ނަވީން ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކޮށްފި

ސީޕީ ކަމަށް ނަވީން އައްޔަންކުރެއްވުން -- ސަން ފޮޓޯ/ ރައީސް އޮފީސް

ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން, ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މިއަދު އައްޔަންކުރައްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް މިދިޔަ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލެއްވިއެވެ.

ޕޮލިސް ބޯޑުން އިއްޔެވަނީ އެ ތިން ބޭފުޅުން ވެސް ކޮމިޝަނަރު ކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިފައެވެ.

ޕޮލިސް ކޮމިޝަނަރު އައްޔަން ކުރަނީ އެ ބޯޑުން ހޯމް މިނިސްޓަރަށް ނަންތައް ފޮނުވުމުން، މިނިސްޓަރުގެ ލަފަޔާއެކު ރައީސެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނަވީން، ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރައްވައިފައެވެ.

ސީޕީ ކަމަށް ނަވީން އައްޔަންކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ސީޕީގެ މަގާމުގައި ހުންނެވި ޝުޖާއު އިސްތިއުފާދެއްވީ، މިދިޔަ އޭޕްރިލް މަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވެ، ޝުޖާއުގެ އިސްތިއުފާއަށް ޒުވާނުން ގޮވައިލަމުން ދަނިކޮށެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް, އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފައެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަ ކުރެއްވީ ވެސް ޝުޖާއުއާއި ނަވީންއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނަވީން ވަނީ، 30 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ފުލުހުންގެ ޚިދުމަތުގައި މަަސައްކަތް ކުރައްވާފައެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތާން ކުއީންސްލޭންޑާއި މެލޭޝިއާގެ ސްޓެމްފޯޑް ކޮލެޖުން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ.

comment ކޮމެންޓް