ސޯނިއާ ގާންދީގެ ޙަޔާތުގެ މައްޗަށް ތެލުގޫ ފިލްމެއް އުފައްދަނީ

ތެލެގާނާ ކޮންގްރެސްގެ ލީޑަރު ޖައްގާ ރެޑީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ ކޮންގްރެސް ޕާޓީގެ އިސް ލީޑަރު ސޯނިއާ ގާންދީގެ އަމިއްލަފުޅު ޙަޔާތުގެ ވާހަކަތައް ބަޔާންކުރާ އޮޓޯބައޮގްރަފީ، "ބިލޯންގިންގް: އަ ޖާނީ އޮފް ލަވް"ގެ މައްޗަށް ބިނާކޮށް ތެލުގޫ ބަހުން ފީޗާ ފިލްމެއް އުފައްދަން ނިންމައިފިއެވެ. މިކަން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ ތެލަންގާނާ ޕްރަދޭޝް ކޮންގްރެސް ކޮމިޓީ (ޓީޕީސީސީ)އިން ސަންގަރެޑީގައި ބޭއްވި އެ ޕާޓީގެ ޚާއްޞަ ބައްދަލުވުމެއްގައި ކޮމިޓީގެ އިސް ފަރާތެއް ކަމަށްވާ ޖައްގާ ރެޑީއެވެ.

މި ފިލްމު ވުޖޫދަށް ގެނައުމުގެ މަސައްކަތުގައި ބައިވެރިވެ، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ދާއިރާގެ ޕާޓީ ލީޑަރުންނާއި އާންމު މެންބަރުންގެ ކިބައިން ޖައްގާ ރެޑީ ވަނީ އެދިވަޑައިގެންފައެވެ. އެ އިލްތިމާސަށް ވަގުތުން އިޖާބަދެއްވަމުން، އެ ދާއިރާގެ ކޮންގްރެސް ކޮންވީނަރު ޖުލަކަންޓީ އަންޖަނޭޔުލޫ ވަނީ މި މަޝްރޫޢަށް ދެ ކްރޯޑް އިންޑިއަން ރުޕީސް ހަދިޔާކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ.

މި ދީލަތި އެހީއާއެކު ފިލްމުގެ އަމަލީ މަސައްކަތް ހަލުވިކަމާއެކު ފެށުމަށްޓަކައި، 50 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއެއް އެކުލަވާލުމަށް ޖައްގާ ރެޑީ ހުށަހެޅުއްވިއެވެ. މީގެ އިތުރުން، ސޯނިއާ ގާންދީގެ ޙަޔާތުގެ ތަޖުރިބާތަކަށް ޕާޓީގެ މެންބަރުން އަހުލުވެރިކުރުވުމުގެ ގޮތުން، އެ ކަމަނާގެ ފޮތުގެ ކޮޕީތައް ގެނެސް މެންބަރުންނަށް ބެހުމަށްވެސް ވަނީ ރާވާފައެވެ.

ސޯނިއާ ގާންދީ، ފިރިކަލުން އަދި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީއާއެކު--ފޮޓޯ/ފޭސްބުކް

މި ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދޭނީ ސޯނިއާ ގާންދީގެ އަމިއްލަފުޅު ދިރިއުޅުއްވުމާއި ސިޔާސީ ދަތުރުފުޅުގެ އެންމެ މުހިންމު މަރުޙަލާތަކެވެ. އެގޮތުން، ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ޅީދަރިފުޅުގެ ގޮތުގަ އާއި، ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީގެ އަނބިކަނބަލުންގެ ގޮތުގައި، އަދި ރާހުލް ގާންދީޗއާއި ޕްރިޔަންކާ ގާންދީގެ މަންމަގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތައް ފިލްމުގައި ފެނިގެންދާނެއެވެ.

ހަމައެއާއެކު، އިންދިރާ ގާންދީ އާއި ރާޖީވް ގާންދީ އަވަހާރަކޮށްލުމުގެ ހިތާމަވެރި ހާދިސާތަކާއެކު އެ ޢާއިލާއަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއި، އެ ދަތި ޙާލަތުގައި ކުދިން ތަރުބިއްޔަތު ކުރެއްވުމަށް ސޯނިއާ ދެއްކެވި އާދަޔާޚިލާފު ހިތްވަރު މި ފިލްމުން ސިފަކޮށްދޭނެއެވެ. އަދި އޭގެ ފަހުން އިންޑިއާގެ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން ކުރެއްވި ތާރީޚީ މަސައްކަތްޕުޅުތައްވެސް މި ފިލްމުގައި ގެނެސްދޭނެއެވެ.

މި ފިލްމު އިއުލާންކުރެއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖައްގާ ރެޑީ ވިދާޅުވި ގޮތުގައި، ކޮންގްރެސް ޕާޓީގެ ސިޔާސީ ނިޒާމަކީ ކަނޑެއްހާ ފުން ނިޒާމެއް ކަމަށާއި، ސޯނިއާ ގާންދީ ވަނީ އެ ސިޔާސަތުތައް ވަރަށް ފުރިހަމައަށް ދަސްކުރައްވާފައެވެ. އަދި ގާންދީ ޢާއިލާގެ ބޭފުޅަކު އަލުން އިންޑިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަކީ ރައްޔިތުން އިންތިހާއަށް އެދޭ ކަމެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢަށް މަރުޙަބާ ވިދާޅުވަމުން އަންދްރަ ޕްރަދޭޝް ކޮންގްރެސް ކޮމިޓީ (އޭޕީސީސީ)ގެ ނައިބު ރައީސް ވީ. ގުރުނާދަމް ވަނީ، ސޯނިއާ ގާންދީގެ ރުހުން ހޯއްދަވައިގެން، މުޅި އިންޑިއާގައި ކޮންގްރެސް ޕާޓީއަށް ކުރިއެރުން ލިބޭނެފަދަ ޝައުޤުވެރި ގޮތަކަށް މި ފިލްމު އުފެއްދުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް އިންތިޚާބުގެ ކުރިން ކުރު މުއްދަތެއްގެ ތެރޭގައި ފިލްމުގެ މަސައްކަތް ނިންމައި އާންމުންނާ ހަމައަށް ގެނެސްދިނުމަށްވެސް އޭނާ އިލްތިމާސް ކުރެއްވިއެވެ.

comment ކޮމެންޓް