"ބިދޭސީން އެތެރެވަނީ ގާނޫނާ އެއްގޮތަށް، ބިދޭސީން ގަވައިދުން ބޭރުކުރަނީ އެ މީހުން ގެންނަ މީހުން"

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން-- ފޮޓޯ: އިމިގްރޭޝަން

ބިދޭސީން ރާއްޖެއަށް އެތެރެވަނީ ހުއްދަތައް ހޯދައިގެން ގަވައިދުތަކާ އެއްގޮތަށް ކަމަށާއި ނަމަވެސް ބިދޭސީން ގަވައިދުން ބޭރުކޮށް އެ މީހުންނަށް އިހުމާލުވަނީ އެ މީހުން ރާއްޖެއަށް ގެންނަ ދިވެހީން ކަމަށް، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެއެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާވާ، އަދި ސިވިލް ސާވިސްއިން ވަކިކޮށް މަދަނީ ވަކި ޚިދުމަތަކަށް އިމިގްރޭޝަން ހެދުމަށްޓަކައި ސަރުކާރު ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިމިގްރޭޝަން ބިލަށް ބަހުސްކުރައްވަމުން މަޢުރޫފް ވިދާޅުވީ އެއްވެސް ބިދޭސިއަކު ގަވައިދާ ޚިލާފަށް އެތެރެނުވާ ކަމަށެވެ.

"ދިވެހިރާއްޖެއަކަށެއް އެއްވެސް ބިދޭސިއަކު އިއްޒަތްތެރި ރައީސް، ގަވައިދާ ޚިލާފަކަށް އެތެރެއެއް ނުވޭ، އަންނަނީ ރަނގަޅު ޗެނަލްތަކުން ހުއްދަ ހޯދައިގެން، އެހެން ނަމަވެސް ބިދޭސީން ގަވައިދުން ބޭރުކޮށް މަސައްކަތްކުރަން އަންނަ ބިދޭސީންނަށް އިހުމާލުވަނީ މިތަނުގައި އެ މީހުން ސްޕޮންސާކޮށްގެން ގެންނަ ދިވެހި ރައްޔިތުން،" މަޢުރޫފް ވިދާޅުވިއެވެ.

ބިދޭސީން އަމިއްލައަށް ފިލައިގެން ދަނީ އެ މީހުންގެ ހައްގުތައް ނިގުޅައިގަނެ މަސައްކަތުގެ އުޖޫރަ ނުދީ އެ މީހުން ބެއިތިއްބުމުގެ ސަބަބުން ކަން މަޢުރޫފް ފާހަގަކުރެއްވިއެވެ. ކަން އެހެން އޮތް އިރު ބިދޭސީންގެ މައްސަލަ ހައްލުކުރަނީ ކަމަށް ބުނެ ބައޯމެޓްރިކް ޑޭޓާ ނެގުމަކުން މައްސަލަ އެއްކޮށް ހައްލުނުވާ ކަމަށް ވިދާޅުވިއެވެ.

"ބިދޭސީންގެ މައްސަލައަކީ 10 އިނގިލީގެ ނިޝާނުގެ މައްސަލައެއްނޫން އިއްޒަތްތެރި ރައީސް، ބިދޭސީންގެ މައްސަލައަކީ އެ މީހުންގެ ހައްގުތައް މިތަނުގައި ނުލިބުން،" އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ގަވައިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލަ އަންނަ މެއި މަހުގެ ނިޔަލަށް ހައްލުކުރެވޭނެ ކަމަށް، މިދިޔަ ސެޕްޓެންބަރު މަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވެއެވެ. އެ މަސައްކަތާ ގުޅުވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވިގޮތުގައި، ރާއްޖޭގައި މިހާރު ތިބި ބިދޭސީންގެ ތެރެއިން 99 އިންސައްތަ ބިދޭސީންގެ ބައޯމެޓްރިކްސް މައުލޫމާތު ވަނީ އެއްކުރެވިފައެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ އަންނަ އަހަރުގެ މެއި މަހާ ހަމައަށް ދާންވާއިރަށް މި އޮޕަރޭޝަން އެއްކޮށް ނިންމާލެވޭއިރުގައި ރާއްޖޭގެ ބިދޭސީންގެ އާބާދީ ތިބޭނީ ބޭރު ދުނިޔޭގެ ކުރިއަރާފައިވާ މިފަދަ ގޮތަކަށް މި ކަން ކުރާ ގައުމުތަކުގައި ބަލައިގަންނަ މިންގަނޑަކަށް އެ މައްސަލަ ހައްލުކުރެވިފައި އޮތުން. އަޅުގަނޑުމެން މި ބަލަނީ 100 ޕަސެންޓު އެޗީވްކުރަން" އިހުސާން ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކަމުގެ ތެރެއިން، ގަވައިދާ ޚިލާފަށް އުޅޭ މީހުން ހޯދައި، އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް