ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވިދިވިދިގެން ނުވަ ވަނަ ފަހަރަށް އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ) ހޯދައިފި އެވެ.
މާލޭ އިރުމަތީ ފަރާތު ދޮންގަނޑު ބީޗް ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާ ކާމިޔާބުކުރީ އަހްމަދު އަނިލް ނަސީރާއި އަދުނާން އަބްދުލް ހަމީދު ޕެއާ ބަލިކޮށްގެންނެވެ.

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގެ ތެރެއިން: ފައިނަލުގައި އަނިލް އާއި އަދުނާންގެ ޕެއާ ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާ --- ފޮޓޯ/ ވީއޭއެމް
ފައިނަލްގައި އަނިލް އާއި އަދުނާންގެ ޕެއާގެ މައްޗަށް ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާ ކުރި ހޯދާފައި ވަނީ ސީދާ ދެ ސެޓުންނެވެ. އެ ސެޓުތައް ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާ ގެންދިޔައީ 17-21 އަދި 5-21 އިންނެވެ. ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާއާ ދެކޮޅަށް ނުކުތް އަނިލް އާއި އަދުނާން އަކީ ގައުމީ ބީޗް ވޮލީ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި 13 ޓީމެއް ވާދަކުރި އިރު، އަންހެން ޑިވިޝަންގައި 14 ޓީމެއް ވާދަކުރި އެވެ. އަންހެން ޑިވިޝަންގެ ފައިނަލުގައި އައިޝަތު މާޖިދާ އާއި އާމިނަތު އަރީޝާގެ ޕެއާ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ހައްވާ ރާޝިދާ އާއި ފާތިމަތު ޒީނިޔާ މޫސާގެ ޕެއާ އެވެ.