މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާގެ 11 ވަނަ ޓަވަރު ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ރޭ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އެ މައްސަލަ ރިޕޯޓުކުރީ ހޯމަ ދުވަހުގެ ރޭ 23:51ހާއިރު ކަމަށެވެ. އެގޮތުން މާރާމާރީ ހިންގި މީހުން ދެ ފޯނު ފޭރިގެންފައިވާ ކަމަށް ވެސް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.
އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކުގެ ބޯ ފަޅާލައިފައިވާ ކަމަށް ފުލުުހުން ބުންޏެވެ. އަދި ދެވަނަ މީހާގެ ބުރަކަށި އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މެށިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން މއ. ޝެލްޓަރު، މުހައްމަދު ރައިހާން ހުސައިން، 18އ، ރޭ 23:10 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ.
އެ މާރާމާރީ ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ 11 ވަނަ ޓަވަރު ކައިރީ އޮންނަ ހުސް ބިމެވެ. ވީޑިއޯއިން އެކަކު ދުވެފައިދާ މަންޒަރު ފެންނައިރު، އިތުރު މީހަކު ބިންމައްޗަށް ވެއްޓިފައި އޮންނަ މަންޒަރު ފެނެއެވެ.
ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ މިހާރު 30،000އަށް ވުރެ އިތުރުވާނެ ކަމަށް ބައެއް ހިސާބުތަކުން ދައްކާއިރު، އެ ޓަވަރުތަކާއި ވަށައިގެންވާ ސަރަހައްދުގައި ވެސް މާރާމާރީ ހިންގުމުގެ މައްސަލަތައް މީގެ ކުރިން ފުލުހުން ބަލައިފައިވެއެވެ.