ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅައިގައި ރާއްޖޭގެ ފިރިހެން ޓީމުގެ ދެވަނަ މެޗުގައި ޖަޕާން އަތުން ބަލިވެއްޖެއެވެ. މިއަދު ކުޅުނު މި މެޗު ޖަޕާނުން ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ.
ރާއްޖޭގެ އެއް ނަމްބަރު ބީޗް ޕެއާ، އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާގެ މައްޗަށް މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޖަޕާނުގެ ކޯޓާ ކުރޮސާވާ އަދި ތައިޓޯ މިޒުމާޗީގެ ޕެއާ ކުރިހޯދީ 21-15 އަދި 21-11 އިންނެވެ.
ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ރާއްޖޭގެ ޕެއާއިން ވަނީ ހަމަހަމަ ކުޅުމެއް ކުޅެފައެވެ.
އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅައިގައި ޖަޕާނާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ އޭޝިއަން ގޭމްސްގެ ބީޗް ވޮލީގެ އަންހެން ދެވަނަ މެޗުގައި މާދަމަ ރާއްޖޭގެ އާމިނަތު އަރީޝާ އާއި ފާތުމަތު އަނާލްގެ ޕެއާ ހޮންގް ކޮންގުގެ ޕެއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ފަތިހު 5:00 ގައެވެ.
އޭޝިއާ ބައްރުގެ 45 ޤައުމަކުން އެތުލީޓުން ވާދަކުރާ މި ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ ސާފިން، އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީބޯޅައިގައެވެ.