ސެމީ ފައިނަލުން ޖާގަ ކަށަވަރުވެ 'ޓޫ އޮފް އަސް' ތާރީޚުގެ ތެރެއަށް

އިންޑިއާގެ ޤައުމީ ޗެނަލް ދޫރުދަރުޝަން ޗެނަލުން ދައްކަމުން އަންނަ މިއުޒިކް ރިއަލިޓީ ޝޯ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ސީޒަންގެ ސެމީ ފައިނަލަށް ދިވެހިރާއްޖޭގެ މިއުޒިކް ބޭންޑު "ޓޫ އޮފް އަސް" ހޮވިއްޖެއެވެ.

މި ޝޯގެ ފަނޑިޔާރުންގެ ބޮޑު ތަރުހީބެއް "ޓޫ އޮފް އަސް" އިން މިހާތަނަށް ހުށަހަޅާފައިވާ ކޮންމެ ހުށަހެޅުމަކަށް ވެސް ލިބެމުން އަންނައިރު ރޭ މި ބޭންޑުން ސްޓޭޖްގައި ހުށަހަޅައިދިނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގްގެ ލަވަ 'ވޭ ކަމްލިޔާ"އެވެ.

އިތުރު ތައާރަފަކަށް ބޭނުންނުވާ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު އަމިއްލަ މިއުޒިކަށް ތައްޔާރުކޮށްފައިވާ މި ލަވައަށް އިތުރު ފުރިހަކަމެއް ގެނުވައިދިނީ "ޓޫ އޮފް އަސް"ގެ ބޭންޑުގެ ވޮކަލިސްޓް އަދުހަމް އަމިއްލައަށް ތައްޔާރުކޮށްފައިވާ ލިރިކްސްއާ އެކު ލަވަ ގެނެސްދިނުމުންނެވެ.

ރޭގެ ހުށަހެޅުމަށް ވެސް ފަނޑިޔާރުންގެ ފަރާތުން ތައުރީފުގެ ބަސްތައް ބޭންޑުގެ ހުށަހެޅުމަށް ލިބުނުއިރު ރޭގެ ޝޯގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވީ އިންޑިއާގެ ހުނަރުވެރި ލަވަކިޔުންތެރިޔާ ސަލީމް މާޗެންޓެވެ.

https://www.instagram.com/2ofus.mv/

ސަލީމް ފާހަގަކުރި ގޮތުގައި "ޓޫ އޮފް އަސް"ގެ ހުށަހެޅުމަކީ ޖަޒުބާތުން ފުރިގެންވާ ހުށަހެޅުމެކެވެ. އަދި އޯޑިއަންސް ޖަޒުބާތުގައި ޖެއްސުމުގެ ހުނަރު "ޓޫ އޮފް އަސް" ބޭންޑުގެ މެމްބަރުންގެ ކިބައިގައި އެބަހުރި ކަމަށް ވެސް ބުންޏެވެ.

އެހެން މީހުންގެ ހިތުން ޖާގަ ހޯދައި ތަރުހީބު ހޯދުމުގެ ކުރިން އަމިއްލަ ބޭންޑުން ގެނެސްދޭ ހުށަހެޅުމަކީ އެ ބޭނުންޑުގެ މެމްބަރުން ގަޔާވާ ހުށަހެޅުމަކަށް ވުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށާއި ރޭގެ ހުށަހެޅުމުން "ޓޫ އޮފް އަސް" އެކަން ސާބިތުކޮށްދީފައިވާ ކަމަށް ސަލީމް ވަނީ ފާހަގަކޮށްފައެވެ.

ރޭގެ ހުށަހެޅުމަށްފަހު މިއަދު ކުރިއަށްދިޔަ އެލިމިނޭޝަންގައި ރާއްޖޭގެ "ޓޫ އޮފް އަސް"ގެ އިތުރުން ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ސްރީލަންކާގެ ބޭންޑް "ނައިޓްސް"، މޮރިޝަސްގެ ބޭންޑް "ނިކިލް އެންޑް ގޭންގް"، ތަޖަކިސްތާނުގެ "ދިލްސޭ"، ނޭޕާލްގެ "ސްވާސްތިކް" އަދި މޮރިޝަސްގެ "އެވާރނެޓްސް"އެވެ.

"ޓޫ އޮފް އަސް"ގެ ބޭންޑު މެމްބަރުން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަނޫ މަލިކާ އެކު--ފޮޓޯ/ދައެޑިޝަން

"ޓޫ އޮފް އަސް"އަށް މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުވުމާ އެކު އެ ބޭންޑުގެ މެމްބަރުން ވަނީ ދިވެހީންގެ ފަރާތުން ބޭންޑުގެ މެމްބަރުންނަށް ލިބެމުން އަންނަ ތަރުހީބާއި ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ.

އެ ބޭންޑުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސެމީ ފައިނަލުން ޖާގަ ލިބުނުކަން ކަށަވަރުވި ފަޚުރުވެރި ވަގުތުކޮޅަކީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ޚާއްސަ ދިވެހިރާއްޖެ އެކަމަށް ފަޚުރުވެރިވާނެ ވަގުތުކޮޅެއް ކަމަށެވެ.

އެ ބޭންޑުން ސްޓޭޖުގައި ހުށަހަޅައިދޭ ކޮންމެ ހުށަހެޅުމެއްގެ ފަހަތުގައި ވެސް އާއިލާގެ މެމްބަރުންނާއި އެކުވެރިންގެ އިތުރުން ދިވެހި އެތައް ރައްޔިތެއްގެ އުއްމީދާއި ހެޔޮ ދުއާތައްވާ ކަމަށާއި ބައިނަލްއަޤްވާމީ ސްޓޭޖެއް މަތީ ދިވެހި ދިދަ އުފުލާލުމުގެ ޝަރަފު އެ ބޭންޑަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ބޭންޑުން ބުންޏެވެ.

މި ޝޯގެ ސެމީ ފައިނަލްތައް ކުރިއަށްދާނީ މިރެއެވެ. އަދި އެއަށްފަހު މުޅި މުބާރާތުގެ ފިނާލޭ ބޭއްވުމަށް ހަމަޖަހިފައިވަނީ މާދަމާއެވެ.

comment ކޮމެންޓް