އިންޑިއާގެ ގައުމީ ޗެނަލް ދޫރުދަރުޝަން ޗެނަލްއިން ގެނެސްދެމުން އަންނަ މިއުޒިކް ރިއަލިޓީ ޝޯ 'ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް'ގައި ފަޚުރުވެރިކަމާ އެކު ދިވެހިރާއްޖެ ތަމްސީލުކުރަމުން އަންނަ ދިވެހި ބޭންޑު "ޓޫ އޮފް އަސް" ޝޯގެ ގަދަ ފަސް ވަނައިން ޖާގަ ހޯދައި، މި މުބާރާތުގެ ފިނާލޭއަށް ދަތުރުކޮށްފިއެވެ.
އިންޑިއާގައި ބާއްވަމުން އަންނަ އެންމެ ޝަރަފުވެރި އެއް މިއުޒިކް ރިއަލިޓީ ޝޯގެ ފަޚުރުވެރި ގަދަ ފަސްވަނައިގައި ހިމެނުމާ ގުޅިގެން "ޓޫ އޮފް އަސް"އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ލިބުނު ކާމިޔާބީ އަކީ އެ ބޭންޑަށް ހާސިލު ކުރެވުނު ކާމިޔާބީއަކަށްވުރެ ބޮޑަށް ދިވެހި ޤައުމަށް ހާސިލުކޮށް ދެވުނު ކާމިޔާބީއެއް ކަމަށެވެ.
މި ކާމިޔާބީއަކީ ދިވެހިރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުން އުފާވެރިކަން ހޯދަމުން އަންނަ މިއުޒިކީ ދާއިރާއިން ކުރިއަށް ދިއުމުގެ ހުވަފެން ދެކެމުން އަންނަ ކޮންމެ ފަންނާނަކަށް ހޯދައި ދެވުނު ކާމިޔާބީއެއް ކަމަށް "ޓޫ އޮފް އަސް"އިން ވަނީ ބުނެފައެވެ.

"ޓޫ އޮފް އަސް" ބޭންޑުގެ މެމްބަރުން--ފޮޓޯ/އިންސްޓަގްރާމް
ދިވެހި ކޮންމެ ދަރިއަކު ވެސް ފަޚުރުވެރިވާނެ ކާމިޔާބީއަކާ އެކު ދިވެހި މިއުޒިކަށް ބައިނަލްއަޤްވާމީ ސްޓޭޖްތަކުން ވެސް ފުރުސަތު އޮތް ކަން "ޓޫ އޮފް އަސް"އިން މި ވަނީ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައެވެ.
މި ކާމިޔާބީއާ ގުޅިގެން "ޓޫ އޮފް އަސް"ގެ ލީޑް ވޮކަލިސްޓު އަދި ގިޓަރިސްޓު އަހުމަދު އަދުހަމް ބުނެފައި ވަނީ، ފައިނަލާ ހަމައަށް ކުރި ދަތުރަކީ ހަމައެކަނި އެ ބޭންޑުގެ މެމްބަރުންނަށް ލިބިފައިވާ ހުނަރާ އެކު ކުރި ދަތުރެއް ނޫން ކަމަށާއި ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގެ ވިންދު މުބާރާތުގެ ކޮންމެ ހުށަހެޅުމެއްގައި ވެސް އެ މީހުންނާ އެކު ވާކަމަށެވެ.

"ޓޫ އޮފް އަސް" ބޭންޑުގެ މެމްބަރުން އުފާފާޅު ކުރަނީ--ފޮޓޯ/އިންސްޓަގްރާމް
އެ ބޭންޑުން 'ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް'ގައި ބައިވެރިވީ ދިވެހި ޤައުމުގެ އަޑު އިއްވުމަށް ކަމަށާއި ޝޯ ކުރިއަށްދާ ސްޓޭޖްގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިއަސް ދިވެހިރާއްޖޭގެ އަޑު ކެނޑިގެން ނުދާނެހާ މިންވަރަށް ދިވެހި ޤައުމުގެ އަޑު ގުގުމާނެކަމަށް އަދުހަމް ވަނީ ބުނެފައެވެ.
ދިވެހީންގެ އަމިއްލަ މިއުޒިކާއި ރާގުތަކާ އެކު ދިވެހިވަންތަކަމާއި ދިވެހީންގެ ސަޤާފަތް ދައްކުވައިދިން ހުށަހެޅުންތަކާ އެކު "ޓޫ އޮފް އަސް"އިން ވަނީ މި ޝޯގެ ފަނޑިޔާރުންނާ އެކު ޝޯގައި މެހެމާނުންގެ ގޮތުގައި ބައިވެރިވި ފަނޑިޔާރުންގެ ލޯތްބާއި ތަރުހީބު ހޯދާފައެވެ.
މުޅިއެކު ފަސް މެމްބަރުން ހިމެނޭ މި މިއުޒީޝަނުން ވަނީ މިއުޒިކަށް އޮތް ލޯތްބާ އެކު ޖޯޝާއި ފޯރީގައި ދިވެހީންގެ އެއްބައިވަންތަކަށް ދައްކުވައިދޭ ހުށަހެޅުންތަކެއް ހުށަހަޅައިދީފައެވެ. އަދި މި ބޭންޑުގެ މެމްބަރުންގެ ފަރާތުން ފެންނަ އެކުވެރިކަމުގެ ގުޅުމަކީ މުބާރާތުގެ ގިނަ ބަޔަކު އެންމެ ބަލައިގަންނަ އެއް ސިފައެވެ.
ފައިނަލަށް ކުރި ދަތުރާ އެކު "ޓޫ އޮފް އަސް"އިން ބުނީ މިއީ ދިވެހިރާއްޖޭގެ މިއުޒީޝަނުންގެ މިއުޒިކް ކެރިއަރުގެ ފެށުން ކަމަށާއި އެ ފަންނާނުންނަށް އެހީވުމަށް "ޓޫ އޮފް އަސް"އިން ތައްޔާރަށް ތިބި ކަމަށެވެ.
މުބާރާތުގެ އެންމެ ފަހު ހުށަހެޅުމަށް މި ބޭނުންޑުން ތައްޔާރުވަމުން އަންނައިރު މިހާރު ވެސް އެ ބޭންޑުގެ މެމްބަރުންނަށް ދެމުން އަންނަ ތަރުހީބު ދިނުމުގައި ދެމިތިބުމަށް "ޓޫ އޮފް އަސް"އިން ވަނީ އެދިފައެވެ. މި މުބާރާތުގެ ގްރޭންޑް ފިނާލޭ ދޫރުދަރުޝަން ޗެނަލްއިން ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު ވޭވްސް އެޕްލިކޭޝަން އާއި ހައިލީ ޓީވީ މެދުވެރިކޮށް ސްޓްރީމްކުރެވޭނެއެވެ.
"ޓޫ އޮފް އަސް"ގެ އިތުރުން ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ސްރީލަންކާގެ ބޭންޑް "ނައިޓްސް"، މޮރިޝަސްގެ ބޭންޑް "ނިކިލް އެންޑް ގޭންގް"، އަދި ނޭޕާލްގެ "ސްވާސްތިކް" އަދި މޮރިޝަސްގެ "އެވާނެޓްސް"އެވެ.
"ޓޫއޮފް އަސް" އަކީ ޒަމާނީ ގްލޯބަލް ސައުންޑް ސްކޭޕްތަކާ އެކު ސަގާފީ ދިވެހި މިއުޒިކް ދިރުވުމަށް އުފެއްދި މަޝްހޫރު ދިވެހި ފިއުޝަން-ރޮކް ބޭންޑެކެވެ. އެކުގައި ބޮޑުވި މިއުޒިޝަނުންގެ ގްރޫޕަކުން އުފައްދާފައިވާ މި ބޭންޑުގައި ދައްކުވައި ދެނީ އެއްބައިވަންތަކާއި އާޓިސްޓުންގެ މެދުގައި އޮންނަ ބަދަލެއް ނުވާ އެކުވެރިކަމުގެ ގުޅުމުގެ މުހިއްމުކަމެވެ.