ޕީއެންސީއަށް ކެމްޕެއިން ކޮށްދިނުމުން ކުރީގެ ކައުންސިލަރު ޖަލީލަށް އެމްޑީޕީން ފިޔަވަޅު އަޅައިފި

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދިން މައްސަލައިގައި، ފ. ފީއަލީ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަލީލާ މެދު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުލޫކީ ފިޔަވަޅު އަޅައިފިއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މި މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ، ކުރިއަށް އޮތް ހަތަރު އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތަށް އެ ޕާޓީގެ އެއްވެސް މަގާމަކަށް އަދި އެމްޑީޕީގެ ޓިކެޓުގައި ގައުމީ އެއްވެސް އިންތިޚާބަކަށް ޖަލީލަށް ކުރިމަތިނުލެވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ.

މި ފިޔަވަޅު އަޅާފައި ވަނީ އެމްޑީޕީގެ ފިޔަވަޅު އެޅުމާއި އިސްތިއުނާފު ކުރުމުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ ދަށުން ކަމަށް އެ ޕާޓީން ބުނެއެވެ.

މިކަމާ ގުޅިގެން ފިޔަވަޅު އެޅުމާއި އިސްތިއުނާފު ކުރުމުގެ ޤަވާއިދުގެ 28 ވަނަ މާއްދާގެ ދަށުން އޭނާއާ މެދު އަންނަނިވި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ:

  • ޕާޓީގެ އެއްވެސް މަޤާމަކަށް ކުރިމަތިލުން 4 އަހަރާއި 9 މަސް ދުވަހުގެ މުއްދަތަށް މަނާކުރުން.
  • ޕާޓީގެ ނަމުގައި ޤައުމީ އިންތިޚާބީ މަޤާމަކަށް ކުރިމަތިލުން 4 އަހަރާއި 9 މަސް ދުވަހުގެ މުއްދަތަށް މަނާކުރުން.

ކޮމިޓީގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖަލީލަކީ މީގެ ކުރިން އެމްޑީޕީގެ ޓިކެޓުގައި ސިޔާސީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކަށް ވުމުން، އާންމު މެންބަރުންނާއި ޕާޓީން އޭނާއާ މެދު ކުރާ އިތުބާރާއި އުންމީދުތަކެއް އޮތް ކަމަށެވެ.

ނަމަވެސް، މި އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ފީއަލީ ކައުންސިލަށް ވާދަކުރި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރި ރަސްމީ ކެންޑިޑޭޓުން ހޮވުމަށް އެއްވެސް މަސައްކަތެއް އޭނާ ކޮށްފައެއް ނުވާކަމަށް އެމްޑީޕީން ބުނެއެވެ.

އޭގެ އިތުރުން، ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކުގައި ޖަލީލް އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތްކޮށްދީފައިވާކަން ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކުން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ވެސް އެމްޑީޕީގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް