ބަޖެޓު ބަހުސް ނިންމައިލައިފި، މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން ބަހުސްކުރި

ދައުލަތުގެ ބަޖެޓު: މި ފަހަރު ވެސް މެންބަރުން ބަޖެޓަށް ބަހުސްކުރަން ދިނީ 15 މިނެޓު --- ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސްކޮށް މިއަދު ނިންމައިލައިފިއެވެ.

މިފަހަރު ވެސް ކޮންމެ މެންބަރަކު ބަޖެޓަށް ބަހުސްކުރަން ދިނީ 15 މިނެޓެވެ. މިދިޔަ ހޯމަ ދުވަހު ބަޖެޓުގެ ބަހުސް ފަށައި، ބަޖެޓަށް ބަހުސްކޮށް ނިންމާލީ މިއަދުގެ ޖަލްސާގައެވެ.

މި މުއްދަތުގައި ޖުމުލަ 41 މެންބަރަކު ބަޖެޓަށް ބަހުސްކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ބަޖެޓު ބަހުސަށް އޮތް ތަރުހީބު ކުޑައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމައިފައި ވަނީ މާދަމާގެ ނިޔަލަށް ބަޖެޓު ދިރާސާކޮށް ނިންމައިލުމަށެވެ. އެއަށްފަހު ބަޖެޓު ކޮމިޓީން ބަޖެޓު ފާސްކުރުމުން ދެން އޮންނާނީ ކޮމިޓީން ބަޖެޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މެންބަރުން ބަހުސްކުރުމެވެ. ކޮމިޓީގެ ރިޕޯޓަށް ކޮންމެ މެންބަރަކު ބަހުސްކުރަން ހަތް މިނެޓު ދޭނެއެވެ.

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައި ވަނީ، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ، މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.

ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ކުރާ ހޭދަ ނުވަތަ ރިކަރަންޓު ޚަރަދުތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އަންނަ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް