ބޮމުގެ ހަމަލާއެއް ދޭން އުޅުނު ޖާސޫސުންތަކެއް އީރާނުން ހައްޔަރުކޮށްފި

އިސްރާއީލާއި އީރާނުގެ ހަމަލާތައް މެދުނކެޑުމެއްނެތި ކުރިއަށްދާިއރު، އީރާނުގެ ވެރި ރަށް ތެހެރާނަށް ދީފައިވާ ހަމަލާއެއް. ފޮޓޯ/ރޮއިޓާސް

އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑަށް ޖާސޫސު ކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު އީރާނުން ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

އެ މީހުން ވަނީ އީރާނުގެ އެކި ސަރަހައްދުތަކުގައި ހަމަލާދޭން ރާވާފައި ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނުގެ ބަނދަރު ސިޓީ ބުޝެހްރުންވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާ ހައްޔަރުކުރީ ނިއުކްލިއާ ސަރަހައްދެއްގެ ފޮޓޯތަކެއް ނަގަމުން ދަނިކޮށް ކަމަށާއި އެއީ އިސްރާއީލުގެ މޮސާޑް ޖާސޫސީ އެޖެންސީގައި މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ނޫސްތަކުން ބުނެއެވެ.

އަދި މޮސާޑާ ގުޅުން ހުރި "ޓެރަރިސްޓް ޓީމެއް" ތެހެރާނުގެ ބޭރުގައި އޮންނަ ބަހާރެސްތާން ކައުންޓީގައި ވެހިކަލް ޗެކް އިން ކުރިއިރު، ދެނެގަނެވިފައިވާ ކަމަށާއި، މައިކްރޯ ޑްރޯންތަކާއި ގޮވާތަކެއްޗާއި މުވާސަލާތީ ސާމާނު އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އެ ސަރަހައްދުގެ އެކްޓިން ގަވަރުނަރު މުރާދު މުރާދީއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ޝައްކު ކުރެވޭ މީހުން އެ ސާމާނު ބޭނުންކޮށްގެން އާބާދީ ގިނަ ސަރަހައްދުތަކުގައި ފުޅާދާއިރާއެއްގައި ޖާނުން ފިދާވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ރާވާފައިވާ ކަމަށްވެސް ތުހުމަތު ކުރެވެއެވެ.

އިސްރާއީލަށް "ކުލީ ސިފައިންގެ" ގޮތުގައި މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ޑްރޯނާއި މައިކްރޯ އެއާކްރާފްޓް އުފެއްދުމަށް ބޭނުންކުރާ ތަކެއްޗާއެކު އީރާނުގެ އިސްފާހާން ނިއުކްލިއާ ފެސިލިޓީތައް ކައިރީގައި ހުންނަ އިސްފާހާން ސިޓީގެ ވޯކްޝޮޕަކުން ހައްޔަރުކޮށްފައިވާ ކަމަށް އީރާނުގެ ނޫހެއް ކަމަށްވާ، އެގްޓެސަޑޮންލައިން އިން ވެސް ރިޕޯޓްކޮށްފައިވެއެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ހުކުރު ދުވަހު ދޭންފެށި ހަމަލާތަކުގެ ރައްދު އީރާނުންވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުރާތާ މިއީ ހަ ވަނަ ދުވަހެވެ.

ދެ ގައުމުގެ މުހިންމު ސިޓީތައް ސުންނާފަތިވެ، އެތައް އާންމުންނެއް މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ހަމަލާތަކުގައި އީރާނުން ގާތްގަޑަކަށް 224 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އިސްރާއީލުން މަރުވެފައި ވަނީ 24 މީހުންނެވެ.

comment ކޮމެންޓް