ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް ސަމީރު އައްޔަންކުރަން ހުށަހަޅައިފި

ފަނޑިޔާރު ޢަލީ ސަމީރު -- ފޮޓޯ: އަވަސް

ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް ފޮނުއްވައިފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާގެ މަތިންނެވެ.

އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ރިޔާސަތުން ވަނީ ނަން ދިރާސާކުރުމަށްޓަކައި ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިލައިފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވަނީ މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔާ ކުރައްވާތީއެވެ.

https://sun.mv/230650

އެ ފުރުސަތުގައި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި ކުރިމަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އެ ނަންފުޅެއް ފޮނުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސަމީރަކީ 2011ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރުގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވިއިރު، ހައި ކޯޓުން ވަކިވެވަޑައިގަތުމަށް ފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ ފުރުއްވައިފައެވެ.

comment ކޮމެންޓް