އިންޑިއާގެ ވައިގެ ސަރަހައްދަށް ޕާކިސްތާނުގެ މަތިންދާބޯޓުތައް ވަނުން މި މަހު 23ގެ ނިޔަލަށް މަނާކޮށްފިއެވެ.
މިއީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި ހިނގި ހަމަލާއާ ގުޅިގެން ޕާކިސްތާނުން އެ ގައުމުގެ ބޯޑަރު ހުރަސްކޮށް އިންޑިއާގެ މަތިންދާބޯޓުތައް އުދުހުން މަނާކުރުމުން އެކަމުގައި ބަދަލުގައި އިންޑިއާގައި އެޅި ފިޔަވަޅެއް ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެއާ އޮޕަރޭޓަރުންނަށް ފޮނުވި ނޯޓިސްގައި އިންޑިއާއިން ބުނީ، ޕާކިސްތާނުގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ ކުއްޔަށް ހިފާފައިވާ މަތިންދާބޯޓުތަކާއި އަސްކަރީ ބޯޓުތައް ހިމެނޭ ގޮތަށް އިންޑިއާގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ.
އޭޕްރީލް 22 ވަނަ ދުވަހު ދިން އެ ހަމަލާއަށް ޕާކިސްތާނުން ތާއީދުކުރާ ކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. ނަމަވެސް، ޕާކިސްތާނުން އެކަން ދޮގުކުރެއެވެ.
އެ މައްސަލައާ ގުޅިގެން ދެ ގައުމުން އަންނަނީ އެކިވަރުގެ ހަމަލާތައް ބޯޑަރު ހުރަސްކޮށް ދެމުންނެވެ. އެއީ، ހަނގުރާމައިގެ އަމަލެއް ކަމަށް ބުނެ، އިންޑިއާގެ މަތިންދާބޯޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރީ އޭޕްރީލް 24 ވަނަ ދުވަހެވެ.
އެ ހަމަލާގެ ރައްދު ދިނުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާ ސިފައިންނަށް "އޮޕަރޭޝަނަލް ފްރީޑަމް" ދެއްވާފައިވާ ކަމަށް ވެސް އެ ގައުމުގެ ސަރުކާރާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ކަޝްމީރަކީ 1947 ގައި އިންޑިއާ އާއި ޕާކިސްތާނު މިނިވަންވުމަށް ފަހު އެ ދެ ގައުމުގެ މެދުގައި ބެހިފައިވާ ސަރަހައްދެކެވެ. އެ ދެ ގައުމުން ވެސް މުޅި ކަޝްމީރުގެ މިލްކުވެރިކަމަށް ދައުވާކުރެއެވެ. އެ މައްސަލައިގައި މިހާތަނަށް ދެ ގައުމުގެ ދެމެދުގައި ހަތަރު ހަނގުރާމައެއް ވަނީ ކޮށްފައެވެ.