ވަގު ކޯޓު އަމުރުތަކެއްގެ ދަށުން 100 އަށް ވުރެ ގިނަ ވެބްސައިޓް ބްލޮކްކުރި މައްސަލައިގައި ޓެލެކޮމް ސެކްރެޓަރީ އަމިތު އަގްރަވާލް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީހަށް އިއްޔެ ހާޒިރުކޮށްފިއެވެ.
ކަމާ ގުޅުންހުރި ސަރުކާރުގެ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރުގެ އޮފީހުން އޭނާ ހާޒިރުކުރީ ސަރުކާރުގެ އޮފިޝަލުން އެ ވެބްސައިޓްތައް ބްލޮކްކުރަން އެންގި ގޮތް ސާފުކުރުމަށެވެ. މި އެންގުމާ ގުޅިގެން، އެހެން ސްޓޭޓަކަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު އަގްރަވާލް ވަނީ އެ އޮފީހަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފައެވެ.
އަގްރަވާލްއަކީ ޓެލެކޮމް ކުންފުނިތަކާއި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތައް ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ޓެލެކޮމިއުނިކޭޝަންސް (ޑީއޯޓީ) ގެ އެންމެ އިސްވެރިޔާއެވެ.
މި މައްސަލަ ފެންމަތިވީ، ގާނޫނާ ހިލާފަށް ބެޓިންގެ ހިދުމަތް ދޭ 129 ވެބްސައިޓެއް ބްލޮކްކުރުމަށް އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކަށް ޑީއޯޓީން މި އަހަރު އެންގި އެންގުންތަކެއް ބިނާކޮށްފައިވަނީ ވަގު އަމުރުތަކެއްގެ މައްޗަށް ކަމަށް ބުދަ ދުވަހު ރޮއިޓާސްއިން ހާމަކުރުމާ ގުޅިގެންނެވެ.
އެ ނޫހުން ބުނި ގޮތުގައި، ދެ ސްޓޭޓެއްގެ ހައި ކޯޓުގެ ނަމުގައި ތައްޔާރުކޮށްފައިވާ އެ ވަގު އަމުރުތައް ޓެލެކޮމް އޮފިޝަލުންނަށް އީމެއިލް މެދުވެރިކޮށް ފޮނުވާފައިވަނީ ވަކީލުން ކަމަށް ހެދިގެން އުޅުނު ބައެކެވެ. ފުލުހުންނާއި ކޯޓުގެ ރެޖިސްޓްރީއާ ހަވާލާދީ އެ ނޫހުން ބުނީ، އެ ދެ އަމުރުގައި ވެސް ހިމަނާފައިވަނީ ކޯޓުގެ ވަގު ލޯގޯތަކާއި ތައްގަނޑުތަކުގެ އިތުރުން ވަގު ކިއުއާރު ކޯޑެއް ކަމަށެވެ. އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބެޓިން އެކައުންޓްތަކާ ދެކޮޅަށް ޑީއޯޓީން އެ ފިޔަވަޅު އެޅީ ކަމާ ގުޅޭ ފީލްޑް އޮފިސަރުން މެދުވެރިކޮށެވެ.
މިކަމާ ގުޅިގެން ޓެލެކޮމް މިނިސްޓްރީން ވަނީ އެތެރޭގެ ތަހުގީގެއް ފަށައި، ކޯޓު އަމުރުތަކަށް އަމަލުކުރުމުގެ ކުރިން އިތުރަށް ކަށަވަރުކުރާނެ އުސޫލުތަކެއް އެކުލަވާލުމަށް ނިންމާފައެވެ. މީގެ އިތުރުން، ލިޔެކިޔުން އޮޅުވާލުމާއި މަކަރުހެދުމުގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށައި، އެ މިނިސްޓްރީގެ ރެކޯޑުތައް ހޯދުމަށް ބުރާސްފަތި ދުވަހު ވަނީ އެދިފައެވެ.
މަސްތަކެއް ވަންދެން ޑީއޯޓީގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުރި އެ ދެ ވަގު އަމުރުގެ ތެރެއިން އެއް އަމުރު އެ ވެބްސައިޓުން ނަގާފައިވާއިރު، އަނެއް އަމުރު އަދިވެސް ފެންނަން އެބަހުއްޓެވެ. އަދި މި ކުށް ފާހަގަވުމާއެކު، ބްލޮކްކުރި ވެބްސައިޓްތަކުގެ ތެރެއިން 95 ވެބްސައިޓެއް ވަގުތުން ދޫކޮށްލުމަށް ޑީއޯޓީން އަންގާފައިވާ ކަމަށް ދަ ހިންދޫ ބިޒްނަސް ލައިންއިން އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލައިގައި އަގްރަވާލްއާއި ޑީއޯޓީ އަދި ބޮޑުވަޒީރުގެ އޮފީހުން ވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.