އިރާގުގެ ކުރީގެ ވެރިޔާ ސައްދާމް ހުސެއިންއަށް ކުރިމަތިވި ފަދަ ކަމެއް އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީއަށް ވެސް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ, އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އިންޒާރު ދެއްވައިފިއެވެ.
"ހަނގުރާމައިގެ ޖަރީމާތައް ހިންގުމާއި އިސްރާއީލުގެ ރައްޔިތުންނަށް އަމާޒުކޮށް މިސައިލްތައް ނުފޮނުވުމަށް އަހަރެން އީރާނުގެ ޚުދުމުޚުތާރު ވެރިޔާއަށް އަހަރެން އިންޒާރުދެން." އިސްރާއީލުގެ ސަލާމަތީ މައި މަރުކަޒުން ނެރުނު ވީޑިއޯއެއްގައި ކަޓްޒް ވިދާޅުވިއެވެ.
"އިސްރާއީލުގެ ދައުލަތާ ދެކޮޅަށް ހަމަ މިގޮތަށް ކަންތައްކުރި އީރާނުގެ އަވަށްޓެރި ގައުމުގެ ޚުދުމުހުތާރު ވެރިޔާއަށް ދިމާވި ކަންތައްތައް އޭނާ ހަނދާން ކުރަން ޖެހޭނެ."
ކަޓްޒް އެގޮތަށް ވިދާޅުވެފައިވާއިރު، ޚާމަނާއީ އަވަހާރަކޮށްލުމަށް އިސްރާއީލުން ރާވާފައިވާ ކަމަށް މީގެކުރިން ވަނީ ރިޕޯޓުކޮށްފައެވެ.
އިސްރާއީލުގެ އެތެރޭގެ ރިޕޯޓްތައް ބުނާގޮތުގައި ހާމަނާއީ އަވަހާރަކޮށްލަށް އިސްރާއީލަށް ފުރުސަތު ލިބުނެވެ. ނަމަވެސް އެކަން ނުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ދެކޮޅު ހެއްދެވުމުން ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާ އަދި ގުޅިފައިވާ ކޯލީޝަނުގެ ސިފައިން ޑިސެމްބަރު، 2003 ގައި އިރާގުގައި 1979 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރެއްވި ލީޑަރު ސައްދާމު އަތުލައިގަތުމަށް ފަހު ބޭއިންސާފު ޝަރީއަތް ހިންގާ ސައްދާމު ހުސައިން ދަންޖައްސައި އަވަހާރަ ކޮށްލާފައިވަނީ 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ސައްދާމްގެ މައްޗަށް ދަންޖައްސައިގެން މަރުގެ ހުކުމް އިއްވީ، 1982 ވަނަ އަހަރު ދުޖައިލް ގަތުލުއާންމުގެ މައްސަލައިގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ސާބިތުވުމުންނެވެ.