން ފެށި ޖީއެޗްއެފްގެ ސައިޓްތަކުން އެހީ ހޯދަން ދިޔަ 300 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލާފައެވެ. އެ ހަމަލާތަކުގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލާއި އެމެރިކާއިން ބުނާ ގޮތުގައި ޖީއެޗްއެފް އަކީ 20 މަސް ކުރިން ހަނގުރާމަ ފެށި ފަހުން މުޅި ޣައްޒާއަށް އެހީ ފޯރުކޮށްދިން އދގެ އިންސާނީ އެހީ ފޯރުކޮށްދޭ އޮޕަރޭޝަންގެ ބަދަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

އަދި އެގޮތަށް އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ޣައްޒާއަށް ފޯރުކޮށްދޭ އެހީ ހަމާސް އިން ބޭނުންކުރާތީ ކަމަށްވެސް އިސްރާއީލުން ބުނެއެވެ.

ނަމަވެސް އަދގެ އެޖެންސީތަކާއި އެހީދޭ ބޮޑެތި ޖަމާއަތްތަކުން ވަނީ އެކަން ދޮގުކޮށް، އިސްރާއީލުގެ އާ ނިޒާމާ ދެކޮޅު ހަދާފައެވެ.

އަދި އެ ނިޒާމުން ޣައްޒާގެ އާންމުންނަށް އެހީ ފޯރުކޮށްނުދެވޭ ކަމަށާއި، އިސްރާއީލުން ކާބޯތަކެތި ބޭނުން ކުރަނީ މީހުން މަރާ ހަތިޔާރެއްގެ ގޮތުގައި ކަމަށްވެސް ޖަމާއަތްތަކުން ބުނެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މިހާތަނަށް 55،432 މީހުން ޝަހީދުކޮށްލާފައިވާއިރު، 128،923 މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

comment ކޮމެންޓް