ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީ ޤައުމީ މަޖިލީހުގެ ކެންޑިޑެސީ ފުރުޝާން އަނބުރާ ގެންދަވައިފި

ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ކެންޑިޑެސީ، އެ ޕާޓީގެ މެންބަރު އަދި މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުުސައިން ފުރުޝާން ރަސްމީކޮށް އަނބުރާ ގެންދަވަން ނިންމައިވައިފިއެވެ.

މިކަން ހާމަކުރައްވައި މިއަދު އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ފުރުޝާން ވިދާޅުވީ، ރަސްމާލެ އެއްބަސްވުމާ ގުޅިގެން ގައުމުގެ މުސްތަގްބަލާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދިފައިވާ މިދަނޑިވަޅުގައި، ޕާޓީގެ އެތެރޭގެ ކަންކަމަށްވުރެ، ކުރިއަށް އޮތް ޖީލުތަކުގެ ހައްގުތައް އިސްކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި އޭނާގެ ދެކޮޅުވެރިކަމަކީ ހައްދުފަހަނައެޅި ގައުމިއްޔަތުކަމެއްގެ މައްޗަށް، ނުވަތަ ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅަށް އޮތް ކަމެއް ނޫން ކަމަށާއި، އިންވެސްޓްމަންޓާއި، ތަރައްގީއާއި، ފުރުސަތުތައް ބޭނުންވި ނަމަވެސް، އެކަން ވާންވާނީ ދެފުށް ފެންނަ ގޮތެއްގައި އިންސާފުވެރިކަމާ އެކު ގައުމާ ރައްޔިތުންގެ މަސްލަހަތު ގުރުބާން ނުކޮށް ކަމަށް ފުރުޝާން ވިދާޅުވިއެވެ.

މީގެއިތުރުން، އެ އެއްބަސްވުމާ ދެކޮޅަށް އެމްޑީޕީން ސްޓޭންޑެއް ނަގާފައިވީ ނަމަވެސް، ޕާޓީގެ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާ ކަހަލަ ކަމަށާއި، ޕާޓީގެ ފަރާތުން ރައްދުދިނުމުގެ ގާބިލުކަން ކުޑަވަމުންދާތީ ކަންބޮޑުވާ ކަމަށް ސިޓީގައިވެއެވެ. ވަކިން ޚާއްސަކޮށް، ޕާޓީގެ އެންމެންގެ މަސްލަހަތާއި އުސޫލުތައް ކުރިއަށްނެރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ ޗެއާޕާސަން، ޕާޓީގެ ސްޓޭންޑާ ޚިލާފު ވިސްނުމަކަށް ތާޢީދުކުރައްވާ މަންޒަރު ފެނުމަކީ ނުހަނު މާޔޫސްވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފުރުޝާން ވިދާޅުވީ، މިއީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެއްދުމުގެ ބޭނުމުގައި ފާހަގަކުރި ކަމެއް ނޫން ކަމަށެވެ. އަދި އެތެރޭގެ އިންތިޚާބުތައް ފަސްކުރުމަށް ވިސްނައި، މިދަނޑިވަޅުގައި ރައްޔިތުންގެ ފަޅީގައި ހުރުން މުހިންމު ކަމަށެވެ. އަދި އެހެން އިންތިޚާބުތަކާއި ޚިދުމަތްކުރުމުގެ ފުރުސަތުތައް އަދިވެސް އަންނާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއަށާއި ޕާޓީގެ އަސާސީ އުސޫލުތަކަށް ވަފާތެރިކަންމަތީ ދެމިހުންނަވާނެ ކަމަށް ވިދާޅުވެ، މިވަގުތު މުހިންމީ ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށްވާތީ، ކެންޑިޑެސީ އަނބުރާ ގެންދިއުމުގެ ކަންކަން ރަސްމީކޮށް ހަމަޖައްސަވައިދެއްވުމަށް ފުރުޝާން ވަނީ އެދިވަޑައިގެންފައެވެ.

އިދޮކޮޅު ފަރާތްތަކުން ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދައި އަޑު އުފުލި ނަމަވެސް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެކަން ވަނީ ހާމަކުރައްވާފައެވެ.

comment ކޮމެންޓް